ތަރަްގީ ވަމުންދާ ދެކުނުގެ ޤައުމުތައް ނުވަތަ "ގްލޯބަލް ސައުތު" ގެ ޤައުމުތަކަށް ބައިނަލްއަޤްވާމީ މަޝްވަރާތަކުގައި ބޮޑު ހިއްސާއަކާއި ފުރިހަމަ ތަމްސީލުވުމެއް ހޯދައިދިނުމަށާއި، އދ. ގެ ސެކިއުރިޓީ ކައުންސިލަށް އަވަސް އިސްލާޙުތަކެއް ގެނައުމަށް އިންޑިއާއިން ގޮވާލައިފިއެވެ.
ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ގްރޫޕް އޮފް 77 ގެ ޚާރިޖީ ވަޒީރުންގެ 50 ވަނަ އަހަރީ ބައްދަލުވުމުގައި އިންޑިއާގެ ޤައުމީ ބަޔާން އިއްވަވަމުން، އެ ޤައުމުގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވަނީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުޞޫލުތައް ހަމައެކަނި ތަންފީޒުކުރާ ބައެއްގެ ގޮތުގައި ތިބުމުގެ ބަދަލުގައި، އެ އުޞޫލުތައް އެކުލަވާލާ ފަރާތްތަކުގެ ގޮތުގައި ގްލޯބަލް ސައުތުގެ ޤައުމުތައް ހަރަކާތްތެރިވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"ގްލޯބަލް ސައުތު އެންޑް ދަ ފިއުޗަރ އޮފް މަލްޓިލެޓަރަލިޒަމް" ދުނިޔޭގެ ދެކުނުގެ ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރުމުގެ މުސްތަޤުބަލާ ގުޅޭގޮތުން ބޭއްވި މި ސަމިޓް ގައި ވާހަކަދައްކަވަމުން މިސްރީ ވިދާޅުވީ، ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ތަރައްޤީގެ މަލްޓިލެޓަރަލިޒަމް ކަންކަން ކުރިއެރުވުމުގައި ޖީ77 ގެ ދައުރު އަދިވެސް ނުހަނު ބޮޑު ކަމަށެވެ. އަދި ތަރައްގީ ވަމުން އަންނަ ޤައުމުތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ނިޒާމު އިސްލާޙުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ޚާއްސަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އދ. ގެ ތެރޭގައި ހަރަކާތްތެރިވާ ތަރައްގީ ވަމުން އަންނަ ޤައުމުތަކުގެ އެންމެ ބޮޑު ސަރުކާރުތަކުގެ އިއްތިހާދު ކަމަށްވާ ޖީ77 އުފެދުނީ 1964 ވަނަ އަހަރުގެ ޖޫން 15 ގައެވެ. ފެށުނުއިރު 77 ޤައުމު ހިމެނުނު ނަމަވެސް، ތާރީޚީ މުހިންމުކަމަށްޓަކައި އެ ނަން ދަމަހައްޓައިގެން މިހާރު އެ ގްރޫޕުގައި 134 ޤައުމު ބައިވެރިވެއެވެ. މިއީ ބައިނަލްއަޤްވާމީ އިޤްތިޞާދީ މައްސަލަތަކުގައި އިޤްތިޞާދީ މަސްލަޙަތުތައް ދިފާޢުކޮށް، ގުޅިގެން މަޝްވަރާކުރުމަށް އޮތް މުހިންމު މައިދާން އެކެވެ.
ޖީ77 ގެ ރިޔާސަތު ސަރަޙައްދީ އުޞޫލުން އެފްރިކާ، އޭޝިއާ-ޕެސިފިކް، އަދި ލެޓިން އެމެރިކާ އާއި ކެރީބިއަންގެ މެދުގައި ކޮންމެ އަހަރަކު ބަދަލުވަމުންދާއިރު، 2026 ވަނަ އަހަރަށް ނިއުޔޯކުގައިވާ ޖީ77 ގެ ރިޔާސަތު ބަލަހައްޓަނީ އުރުގުއޭއިންނެވެ. މިފަދަ ނިޒާމީ ފަސްމަންޒަރެއްގެ ތެރެއިން އިންޑިއާއިން އދ. ގެ ސެކިއުރިޓީ ކައުންސިލް އިސްލާޙުކުރުމަށް އަޑުއުފުލީ، ދުނިޔޭގެ ސިޔާސީ އަދި އިޤްތިޞާދީ މަސްރަހު ބަދަލުވަމުންދާ ދަނޑިވަޅެއްގައި، ބައިނަލްއަޤްވާމީ ނިންމުންތައް ނިންމުމުގައި އުފެދެމުންދާ ޤައުމުތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ މަޤްޞަދުގައެވެ.






