އިރާނުގެ އިސްލާމިކް އިންގިލާބީ ސިފައިން (އައިއާރްޖީސީ) އިން ހުރުމުޒު ކަނޑުއޮޅި މަތިން އެމެރިކާގެ "އެމްކިއު-1″ މަރުކާރުގެ ޑްރޯނެއް ވައްޓާލައިފިއެވެ. އަދި އެމެރިކާއިން އިތުރު ހަމަލާއެއް އީރާނަށް ދީފިނަމަ، ހަނގުރާމައިގެ ޖިއޮގްރަފީއާއި ހަމަލަ ދޭން ބޭނުންކުރާ ހަތިޔާރުގެ ބާވަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެ އިރާނުން ވަނީ އެމެރިކާއަށް އިންޒާރެއް ދީފައެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަން ތައްޔާރުވާ ކަމުގެ އިންޒާރު ދެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހިނގި ހާދިސާއެކެވެ.
އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިރާނުގެ ވައިގެ ދިފާޢީ ނިޒާމުން އެމެރިކާގެ ޑްރޯން ދަތުރު ކުރަނިކޮށް ރާޑަރަށް އަރައި، ހުރުމުޒު ކަނޑުއޮޅި މަތިން އެ އުޅަނދު ވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސިފައިންގެ ފަރާތުން އަދި އެއްވެސް ރަސްމީ ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
ފާރިސް ނިއުސް އޭޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އައިއާރްޖީސީގެ ތަރުޖަމާނު ޙުސައިން މުޙައްބީ ވިދާޅުވީ، އެމެރިކާއިން އިތުރު ޢުދްވާނެއް ހިންގައިފިނަމަ އިރާނުގެ ދިފާޢީ އަދި ހުޖޫމީ ސްޓްރެޓެޖީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ކުރިން ހަމަލާދީފައިނުވާ ތަންތަނަށް ހަމަލާދިނުމަށާއި، ދުނިޔެ ޙައިރާންކޮށްލާފަދަ ނިއުކްލިއަރ ނޫން އެހެން ނަމަވެސް އެފަދަ ބިރުވެރި އަލަށް ތަރައްޤީކޮށްފައިވާ ހަތިޔާރުތައް މައިދާން އަށް ނެރުމަށް އިރާނުން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. މުޙައްބީ އިތުރަށް ވިދާޅުވީ، ސަރަޙައްދުގައިވާ އެމެރިކާގެ ސިފައިން ގެ މަރުކަޒުތައް އެމެރިކާއަށް މިހާރު އަމިއްލައަށް ދިފާޢުވެސް ނުކުރެވޭ ކަމަށެވެ.
ހަމަލާތަކާ ގުޅިގެން ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ޝިޕިންގ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން، މިދިޔަ ހަފްތާގެ ބަންދުގައި އެ ކަނޑުއޮޅިން ދަތުރުކުރީ އެންމެ 12 ބޯޓެވެ. މިއީ އޭގެ ކުރީ ހަފްތާގައި ދަތުރުކުރި 35 ބޯޓާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން، ދުވަހެއްގެ މައްޗަށް 125 އަށްވުރެ ގިނަ ބިޔަ އާގުބޯޓު އެ ކަނޑުއޮޅިން ދަތުރުކުރެއެވެ.
ހަނގުރާމައަށް އިތުރު ތެޔޮ ޖެހުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިރާނާމެދު ކަންތައް ކުރާނެ ތިން ގޮތެއް އެމެރިކާގެ ކުރިމަތީގައި އެބައޮތް ކަމަށެވެ. އެއީ އިރާނު މުޅިން ވުޖޫދުން "ފޮހެލުން"، ނުވަތަ އިޤްތިޞާދީ ގޮތުން "ވީރާނާވާން ދޫކޮށްލުން"، ނުވަތަ އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކަށް އައުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި "ވަރަށް ބޮޑެތި ކަންތައްތަކެއް" އީރާންގައި ހިނގާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ ސަރަޙައްދީ ހަނގުރާމަ އިތުރަށް ފުޅާވެގެންގޮސްދާނެ ކަމުގެ އިންޒާރުދީ، އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އެދިފައެވެ. ހަނގުރާމައަށް ހަތް މަސް ފުރެން ކައިރިވެފައިވާއިރު، މި ހަމަނުޖެހުންތަކުގެ އަސަރު ޔަމަނު ފަދަ ޤައުމުތަކަށް ފޯރައި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށްވެސް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.





