އިންޑިއާގެ ސިނަމާގެ އެންމެ ޝަރަފުވެރި އެއް ހަފްލާ ކަމަށްވާ 72 ވަނަ ނޭޝަނަލް ފިލްމު އެވޯޑްސްގައި، "އާޓިކަލް 370″ އިން ދެއްކި މޮޅު އެކްޓިންއަށް އެންމެ މޮޅު އެކްޓްރެސްގެ ގައުމީ އެވޯޑް މަޝްހޫރު ފިލްމީ ތަރި ޔާމީ ގޯތަމް ހޯދައިފިއެވެ. މި ޝަރަފުވެރި އެވޯޑް ޔާމީއާ ހަވާލުކޮށްދެއްވީ އިންޑިއާގެ ރައީސް ދްރޯޕަދީ މުރުމޫއެވެ. މިއީ ޔާމީގެ ފިލްމީ ހަޔާތުގައި އޭނާއަށް ލިބުނު ފުރަތަމަ ނޭޝަނަލް ފިލްމު އެވޯޑެވެ.
އެވޯޑް ޙަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު މީސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޔާމީ ބުނީ، މިއީ އޭނާގެ ހަޔާތުގައި ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. އަދި އަމިއްލަ ރަށުން ބޮޑެތި އުއްމީދުތަކާއެކު މުމްބާއީ ފަދަ ބޮޑެތި ސިޓީތަކަށް އަންނަ ކޮންމެ ފަންނާނަކަށްވެސް މިއީ ދެކޭނެ އެންމެ ބޮޑު ހުވަފެން ކަމަށް އޭނާ ފާހަގަކުރިއެވެ. މިއީ ލިބުނު ބޮޑު ކާމިޔާބީއެއް ނަމަވެސް، ފިލްމީ ދާއިރާއިން އަދިވެސް އުނގެނެންޖެހޭ އަދި ޙާސިލުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން އޭނާ ވަނީ ގަބޫލުކޮށްފައެވެ.
ޔާމީ ބުނި ގޮތުގައި، ޚާއްސަ އަދި ތާރީޚީ މައިދާނެއްގައި މިފަދަ ބޮޑު އެވޯޑެއް ލިބުމަކީ ބުނެދޭން ނޭނގޭފަދަ ފަޚުރެއް އިޙްސާސްވާ ކަމެކެވެ. މުރާލިކަމާއެކު މަސައްކަތް ކުރަމުންދާނަމަ، ކޮންމެވެސް އެއް ދުވަހަކުން އޭގެ ހައްގު ނަތީޖާ ލިބޭނެ ކަމަށާއި، މި އެވޯޑާއެކު ކުރިއަށް އޮތް ތަނުގައި އިތުރު މޮޅު މަސައްކަތްތަކެއް ކުރުމަށް ހިތްވަރު ލިބިގެންގޮސްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އަދިއްޔާ ސުހާސް ޖަމްބާލޭ ޑައިރެކްޓްކޮށްފައިވާ "އާޓިކަލް 370″ އަކީ 2019 ވަނަ އަހަރު އިންޑިއާގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް (އާޓިކަލް 370) އުވާލުމާ ގުޅިގެން ހިންގި ސިޔާސީ އަދި ސެކިއުރިޓީ ހަރަކާތްތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އަދިއްޔާ ދާރް، މޮނާލް ތާކަރު އަދި އަރުޖުން ދަވާންގެ އިތުރުން ޑައިރެކްޓަރު އަދިއްޔާ ސުހާސްއެވެ.
2024 ވަނަ އަހަރުގެ ފެބްރުއަރީ 23 ގައި މުޅި ދުނިޔެއަށް އާންމުކޮށް ހުޅުވާލި މި ފިލްމަކީ 20 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ތައްޔާރުކުރި ފިލްމެކެވެ. ނަމަވެސް ބޮކްސް އޮފީހުގައި މި ފިލްމަށް ބޮޑު ތަރުހީބެއް ލިބި، 110 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ހޯދާފައެވެ.
72 ވަނަ ނޭޝަނަލް ފިލްމު އެވާޑްސްގައި ޔާމީ ގޯތަމްއަށް ލިބުނު އެންމެ މޮޅު އެކްޓްރެސްގެ އެވޯޑުގެ އިތުރުން، "އާޓިކަލް 370″ ވަނީ އެންމެ މޮޅު ފީޗާ ފިލްމުގެ އެވޯޑާއި، އެންމެ މޮޅު މިއުޒިކް ޑައިރެކްޝަން (ޝަޝްވަތު ސަޗްދޭވް) ގެ އެވޯޑުވެސް ކާމިޔާބުކޮށްފައެވެ. މި ފިލްމުގައި ޔާމީ ގޯތަމްގެ އިތުރުން ޕްރިޔާމަނީ، ސުކަންދް ތާކުރު، އަޝްވިނީ ކައުލް، ވައިބަވް ތަތުވާވާދީ، އަރުން ގޮވިލް އަދި ކިރަން ކަރްމާރްކަރު ފަދަ ތަރިން ހިމެނެއެވެ.




