ޕަންޖާބުގެ ޕޮލިސް ސިފައިންގެ ޚިދުމަތް ޒަމާނީކޮށް، ޖަވާބުދާރީކުރުވުން އިތުރަށް ހަރުދަނާކުރުމުގެ މަޤުޞަދުގައި، ޕަންޖާބު ސަރުކާރުން އަލަށް ބޮޑީ-ވޯން ކެމެރާތައް ތައާރަފުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ފުރަތަމަ ފަހަރަށް މި ކެމެރާތައް ބޭނުންކުރަން ފަށާފައިވަނީ ލާހޯރުގައެވެ.
މި ޕްރޮޖެކްޓަކީ ޕަންޖާބުގެ ޗީފް މިނިސްޓަރު މަރްޔަމް ނަވާޒުގެ ސަރކާރުން ފަށާފައިވާ މަޝްރޫޢެކެވެ. މި ކެމެރާތައް ބޭނުންކުރުމަށްޓަކައި ޕޮލިހުންނަށް ޚާއްސަ ތަމްރީނުތަކެއްދީފައި ވެއެވެ، މިހާރު އެމީހުން ވަނީ މައިދާނުގައި މަސައްކަތްކުރަން ތައްޔާރުކޮށްފައެވެ. އަދި މި ކެމެރާތަކުގެ މަޢުލޫމާތު ރައްކާތެރިކުރުމަށްޓަކައި ޕޮލިސް ސްޓޭޝަންތަކުގައި ޑޮކިންގ ސްޓޭޝަންތައް ވެސް ވަނީ ޤާއިމުކޮށްފައެވެ.
މި ޒަމާނީ ކެމެރާތައް ހަރުކުރުމަށް ހަމަޖެހިފައިވަނީ ޕަންޖާބު ޕޮލިހާއި، ޕަންޖާބު ހައިވޭ ޕެޓްރޯލާއި، ޑޮލްފިން ފޯސްގެ އިތުރުން ޓްރެފިކް ވޯޑަނުންގެ ގައިގައެވެ. މި ވަސީލަތްތައް ޕަންޖާބް ޕްރޮވިންސުގެ 43 ސަރަހައްދެއްގައި ޤާއިމުކޮށްފައިވާ ސްމާޓް ސޭފް ސިޓީ ނިޒާމުތަކާ ގުޅުވާލުމުން، ޑިސްޓްރިކްޓް ސޭފް ސިޓީ ކޮންޓްރޯލް ރޫމްތައް މެދުވެރިކޮށް އެމީހުންގެ ހަރަކާތްތައް ލައިވްކޮށް މޮނިޓަރ ކުރެވޭނެއެވެ.
މި ކެމެރާތަކުގައި މޫނު ދެނެގަތުމުގެ ޓެކްނޮލޮޖީ ހިމެނޭއިރު، ޝައްކުކުރެވޭ މީހުންނާއި އުޅަނދުފަހަރުގެ ނަންބަރު ބޯޑުތައް އޮޓޮމެޓިކުން ދެނެގަނެވޭނެއެވެ. އަދި ކުއްލި ޙާލަތްތަކުގައި އިންޒާރުތައް ދިނުމުގެ ޤާބިލުކަން ވެސް މި ކެމެރާތަކަށް ލިބިގެންވެއެވެ. މީގެއިތުރުން، އޯޑިއޯ އަދި ވީޑިއޯ ރެކޯޑްކުރުމާއި ،ފޮޓޯނެގުމާއި، އަދި ކޮންޓްރޯލް ރޫމާ ސީދާ ވާހަކަދެއްކުމުގެ ފުރުޞަތު ފުލުހުންނަށް މިއިން ލިބިގެންދާނެއެވެ.
ޑިއުޓީ ނިމޭއިރު ފުލުހުން މި ކެމެރާތައް ޚާއްސަ ޑޮކިންގ ސްޓޭޝަންތަކަށް އަނބުރާ ހަވާލުކުރަންޖެހޭނެ އެވެ. އަދި އޭގެ ފަހުން ރެކޯޑްކުރެވިފައިވާ މަޢުލޫމާތުތައް އޮޓޮމެޓިކުން ސާވާއަށް ޓްރާންސްފަރވެ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޗީފް މިނިސްޓަރު މަރްޔަމް ނަވާޒު ވިދާޅުވީ، މި ނިޒާމުގެ ސަބަބުން ޕޮލިހުންގެ މަސައްކަތްތައް މޮނިޓަރކުރުން ހަރުދަނާވެ، ކޮރަޕްޝަން ހުއްޓުވުމަށް ބާރަކަށް ވެގެންދާނެ ކަމަށެވެ.



