ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ މައިގަނޑު ޒިންމާ ނަގަންޖެހޭނީ ތަރައްޤީވެފައިވާ ޔޫރަޕުގެ ގައުމުތަކުން ކަމަށް ބުނެ، އިންޑިއާގެ ޔޫނިއަން މިނިސްޓަރު ޕިއުޝް ގޯޔަލް ޔޫރަޕުގެ ތިމާވެށީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެއްޖެއެވެ. ބާލިން ގްލޯބަލް ޑައިލޮގް 2026 ގެ ސުވާލާއި ޖަވާބު ސެޝަނެއްގައި ވާހަކަދައްކަވަމުން ގޯޔަލް ވަނީ ތިމާވެށީގެ ބޮޑު ކާރިސާ އުފެދުނީ ކާކުގެ ސަބަބުންތޯ ސުވާލު ކުރައްވާފައެވެ.
"މި ހުރިހާ ގަޑުބަޑެއްގެ މައިގަނޑު ޒިންމާ ނަގަންޖެހެނީ ކާކު؟ އޯޒޯން ފަށަލައަށް ގެއްލުންދިނީ ކާކު؟ އެހާ ގިނަ ކާބަން ޖައްވުގެ ތެރެއަށް ފޮނުވާލީ ކާކު؟" ގޯޔަލް ސުވާލު ކުރެއްވިއެވެ.
ޕެނަލްގައި އިންނެވި އެހެން ބޭފުޅަކު "އަހަރެމެން އެންމެން" ކަމަށް ވިދާޅުވުމުން، ގޯޔަލް ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޑިއާއަކީ ދުނިޔޭގެ އާބާދީގެ 17 އިންސައްތަ ހިއްސާކުރާ ގައުމެއް ކަމުގައިވި ނަމަވެސް، ދުނިޔޭގެ ކާބަން ބޭރުކުރުމުގައި އިންޑިއާގެ ހިއްސާއަކީ 3 އިންސައްތައަށްވުރެ މަދު މިންވަރެކެވެ.
ގޯޔަލް ފާހަގަކުރެއްވި މައިގަނޑު ނުކާތައް:
- ޔޫރަޕަކީ ދުނިޔޭގެ އާބާދީގެ އެންމެ 3 ނުވަތަ 4 އިންސައްތަ ނަމަވެސް، ކާބަން ބޭރުކުރާ މިންވަރު ޔޫރަޕްގައި އިންތިހާއަށް މަތިއެވެ.
- އިންޑިއާގެ ކާބަން ބޭރުކުރުން އަދިވެސް އުޅެނީ ޔޫރަޕަށްވުރެ 10 އިން 15 އިންސައްތަ ދަށުގައެވެ.
- ޔޫރަޕުން "ކާބަން ބޯޑަރ އެޑްޖަސްޓްމަންޓް މެކޭނިޒަމް" ތައާރަފުކޮށް، ދަގަނޑު އެތެރެކުރުމަށް 50 އިންސައްތައިގެ ޑިއުޓީއެއް ނެގުމަކީ އަމިއްލައަށް ލިބިގަންނަ ބޮޑު ގެއްލުމެކެވެ. އޭގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ކުންފުނިތަކުގެ ވާދަވެރިކަން ކުޑަވާނެއެވެ.
- ތަރައްޤީވެފައިވާ ގައުމުތަކުން އިގްތިސާދު ކުރިއަރުވައި ހެޔޮއަގުގައި ހަކަތަ ހޯދުމަށް މާޒީގައި ވަނީ ގިނަ އަދަދަކަށް ކޯލާ ދެލި އަންދާފައެވެ.
"މި މައްސަލަ އުފެދުނީ ތިޔަބޭފުޅުންގެ ސަބަބުން… ތިޔަބޭފުޅުން ބޭނުންވީ ކުރިއަރަން، ހެޔޮއަގުގައި ހަކަތަ ހޯދަން." ޕިޔުއުޝް ގޯޔަލް
މީގެއިތުރުން، 2015 ގެ ޕެރިސް އެގްރީމެންޓްގެ ދަށުން ތަރައްޤީވަމުންދާ ގައުމުތަކަށް އެހީވުމަށް ތަރައްޤީވެފައިވާ ގައުމުތަކުން އަހަރަކު 100 ބިލިއަން ޑޮލަރު ދިނުމަށް ވެފައިވާ ވައުދަށް 11 އަހަރު ވެގެންދިޔައިރުވެސް އެއްވެސް އަމަލީ ސިފައެއް އައިސްފައިނުވާކަންވެސް ގޯޔަލް ފާހަގަކުރެއްވިއެވެ.


