trum
trum

ރައީސް ޓްރަމްޕްގެ "ޓްރަމްޕް ޓީވީ" ވައިޓް ހައުސްއިން އިފްތިތާޙުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ޓީވީ ޗެނަލެއް ފަށައިފިއެވެ. އޭނާގެ ސަރުކާރުގެ އެންމެ ފަހުގެ މައުލޫމާތުތަކާއި، ސިޔާސަތުތަކުގެ އިތުރުން ޚިޠާބުތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ގެނަސްދޭ އުސޫލުން ގެނެސްދޭ ޚާއްސަ ޕްލެޓްފޯމެއް ކަމަށްވާ "ޓްރަމްޕް ޓީވީ" ވައިޓް ހައުސްއިން އިފްތިތާޙުކޮށްފިއެވެ.

މި ޕްލެޓްފޯމް އިފްތިތާޙުކުރިކަން އިއުލާނުކޮށް ވައިޓް ހައުސްގެ ރަސްމީ މީސް މީޑިއާ އެކައުންޓް އެކްސްގައި ބުނެފައިވަނީ، މިއީ ރައީސް ޓްރަމްޕްގެ ނިންމެވުންތަކާއި، އެންމެ ފަހުގެ މައުލޫމާތުތައް އެއް ތަނަކުން ވަގުތުން ބަލާލެވޭނެ ހެން ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް ކަމަށެވެ. އަދި އާންމު ޓީވީ ޗެނަލްތަކުން ފެންނަން ނުލިބޭ ގިނަ ކަންތައްތަކެއް މި ޕްލެޓްފޯމް މެދުވެރިކޮށް އާންމުންނަށް ފެންނާނެ ކަމަށްވެސް ވައިޓް ހައުސްއިން ބުނެފައިވެއެވެ.

"ޓްރަމްޕް ޓީވީ" ލައިވްކުރަން ފެށުމާއެކު، އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތުގެ މަންޒަރުތަކާއި، ޓްރަމްޕް ކުރިން ދެއްވާފައިވާ މުހިންމު ޚިޠާބުތައް ވަނީ ދައްކަން ފަށާފައެވެ.

މިފަދަ ޕްލެޓްފޯމެއް ވައިޓް ހައުސްއިން ތައާރަފްކޮށްފައި މިވަނީ، އެމެރިކާގެ މީޑިއާ ޓްރަމްޕްގެ ސަރުކާރާ ދެމެދު ނުތަނަވަސްކަން ބޮޑުވެ، ނޫސްވެރިންނަށް ވައިޓް ހައުސްއަށް ވަނުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ސީއެންއެން، ޕޮލިޓިކޯ އަދި އެމްއެސް ނައު ފަދަ މީޑިއާއަށް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެ މީޑިއާ ވަނީ ފެޑަރަލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ނިއުޔޯކްގެ މޭޔަރު ޒަހްރާން މަމްދާނީއާއެކު ބޭއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޓްރަމްޕް ވަނީ މީޑިއާއަށް އަޅާފައިވާ ފިޔަވަޅުތައް ދިފާއުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ، މީޑިއާއިން އެމަނިކުފާނު ބޮއިކޮޓްކުރާނެ ކަމަށް ބުނި ކަމުގައިވީ ނަމަވެސް އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށާއި، މީޑިއާގެ ޒިންމާއަކީ އިންސާފުވެރިކަމާއެކު ޚަބަރު ފެތުރުން ކަމަށެވެ. އަދި ދޮގު ޚަބަރު ފަތުރާ މީޑިއާ ވައިޓް ހައުސް ފަދަ ޚާއްސަ ތަނަކުން ފުރުސަތު ނުދިނުމަކީ ގާންއަސާސީގެ ދަށުން  އޭނާގެ މަސްއޫލިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.

ވައިޓް ހައުސްއިން ބުނާ ގޮތުގައި އެމެރިކާގެ ގާނޫނުއަސާސީގެ ފުރަތަމަ އިސްލާހުން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިން ނަމަވެސް، ކޮންމެ މީޑިއާ އަކަށް ވައިޓް ހައުސްގެ ނޫސްވެރިންގެ ބައްދަލުވުންތަކަށާއި ރައީސްގެ ކަވަރޭޖަށް ވަނުމުގެ ހައްގު އޮޓޮމެޓިކުން ލިބިގެންނެއް ނުވެއެވެ. ނަމަވެސް މީޑިއާ ކޯޓުގައި ވަކާލާތު ކުރަނީ، ޚަބަރު ފަތުރާ ގޮތަށް ބަލައި ނޫސްވެރިންނަށް ފުރުސަތު ދިނުމުގައި ސަރުކާރުން ތަފާތުކުރުން ނުގެންގުޅެވޭނެ ކަމަށެވެ.

ރައީސް ޓްރަމްޕް މިހާރު ނިއުޔޯކްގައި ހުންނެވީ އދ. ގެ 81 ވަނަ އާންމު މަޖިލީހުގެ ސަމިޓް ގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއަހަރުގެ އާންމު ބަހުސްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގެ ލީޑަރުންނާ ޓްރަމްޕް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!