ޝާހްރުކް ޚާންގެ މެނޭޖަރުގެ މުސާރަ ކިހާވަރެއް ބާ؟

ބޮލީވުޑްގެ ސުޕަސްޓާ އަދި ވިޔަފާރިވެރިޔާ ޝާހްރުޚް ޚާންގެ ޒާތީ އަދި ވިޔަފާރީގެ ހުރިހާ ކަމެއް ބަލަހައްޓަވާ އިސް މެނޭޖަރު ޕޫޖާ ދަދުލާނީގެ މުސާރައާއި މާލީ ތަފްސީލުތައް މީސް މީޑިއާގައި އާންމު ވެއްޖެއެވެ.

ފާއިތުވި 2012 ވަނަ އަހަރުން ފެށިގެން ޝާހްރުޚް ޚާންގެ މެނޭޖަރުގެ ގޮތުން މަސައްކަތްކުރަމުން އަންނަ އުމުރުން 42 އަހަރުގެ ޕޫޖާ ދަދުލާނީއަކީ، އެކްޓަރުގެ ފިލްމީ މަޝްރޫއުތަކާއި، ބްރޭންޑް އެންޑޯޒްމަންޓްތަކާއި، ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ކަންކަމުގެ އިތުރުން ކޮލްކަޓާ ނައިޓް ރައިޑާސް (ކޭކޭއާރު) ފްރެންޗައިޒްގެ ބައެއް މުހިންމު ކަންކަން ބަލަހައްޓާ އެންމެ އިސްވެރިޔާއެވެ.

ޚާންގެ މެނޭޖަރުގެ އަހަރީ މުސާރަ 7 ކްރޯޑާއި 9 ކްރޯޑު އިންޑިއާ ރުޕީސްއާ ދެމެދުގެ އަދަދަކަށް އަރައެވެ. އެއީ މަހަކު ގާތްގަނޑަކަށް 58 ލައްކާއި 75 ލައްކާ ދެމެދުގެ އަދަދެކެވެ. މިއީ އިންޑިއާގެ ސެލެބްރިޓީ މެނޭޖަރުންގެ ތެރެއިން އެންމެ މަތީ މުސާރައެއް ލިބޭ އެކަކު ކަމަށް ފާހަގަކުރެވެއެވެ.

މި އަދަދުތައް ބޭރު ފައިސާއަށް ބަދަލުކޮށް ބަލާއިރު، އަހަރީ މުސާރައަކީ ގާތްގަނޑަކަށް 737,000 އާއި 947,000 އެމެރިކާ ޑޮލަރެވެ. އަދި މަހެއްގެ މައްޗަށް ލިބޭ މިންވަރަކީ 61,000 އާއި 80 ހާސް އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިން މަހަކު 1.2 މިލިއަން އަށް އަރައެވެ.

މި މާލީ ތަފްސީލުތަކުގެ އިތުރުން، ހުރުން އިންޑިއާ ރިޗް ލިސްޓު 2026 ގައިވާ ގޮތުން، ޝާހްރުޚް ޚާންގެ ޖުމްލަ މިލްކިއްޔާތު ގާތްގަނޑަކަށް 1.05 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު ކޮންމެވެސް ވަރެއްގެ ދަށްވުމެކެވެ. ނަމަވެސް، މި އަދަދާއެކުވެސް އޭނާ ވެގެން ގޮސްފައިވަނީ އިންޑިއާގެ އެންމެ މުއްސަނދި ފިލްމީ ތަރީގެ ގޮތުގައެވެ.

މި ބޮޑު މުއްސަނދިކަމުގެ މައިގަނޑު އަސާސަކީ ހަމައެކަނި ފިލްމީ އެކްޓިންގ އިން ލިބޭ އުޖޫރައެއް ނޫނެވެ. އޭގެ ބަދަލުގައި، ފިލްމު އުފެއްދުމާއި، ފިލްމްތަކަށް ސްޕެޝަލް އެފެކްޓްސްގެ ގެ ޚިދުމަތދޭ ރެޑް ޗިލީޒް އެންޓަރޓެއިންމަންޓާއި، އައިޕީއެލްގެ ކޭކޭއާރު ޓީމުގެ ހިއްސާގެ އިތުރުން މުމްބާއީގައި ހުންނަ މަޝްހޫރު 'މަންނަތު' ގަނޑުވަރާއި ދުބާއީއާއި ލަންޑަންގައި ހުރި އަގުބޮޑު ރިއަލް އެސްޓޭޓް މިލްކިއްޔާތުތައް މިކަމުގައި މުހިންމު ދައުރެއް އަދާކުރެއެވެ.

ޝާހްރުޚް ޚާންގެ ވިޔަފާރީގެ ސްޓްރެޓެޖީ ވަނީ ހަމައެކަނި ފިލްމު ކުޅުމުގެ މައިދާނުން ބޭރުވެ، ބައިނަލްއަގުވާމީ ފެންވަރުގެ ވިޔަފާރިތަކާއި ކުޅިވަރު ފްރެންޗައިޒްތަކަށް ފުޅާވެފައެވެ.

މަސައްކަތުގެ މައިދާނުގައި ޝާހްރުޚް ޚާން މަޝްހޫރުވެފައިވަނީ ވަރަށް ބުރަކޮށް މަސައްކަތްކުރާ، ތަފްސީލަށް ސަމާލުކަންދޭ އަދި މުވައްޒަފުންނާ ގާތުން މަސައްކަތްކުރާ ވެރިއެއްގެ ގޮތުގައެވެ.

ހިއްސާ ކުރައްވާ!