1985 ވަނަ އަހަރު ގޮއްވާލި އެއާ އިންޑިއާ ފްލައިޓް 182 ("ކަނިޝްކާ" ބޮމުގެ ހަމަލާ) ގެ މައްސަލައިގައި އިތުރަށް އަލިއެޅުވިދާނެ ހެކިތައް ހުސްވެ، އެ މައްސަލައިގެ ތަހުގީގު ހުއްޓާލުމަށް ކެނެޑާގެ ފުލުހުން ނިންމުމާ ގުޅިގެން، ހަމަލާގައި މަރުވި މީހުންގެ އާއިލާތަކުން ވަރަށް ބޮޑަށް ކަންބޮޑުވުމާއި ހިތާމަ ފާޅުކޮށްފިއެވެ.
ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް (އާރްސީއެމްޕީ) އިން ވަނީ ސެޕްޓެމްބަރު 12 ގައި ޓޮރޮންޓޯގެ ހޮޓަލެއްގައި ބޭއްވި ބައްދަލުވުމެއްގައި، މި މައްސަލައިގައި އިތުރަށް ތަހުގީގު ކުރެވޭނެ އާ މަގުތަކެއް ނެތުމުން ތަހުގީގުގެ މަސައްކަތްތައް މަޑުޖައްސާލުމަށް ނިންމާފައިވާކަން އާއިލާތަކަށް އަންގާފައެވެ. ނަމަވެސް، މައްސަލަ ރަސްމީކޮށް ބަންދުނުކުރާ ކަމަށާއި، އިތުރު އިތުބާރު ހުރި މައުލޫމާތެއް ލިބިއްޖެނަމަ ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއީ ކެނެޑާގެ ތާރީޚުގައި ހިންގި އެންމެ ނުރައްކާތެރި ޖަރީމާއެވެ. 23 ޖޫން 1985 ގައި ޓޮރޮންޓޯއިން މޮންޓްރިއާލް، ލަންޑަން، އަދި ނިއުދިއްލީ މަގުން މުމްބާއީއަށް ދަތުރުކުރި އެއާ އިންޑިއާގެ ބޯޓު ގޮއްވާލާފައިވަނީ ފޮށްޓެއްގެ ތެރޭގައި ރައްކާކޮށްފައިވާ ބޮމެއް ގޮއްވާލައިގެންނެވެ. އެއާޓްލާންޓިކް ކަނޑުގެ މަތިން ބޯޓު ވެއްޓި، ބޯޓުން ދަތުރުކުރި 329 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ގިނައީ ކެނެޑާގެ ރައްޔިތުންނެވެ.
41 އަހަރު ވަންދެން އިންސާފަށް އިންތިޒާރުކުރި އާއިލާތަކަށް މި ނިންމުން ވެގެންދިޔައީ ކުއްލި ޝޮކަކަށެވެ. ހަމަލާގައި މައިންބަފައިންނާއި ކޮއްކޮ މަރުވި ސަންޖޭ ލަޒާރު ބުނީ، މުޅި ތަހުގީގު މިގޮތަށް ހުއްޓާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ހަމަލާގައި 16 އަހަރުގެ ބޭބެ މަރުވި ސުދާ ބެރީ ވަނީ ބޮޑުވަޒީރު މާކް ކާނީއަށް ސިޓީއެއް ފޮނުއްވައި، ފުލުހުންގެ މި ނިންމުމަކީ އާއިލާތަކުގެ އިތުބާރު ނަގާލުން ކަމަށް ސިފަކުރައްވާފައެވެ.
މި ހަމަލާއާ ގުޅިގެން މިހާތަނަށް ޙުކުމެއް އިއްވާފައިވަނީ ބޮން ހެދި އިންދަރްޖީތު ސިންގް ރެޔާތުގެ މައްޗަށް އެކަންޏެވެ. އޭނާ ވަނީ 30 އަހަރުގެ ޖަލު ޙުކުމެއް ތަންފީޛުކުރުމަށްފަހު 2016 ގައި މިނިވަންވެފައެވެ. އެހެން ދެ މީހެއްގެ މައްޗަށް ކުރެވުނު ދައުވާ 2005 ގައި ސާބިތުނުވާ ކަމަށް ވަނީ ޙުކުމްކޮށްފައެވެ.
އދ. އަށް ކެނެޑާއިން ކަނޑައަޅުއްވާފައި ހުންނެވި ކުރީގެ ސަފީރު ބޮބް ރޭ ވަނީ ފުލުހުންގެ މި ނިންމުމަށް ފާޑުވިދާޅުވެ، މިއީ ބުއްދިވެރި ނިންމުމެއް ނޫން ކަމަށާއި، މީގެ ސަބަބުން އިންޑިއާގައި ކެނެޑާގެ ގުުޅުމަށް އަސަރުކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ކެނެޑާގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ގޭރީ އަނަންދަސަންގަރީ ވަނީ އަނިޔާވި ފަރާތްތަކުގެ ހަނދާން އާކޮށް، އާ މައުލޫމާތެއް ލިބިއްޖެނަމަ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.




