ރަޝިޔާއިން ޕާކިސްތާނުގެ ޒުވާނުންނަށް މަތީ ތައުލީމާއި ދިރާސާކުރުމުގެ ފުރުސަތުތައް ފުޅާކޮށްދޭން ނިންމައިފި

ޕާކިސްތާނުގެ ޒުވާނުންނަށް މަތީ ތައުލީމާއި، ދިރާސާކުރުމާއި، ތަމްރީނުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ރަޝިޔާ ބަހަށް މޮޅު ޕާކިސްތާނު ދަރިވަރުންނަށް ސްކޮލަޝިޕްގެ ފުރުސަތުތައް އިތުރުކުރުމަށް ރަޝިޔާއިން ނިންމައިފިއެވެ. ޕާކިސްތާނުގައި ހުންނަވާ ރަޝިޔާގެ ސަފީރު އަލްބަރޓް ޕީ. ޚޯރްވޭ މިކަން ހާމަކުރެއްވީ، އިސްލާމްއާބާދުގެ ޢައްލާމާ އިޤުބާލް އޯޕަން ޔުނިވަރސިޓީ (އޭ.އައި.އޯ.ޔޫ) ގައި ބޭއްވި ރަޝިޔާ ބަހުގެ ކޯހުގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތެއްގައެވެ.

ރަޝިޔާ ބަސް ކުރިއެރުވުމަށް އެ ޔުނިވަރސިޓީން ކުރާ މަސައްކަތަށް ތައުރީފުކުރައްވަމުން ސަފީރު ވިދާޅުވީ، ބަސްތައް ކުރިއެރުވުމަކީ ދެ ގައުމުގެ ރައްޔިތުންނާއި، ތައުލީމީ މުވައްސަސާތަކާއި، އަދި ސަގާފަތްތައް އެއްބަޔަކު އަނެއް ބަޔަކާ ގާތްކޮށްދޭ ވަސީލަތް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި ތައުލީމީ ދާއިރާގެ އެއްބާރުލުމަކީ މުހިއްމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ޑރ. ނަޞީރު މަޙްމޫދު ވިދާޅުވީ، ރަޝިޔާ ބަހާއި ސަގާފަތް ކުރިއެރުވުމުގެ ޒަރީއާއިން ޕާކިސްތާނާއި ރަޝިޔާގެ ގުޅުން ބަދަހިކުރުމަށް އެ ޔުނިވަރސިޓީން މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި ތައުލީމާއި ދިރާސާކުރުމުގެ އިތުރުން ވަޒީފާގެ އާ ފުރުސަތުތަކާ ދަރިވަރުން ގުޅުވައިދިނުމަށް ބައިނަލްއަގުވާމީ ބަސްތައް އުނގެނުމުގެ ފުރުސަތު އޯޕަން ޔުނިވަރސިޓީން ފަހިކޮށްދެމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ. ރަޝިޔާ ބަހުގެ އިތުރުން ތުރުކީ ބަހާއި އަދި ޖަޕާނު ބަހުގެ ކޯސްތައް ހިންގުމަކީ ވެސް އެ ޔުނިވަރސިޓީގެ ތަސައްވުރުގެ ތެރޭން ކުރިއަށް ގެންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އައްލާމާ އިގްބާލު ޔުނިވަރސިޓީގައި ޤާއިމުކޮށްފައިވާ ރަޝިޔާ ބަހުގެ މަރުކަޒުން ހިންގާ ތިން މަހުގެ ކޯހުގެ ނުވަ ވަނަ އަދި ދިހަ ވަނަ ބެޗުގެ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އަދި އެގާރަ ވަނަ އަދި ބާރަ ވަނަ ބެޗުގެ ކިޔެވުން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

ރަޝިޔާގެ ތައުލީމީ މުވައްސަސާތަކުގެ އިތުރުން ރަޝިޔާ ބަހާއި އަދަބިއްޔާތާއި ސަގާފަތް ކުރިއެރުވުމަށް އައްލާމާ އިގްބާލު ޔުނިވަރސިޓީން އަންނަނީ ގިނަ މަސައްކަތް ކުރަމުން ކަމަށެވެ. މިދިޔަ އަހަރު ވެސް އެ މަރުކަޒުގެ ބައެއް ދަރިވަރުން ރަޝިޔާގެ ސްކޮލަޝިޕްތައް ހޯދާފައި ވެއެވެ.

ހިއްސާ ކުރައްވާ!