ހިމާލަޔާ ސަރަޙައްދުގެ ތިމާވެއްޓަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކާ މެދު ދުނިޔޭގެ ލީޑަރުން ސަމާލުވުމަށް ނޭޕާލްގެ ބޮޑުވަޒީރު ބަލެންދުރަ ޝާހު އދ. ގެ ޢާންމު މަޖިލީހުގައި ގޮވާލައްވައިފިއެވެ. އުމުރުފުޅުން 36 އަހަރުގެ ބޮޑުވަޒީރު، އދ. ގެ ޢާންމު މަޖިލީހުގައި ދެއްވި ފުރަތަމަ ތަޤްރީރުގައި އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ އޭނާގެ ސިޔާސީ އަދި ސަގާފީ އައިޑެންޓިޓީގެ މުހިންމު ބައެއް ކަމަށްވާ، އަބަދުވެސް އަޅުއްވާ ކަޅު އައިނު އަޅުއްވައިގެން ހުންނެވި ހުންނެވުމެވެ.
އދ. ގެ ޢާންމު މަޖިލީހުގެ ތަޤްރީރުގައި، އޭނާގެ މަޝްހޫރު ކަޅު އައިނުގެ އިތުރުން ނޭޕާލްގެ ސަގާފީ ކަޅު ތޮއްޕާއި ކަޅު ކޯޓު ހިމެނޭ "ޔުނިފޯމް" ގައި ހުންނަވައިގެން، ބޮޑުވަޒީރު ބަލެން ޝާހު ވަނީ ފަރުބަދަމަތީގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
'ކަތަމަންޑޫ ޕޯސްޓް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު ޝާހު އައިނު އަޅުއްވާނެ ވަގުތުތަކާއި އުޞޫލުތައް ހުންނަނީ ވަރަށް ޚާއްސަ ގޮތަކަށް ކަނޑައެޅިފައެވެ. އެގޮތުން ޕާލަމެންޓް ސެޝަންތަކާއި، އާންމު ރަސްމިއްޔާތުތަކާއި، ސިފައިންގެ ޕެރޭޑްތަކުގެ އިތުރުން ބޭރުގެ ސަފީރުންނާއެކު ނަންގަވާ ފޮޓޯތަކުގައި އަބަދުވެސް އައިނު އަޅުއްވައެވެ. ނަމަވެސް ކެބިނެޓް ބައްދަލުވުންތަކާއި، އަމިއްލަ ބައްދަލުވުންތަކުގައި އެ އައިނު ނަންގަވައެވެ.
ރެޕް ލަވަކިޔުންތެރިއެއްގެ ގޮތުގައި އުޅުއްވުމަށްފަހު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި ޝާހު، 2022 ވަނަ އަހަރު އަމިއްލަ ގޮތުން ވާދަކުރައްވައި ކަތަމަންޑޫގެ މޭޔަރުކަން ކާމިޔާބުކުރެއްވީ ސިޔާސީ ބޮޑުން ހައިރާންކޮށްލުމަށްފަހުއެވެ. އޭގެފަހުން 2025 ސެޕްޓެމްބަރުގައި ޒުވާނުން ނުކުމެ ހިންގި ހަރަކާތްތަކުގައި ކޭ.ޕީ ޝަރުމާ އޯލީގެ ސަރުކާރު ވައްޓާލުމަށްފަހު، މިއަހަރުގެ މާޗް މަހު ބޭއްވި އާންމު އިންތިޚާބު އޭނާގެ 'ރާޝްޓްރީޔާ ސުވަތަންތުރަ ޕާޓީ' އިން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށް، ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގެންނެވިއެވެ.
ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ އައިނު ނެންގެވީ އެންމެ ތިން ފަހަރަކުއެވެ. އެއީ ނޭޕާލްގެ ދެކުނުގައި ހިންގި ހަމަނުޖެހުންތަކަށްފަހު އާންމުންނާ މުޚާތަބުކުރެއްވި ވަގުތާއި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގި ސަރަޙައްދުތަކަށް ކުރެއްވި ޒިޔާރަތުގައެވެ. އަދި ތިންވަނަ ފަހަރަކީ އޭނާއަށް ތާއީދުކުރާ ފަރާތްތަކަށް "ލޯބިވާ" ކަމަށް ވިދާޅުވި ވަގުތުގައެވެ.
ޕާލަމެންޓްގެ ރިޔާސަތުން އަވި އައިނު އެޅުން މަނާކުރުމުންވެސް، ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފައިވަނީ އެއީ ލޮލުގެ އަލީގެ ރައްކާތެރިކަމަށްޓަކައި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން އަޅުއްވާ އައިނެއް ކަމަށެވެ. މީސް މީޑިއާ މެދުވެރިކޮށް މުއާމަލާތްކުރައްވާ ބޮޑުވަޒީރުގެ މި ސްޓައިލަކީ މިހާރު ނޭޕާލްގެ ޒުވާނުންގެ މެދުގައި މަގުބޫލު، އަދި ވިޔަފާރިތަކުގައިވެސް ބޭނުންކުރަމުންދާ ބްރޭންޑެކެވެ.





