ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވޮޝިންގޓަން ޑީސީއަށް ކުރެއްވި ޒިޔާރަތާ ދިމާކޮށް، ޓިބެޓުގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން ބޮޑެތި މުޒާހަރާތަކެއް ފަށައިފިއެވެ. މި މުޒާހަރާތަކުގެ ތެރެއިން ޗައިނާއަށް ތާއީދުކުރާ ފަރާތްތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފައި ވެއެވެ.
އެމެރިކާގެ ކެޕިޓަލް ސަރަހައްދުގަޔާއި ރައީސް ޝީގެ މޮޓޯކޭޑު ދަތުރުކުރި މަގުތަކުގައި ޓިބެޓުގެ ދިދައާއި "ޝީއަށް މަރުޙަބާއެއް ނެތް، ޓިބެޓް މިނިވަންކުރޭ" ލިޔެފައިވާ ބެނާތައް ހިފައިގެން މުޒާހަރާކުރި އިރު، ޗައިނާއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ޗައިނާގެ ދިދަތައް ބޭނުންކޮށްގެން އެ ބެނާތައް ނިވާކުރުމަށް މަސައްކަތްކޮށްފައެވެ.
އިނޓަނޭޝަނަލް ޓބެޓް ނެޓްވޯކް (އައިޓީއެން) ގެ އެކްޓިވިސްޓެއް މީސް މީޑިއާ ގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން ޓިބެޓުގެ ރައްޔިތުން ހިމޭނުން ނުތިބޭނެ ކަމަށާއި، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާ ދެކޮޅަށް ވަކާލާތުކުރުމުގައި ދެމިތިބޭނެ ކަމަށެވެ.
މި މުޒާހަރާތައް އިތުރަށް ފުޅާކުރުމަށް 12 ޖަމިއްޔާއެއް ގުޅިގެން ވަނީ ރާވާފައެވެ. މި ހަރަކާތްތަކުގައި އެމެރިކާއާއި ކެނެޑާއިން 1،200 އަށްވުރެ ގިނަ ތިބެތު މީހުންގެ އިތުރުން، އުއިގުރު، ހޮންކޮންގު އަދި ސަައުތު މޮންގޯލިއާގެ ޖަމާއަތްތަކުން ބައިވެރިވާނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ. އުއިގުރު އެކްޓިވިސްޓެއް ކަމަށްވާ ސުބިހީ ހާމަކުރި ގޮތުގައި، އެކަކަށްވުރެ ގިނަ މިލިއަން އުއިގުރު މީހުން ވަނީ ޗައިނާގެ ބަންދުކުރާ ކޭމްޕްތަކުގައި ހައްޔަރުކޮށްފައެވެ. އަދި ޗައިނާގެ ސިޔާސަތުތަކުގެ ސަބަބުން ތިބެތުގެ އައިޑެންޓިޓީއާއި ހޮންކޮންގުގެ ޑިމޮކްރެސީގެ ނިޒާމު ފުނޑުފުނޑުވަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މި މުޒާހަރާތަކުގެ އިތުރުން، ސެޕްޓެމްބަރު 22 ވަނަ ދުވަހު "ސްޓޫޑެންޓްސް ފޯ އަ ފްރީ ޓިބެޓް" ގެ އެކްޓިވިސްޓެއް ކަމަށްވާ ތެންޒިން ނާމްގްޔާލް ވަނީ 30 ފޫޓު އުސް މަގުބައްތިއަކަށް އަރައި، ޗައިނާގެ ސަރުކާރާ ދެކޮޅު ބެނާއެއް ހަރުކުރުމާ ގުޅިގެން ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.
ޗައިނާގެ ސަފާރާ ކުރިމަތީގަޔާއި ވޮޝިންގޓަންގެ މުހިންމު ސަރަހައްދުތަކުގައި މުޒާހަރާތައް ކުރިއަށްގެންގޮސްފައި ވެއެވެ.





