12 ވަނަ ބްރިކްސް ޕާލަމެންޓްރީ ފޯރަމް ނިއުދިއްލީގައި ފަށައިފި 

އިންޑިއާގެ ވެރިރަށް ނިއުދިއްލީ ގައި ޕާލަމެންޓް ހައުސް ކޮމްޕްލެކްސްގައި 12 ވަނަ ބްރިކްސް ޕާލަމެންޓްރީ ފޯރަމް އިފްތިތާޙުކޮށްފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެން، ބްރިކްސްގެ މެމްބަރު ގައުމުތަކާއި ބައިވެރިވާ ގައުމުތަކުގެ ޚާއްސަ ވަފުދުތަކަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިއަދު ހެނދުނު 10:00 ގައި ފެށި މި ރަސްމިއްޔާތު އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅު ދެއްކެވީ ލޯކް ސަބާގެ ސްޕީކަރު އަދި މި ފޯރަމްގެ ޗެއަރމަން އޯމް ބިރްލާއެވެ. މި ފޯރަމްގެ ހަވާސާގައި ބޮޑުވަޒީރު މޯދީ ވަނީ ރަޝިޔާ ގެ ފެޑެރަލް އެސެމްބްލީގެ ސްޓޭޓް ޑޫމާގެ ޗެއަރމަން ވިއަޗެސްލާވް ވޮލޯޑިން އާއި ބޭރުގެ އިސް ޑިޕްލޮމެޓުން ނާއި މަންދޫބުންނާ ބައްދަލުކުރައްވާފައެވެ.

މި ފޯރަމްގައި ބްރިކްސްގެ މެމްބަރު 11 ގައުމަކުންނާއި، ޕާޓްނަރު 10 ގައުމަކުން ގާނޫނުހަދާ މަޖިލިސްތަކުގެ ވަފުދުތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ރަޝިޔާ އާއި ބްރެޒިލް ފަދަ ފުރިހަމަ މެމްބަރު ގައުމުތަކުގެ އިތުރުން، 2025 ވަނަ އަހަރު ޕާޓްނަރު ގައުމުތަކުގެ ގޮތުގައި ހަމަޖެއްސި ޔޫގަންޑާއާއި ކިއުބާގެ ވަފުދުތައް ހިމެނެއެވެ.

ބްރިކްސް އިއްތިހާދަކީ ދުނިޔޭގެ އާބާދީގެ ދެބައިކުޅައެއްބައި އާބާދީ ހިއްސާކުރާ، އަދި ދުނިޔޭގެ ޖީޑީޕީގެ 40 އިންސައްތައާއި ބައިނަލްއަގުވާމީ ވިޔަފާރީގެ 24 އިންސައްތަ ކޮންޓްރޯލްކުރާ ވަރުގަދަ ޖަމާއަތެކެވެ.

ހިއްސާ ކުރައްވާ!