އެމެރިކާއިން ނޮވެމްބަރު މަހު އަލުން ހަނގުރާމައަށް ނިކުންނަނީ

އީރާނުން ހުށަހެޅި ހަތް ދުވަހުގެ ޞުލްޙައިގެ މަގުޗާޓު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވައި، އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ކޮންގްރެސްގެ މިޑްޓަރމް އިންތިޚާބަށްފަހު އީރާނަށް ހަމަލަ ދިނުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އދގެ ޢާންމު މަޖިލީހުގެ ހަވާސާގައި ގަތަރުގެ މެދުވެރިން މެދުވެރިކޮށް އީރާނުން އެމެރިކާއަށް ހުށަހެޅި މި ޕްލޭނުގައިވަނީ، އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ހިޞާރު އުވާލައި، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދީ، ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމާއެކު ހަތް ދުވަހުގެ ތެރޭގައި ހުރުމުޒު ކަނޑުއޮޅި ހުޅުވާލާނެކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި މެދުއިރުމަތީގެ މައިދާންތަކުގައި ކުރިއަށްދާ އެންމެހައި ޢަސްކަރީ ކަންކަން ހުއްޓައިލުމަށްވެސް އީރާނުން ހުށަހެޅިއެވެ.

ނަމަވެސް، ވޯލް ސްޓްރީޓް ޖަރނަލްއިން އެމެރިކާގެ މަސްއޫލުވެރިންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން އެމެރިކާގެ ޝަރުޠުތަކަށް ފުރިހަމައަށް އަމަލުކުރާނެކަމާމެދު ޓްރަމްޕް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އިންތިޚާބު ނިމުމުން އީރާނުގެ އެކި ސަރަޙައްދުތަކަށް ބިން އަޅަން ފެށުމަށް ޓްރަމްޕްގެ އަރިސް މުޝީރުންނަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ނިއުޔޯކުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް އެންމެ މުހިންމު ސަރަޙައްދު ކަމުގައިވާ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. "އެމެރިކާގެ ފަރާތުން އެއްބަސްވުމަކަށް އައުމަށް ސީރިއަސްކަމެއް ފެނިއްޖެނަމަ، ހުރިހާ ކަމަކަށް އީރާނުން އޮތީ ތައްޔާރަށް،" ޢަރާޤްޗީ ވިދާޅުވިއެވެ. ނަމަވެސް އީރާނުގެ ސިޔާދަތީ ޙައްޤުތަކަށް އެއްވެސް މަޖުބޫރުކަމެއްގެ ދަށުން ދޫނުދޭނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

މިއަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދޭންފެށި ސޮލީބީ ސަހުޔޫނީ ހަމަލާތަކާއެކު ފެށި މި ހަނގުރާމައިގެ ސަބަބުން، މުޅި މެދުއިރުމަތީގެ މަސްރަހު ވަނީ ނުހަނު ނުރައްކާތެރި ދާއިރާއަކަށް ބަދަލުވެފައެވެ. އީރާނާ ގުޅުންހުރި ޖަމާޢަތްތަކުން ގަލްފްގެ ސަރަޙައްދުތަކަށާއި، ރެޑްސީގައިވާ އުޅަނދުފަހަރަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށާއި ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.

ހިއްސާ ކުރައްވާ!