ޔުކްރޭން ހަނގުރާމަ ކުރިއަށްދާ ދަނޑިވަޅެއްގައި ރަޝިޔާގައި ބޭއްވި ޕާލަމެންޓް، ސްޓޭޓް ޑޫމާ އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން، ރައީސް ވްލަދިމީރް ޕޫޓިންގެ ތާއީދު އޮންނަ ޔުނައިޓެޑް ރަޝިޔާ ޕާޓީން ވޯޓުގެ 57.5 އިންސައްތަ ހޯދައި ކުރިހޯދައިފިއެވެ. މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔުކްރޭނަށް ހަމަލާތައް ދޭން ފެށިފަހުން ބޭއްވި ސްޓޭޓް ޑޫމާގެ ފުރަތަމަ އިންތިޚާބެވެ.
ރަޝިޔާގެ ސެންޓްރަލް އިލެކްޝަން ކޮމިޝަނުން އާދީއްތަ ދުވަހު އާންމުކުރި ފުރަތަމަ ނަތީޖާތަކުން ދައްކާގޮތުގައި، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ވޯޓުލުން ނިމުނުއިރު ޔުނައިޓެޑް ރަޝިޔާ ޕާޓީ އޮތީ ކުރީގައެވެ. ނަމަވެސް އިންތިޚާބުގެ ފައިނަލް ނަތީޖާ ސެޕްޓެމްބަރު 25 ގެ ކުރިން އިއުލާނުކުރެވޭނެ ކަމަކަށް ނުބެލެވެއެވެ. ސެންޓްރަލް އިލެކްޝަން ކޮމިޝަނުން ހާމަކުރި ގޮތުގައި މުޅި އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތަކީ 56.66 އިންސައްތައެވެ.
ރައީސް ޕޫޓިން މިއިންތިޚާބު ސިފަކުރެއްވީ ޤައުމުގެ އަސްކަރީ އަދި ސިޔާސީ މިސްރާބަށް ރައްޔިތުންގެ ތާއީދު އޮތްކަން ހާމަކޮށްދޭ ނިޝާނެއްގެ ގޮތުގައެވެ. ވޯޓުލުމުގެ ކުރިން ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ، ރައްޔިތުންގެ ނިންމުމާއި ޢަޒުމުން ދައްކުވައިދެނީ މިލިއަން ސިފައިންނާއެކު ސާބިތުވެ ތިބިކަމާއި، އެއްގޮތް އުޞޫލުތަކަކާއި ތާރީޚީ ހަނދާންތަކުގެ މައްޗަށް ގައުމު އެއްބައިވަންތަ ވެފައިވާ ކަމެވެ.
އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި ޕާލަމެންޓް އިންތިޚާބުގައި ޔުނައިޓެޑް ރަޝިޔާ ޕާޓީން ވަނީ ސްޓޭޓް ޑޫމާގެ 450 ގޮނޑީގެ ތެރެއިން 324 ގޮނޑި ކާމިޔާބުކޮށްފައެވެ.
މި އިންތިޚާބު ކުރިއަށްދިޔައީ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ މާހައުލެއްގައެވެ. ކްރެމްލިންއާ ދެކޮޅު ވަރުގަދަ އިދިކޮޅު ވާދަވެރިން އިންތިޚާބުގައި ބައިވެރިވެފައެއް ނުވެއެވެ. ހަނގުރާމައާ ދެކޮޅަށް ރަޖިސްޓްރީކޮށްފައިވާ ހަމައެކަނި ޕާޓީ ކަމަށްވާ ޔާބްލޯކޯ ޕާޓީއަށް، އިންތިޚާބުގައި ބައިވެރިވުމުގެ ފުރުޞަތު ސުޕްރީމް ކޯޓުން މިދިޔަ މަހު ވަނީ ހުއްޓުވާފައެވެ.
ޕޫޓިން ރިޔާސީ އިންތިޚާބަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ 2030 ވަނަ އަހަރުއެވެ.
އިންތިޚާބު ކުރިއަށްދިޔަ ވަގުތަކީ ރަޝިޔާއާއި ޔުކްރޭނާ ދެމެދު ހަމަލާތައް ވަރުގަދަކުރި ވަގުތެކެވެ. އާދީއްތަ ދުވަހު ޔުކްރޭނުން ވަނީ މޮސްކޯއަށާއި ކައިރި ސަރަޙައްދުތަކަށް އަމާޒުކޮށް 1،000 އަށްވުރެ ގިނަ ޑްރޯން ހަމަލާ ދީފައެވެ. ރަޝިޔާގެ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި މި ހަމަލާތަކުގައި މަދުވެގެން ދެ މީހުން މަރުވެ، ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ވަނީ ގެއްލުން ލިބިފައެވެ. މޮސްކޯގެ މޭޔަރު ސަރްގޭ ސޮބްޔާނިން ވިދާޅުވީ، މިއީ އިންތިޚާބަށް ހުރަސްއެޅުމުގެ ނިޔަތުގައި ދިން ހަމަލާތަކެއް ކަމަށެވެ.
ރަޝިޔާއިން ބޭރުގައި އުޅޭ އެޤައުމުގެ ރައްޔިތުންވެސް ވަނީ މިއިންތިޚާބުގައި ވޯޓުލާފައެވެ. އެގޮތުން އިންޑިއާގައި ހުންނަވާ ރަޝިޔާގެ ސަފީރު ދެނިސް އަލިޕޯވް ވަނީ ނިއުދިއްލީގައި ޤާއިމުކޮށްފައިވާ ވޯޓުލާ މަރުކަޒުގައި ވޯޓުލައްވާފައެވެ. އިންޑިއާގެ ދިއްލީ، ކޮލްކަޓާ، މުމްބާއީ، ޗެންނާއި އަދި ގޯއާ ހިމެނޭހެން ފަސް ސަރަޙައްދެއްގައި ވޯޓުލާ މަރުކަޒުތައް ޤާއިމުކުރެވުނެވެ.
އިންތިޚާބުގެ ފައިނަލް ނަތީޖާ ސެޕްޓެމްބަރު 25 ގައި އިއުލާނުކުރުމަށްފަހު، ރަޝިޔާގެ ކުރިއަށް އޮތް ސްޓޭޓް ޑޫމާ އެކުލެވިގެންވާ ގޮތް މުޅިން ސާފުވެގެންދާނެއެވެ.






