އިންޑިއާގެ ފިޒިކްސް މާހިރު އަޝޯކް ސެންއަށް ޝަރަފުވެރި އޮސްކާ ކްލެއިން މެޑަލް ލިބިވަޑައިގެންފި

ތިއޮރެޓިކަލް ފިޒިކްސްގެ ދާއިރާއަށް ކޮށްދެއްވާފައިވާ ބޮޑެތި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ 2026 ވަނަ އަހަރުގެ ޝަރަފުވެރި "އޮސްކާ ކްލެއިން މެޑަލް" އިންޑިއާގެ މަޝްހޫރު ފިޒިކްސް މާހިރު އަޝޯކް ސެންއަށް ލިބިވަޑައިގެންފިއެވެ. މިއީ މި ޝަރަފުވެރި އިނާމު އިންޑިއާގެ ސައިންސްވެރިއަކަށް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ބެންގަލޫރުގައި ހުންނަ އިންޓަރނޭޝަނަލް ސެންޓަރ ފޯ ތިއޮރެޓިކަލް ސައިންސަސް (އައިސީޓީއެސް) ގެ އައިސީޓީއެސް-އިންފޯސިސް މާދަވާ ޗެއާ ޕްރޮފެސަރުގެ މަގާމު ފުރައްވަމުންދާ އަޝޯކް ސެންއަށް މި މެޑަލް ހަވާލުކޮށްފައި ވަނީ ސްވިޑަންގެ ސްޓޮކްހޯމް ޔުނިވަރސިޓީގެ އަލްބަނޯވާ ޔުނިވަރސިޓީ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ސެން ވަނީ "ގްރެވިޓީ ފްރޮމް ސްޓްރިންގްސް އެންޑް ސްޓްރިންގްސް ފްރޮމް ގްރެވިޓީ" ގެ ނަމުގައި އޮސްކާ ކްލެއިން މެމޯރިއަލް ލެކްޗަރުވެސް ދެއްވާފައެވެ.

އަޝޯކް ސެންއަށް މި މެޑަލް ދީފައި ވަނީ ސްޓްރިންގް ތިއަރީގެ ދާއިރާއިން އޭނާ ހޯއްދަވާފައިވާ އިންގިލާބީ ކުރިއެރުންތަކަށް ބަލައިގެންނެވެ. އެގޮތުން އެސް-ޑުއަލިޓީއާއި، ބްލެކް ހޯލް އެންޓްރޯޕީގެ ސައްހަ ހިސާބުތައް ހެއްދެވުމުގެ އިތުރުން ސްޓްރިންގް ފީލްޑް ތިއަރީގެ ދާއިރާއަށް އޭނާ ވަނީ މުހިންމު ހޯދުންތަކެއް ހޯއްދަވާފައެވެ. ކުއަންޓަމް މެކޭނިކްސްއާއި ގްރެވިޓީގެ ބާރުތައް އެއްގޮތްކޮށް، ކައިނާތުގެ އަސާސީ މާއްދާތަކަކީ ތުރުތުރުއަޅާ ކުދި ސްޓްރިންގްތަކެއްގެ ގޮތުގައި ސިފަކޮށްދޭ ސްޓްރިންގް ތިއަރީގެ ސްޓްރެޓެޖީ އިތުރަށް ހަރުދަނާކުރުމުގައި ސެންގެ މަސައްކަތްތައް ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ.

  • 1988 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި މެޑަލްއަކީ ސްވިޑަންގެ ތިއޮރެޓިކަލް ފިޒިކްސް މާހިރު އޮސްކާ ކްލެއިންގެ ނަމަށް ނިސްބަތްކޮށް، ސްޓޮކްހޯމް ޔުނިވަރސިޓީއާއި ރޯޔަލް ސްވިޑިޝް އެކަޑެމީ އޮފް ސައިންސަސްގެ ނޯބެލް ކޮމިޓީ ފޯ ފިޒިކްސްއިން ކޮންމެ އަހަރަކު ދެމުން އަންނަ މެޑަލްއެކެވެ.
  • މީގެ ކުރިން މި މެޑަލް ހާސިލުކުރެއްވި ބޭފުޅުންގެ ތެރޭގައި ސްޓީވަން ހޯކިންގް، ޕީޓަރ ހިގްސް، ކިޕް ތޯން، ޗެން-ނިންގް ޔަންގް، ސްޓީވަން ވެއިންބާގް އަދި ހާންސް ބެތޭ ފަދަ ދުނިޔޭގެ މަޝްހޫރު ސައިންސްވެރިން ހިމެނެއެވެ.

އަޝޯކް ސެންއަކީ މީގެ ކުރިންވެސް ބައިނަލްއަގުވާމީ އަދި ގައުމީ ދާއިރާގައި ގިނަ ޝަރަފުތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން:

  1. 2012 ވަނަ އަހަރު ބްރޭކްތުރޫ ޕްރައިޒް އިން ފަންޑަމެންޓަލް ފިޒިކްސް،
  2. 2014 ވަނަ އަހަރު ޑިރާކް މެޑަލް،
  3. އިންޑިއާ ސަރުކާރުން ދެއްވާ ޕަދްމަ ޝްރީ (2001)
  4. ޕަދްމަ ބޫޝަން (2013) ޝަރަފު

1998 ވަނަ އަހަރު އޭނާ ވަނީ އިނގިރޭސިވިލާތުގެ ރޯޔަލް ސޮސައިޓީގެ ފެލޯއެއްގެ ގޮތުގައި އިންތިޚާބުވެފައެވެ.

ހިއްސާ ކުރައްވާ!