އަލްބޭނިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މަގުތަކަށް އަލުން މީހުން ނުކުމެެއްޖެ

އަލްބޭނިއާގެ ސަރުކާރާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާތައް ކޮންޓްރޯލްކުރުމަށް ބޮޑުވަޒީރު އީދީ ރާމާ އާ ފިޔަވަޅުތަކެއް އިއުލާނު ކުރެއްވި ކަމުގައި ވިޔަސް، އެ ގައުމުގެ ވެރިރަށް ޓިރާނާގެ މަގުތަކަށް އާންމުންނާއި ދަރިވަރުން ނުކުމެ އަލުން ވަރުގަދައަށް މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ.

ވާރޭވެހެމުންދިޔަ ދަނޑިވަޅެއްގައި މުޒާހަރާގެ ބައިވެރިން ވަނީ ތައުލީމީ ވުޒާރާގެ ކުރިމައްޗަށް އެއްވުމަށްފަހު ބޮޑުވަޒީރުގެ އޮފީހާ ދިމާއަށް މިސްރާބު ޖަހާފައެވެ. އަދި ސަރުކާރާއެކު މަޝްވަރާކުރުމަށް ސުލްހައިގެ ދައުވަތެއްގެ ގޮތުން ބޮޑުވަޒީރު ރާމާ އޮފީސް ކުރިމަތީގައި ބެހެއްޓެވި ގޮނޑިތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ އަލިފާން ރޯކޮށްފައެވެ.

މި މަހު ޓިރާނާގެ މަރުކަޒީ ސަރަހައްދުތަކުން ފެށިގެން އެހެން ރަށްތަކަށް ފެތުރިގެންދިޔަ މުޒާހަރާތަކަކީ ދަރިވަރުން އިސްނަގައިގެން، ސަރުކާރުގެ ކޮރަޕްޝަނާއި، ވަޒީފާގެ ފުރުސަތުތައް މަދުވުމުގެ އިތުރުން ތައުލީމީ ފެންވަރު ދަށަށް ދިއުމާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން ފެށި ހަރަކާތްތަކެކެވެ. ބޮޑުވަޒީރު ރާމާގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާވެރިން ދަނީ ސަރުކާރުގެ އިމާރާތްތަކާއި ބޭންކުތަކުގައި ހުޅުޖަހައި ފިހާރަތަކުގެ ބިއްލޫރިތައް ތަލައި މަގުތަކުން ގާ ނައްޓައިގެން ފުލުހުންނަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ.

އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބޮޑުވަޒީރު ރާމާ ވަނީ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އިއުލާނު ކުރައްވާފައެވެ. އޭގެ ތެރޭގައި، މުޒާހަރާއެއްގައި ސީދާ އަނިޔާވެރި އަމަލެއް ނުހިންގި ކަމުގައި ވިޔަސް ބައިވެރިވާ ކޮންމެ މީހަކު 500,000 ލެކް (6,188 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރުން ހިމެނެއެވެ.

ވީޑިއޯ މެސެޖެއް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ރާމާ ވިދާޅުވީ، އަނިޔާވެރިކަމާއި ހަމަނުޖެހުން އުފައްދައގެން މަގާމުން އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރެވޭނެ ކަމަށް މުޒާހަރާ ކުރާމީހުން ގަބޫލުކުރާނަމަ އެއީ ހީކުރެވޭ ކުށް ހީއެއް ކަމަށެވެ. ނަމަވެސް، މުޒާހަރާ ކުރާ މީހުން އެދޭ ކޮންމެ ކަމަކީ މުޅިން ގޯސް ކަންކަން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއީ 2013 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަމުން ގެންދަވާ އަދި ވޭތުވެދިޔަ އަހަރު ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ރާމާއަށް ކުރިމަތިވި އެންމެ ބޮޑު ސިޔާސީ ގޮންޖެހުމެވެ.

ރާމާ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނާއަށް ޖަޒިރާއެއްވެސް ވިއްކަވާފައެވެ. އެކަމާ ގުޅިގެން ވެސް އާންމުން ވަނީ އޭނާއާ ދެކޮޅަށް އަޑު އުފުލާފައެެވެ.

ހިއްސާ ކުރައްވާ!