ޢިމްރާން ޚާންގެ މައްސަަލައިގެ ލިޔެކިޔުންތައް ފޮނުވުމަށް ފެޑެރަލް ކޮންސްޓިއުޝަނަލް ކޯޓުން އަންގައިފި

ޕީ.ޓީ.އައިގެ ބާނީ ޢިމްރާން ޚާންގެ ފަރުވާއަށް އޭނާ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކުރުމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ސުޕްރީމް ކޯޓުން ފެޑެރަލް ކޮންސްޓިއުޝަނަލް ކޯޓަށް ފޮނުވުމަށް އަންގާއިފިއެވެ. ޤާނޫނުއަސާސީގެ 175-އީ މާއްދާއިން ލިބިދޭ ބާރުގެ ދަށުން މި ލިޔެކިޔުންތައް ހޯދަން އަންގާފައިވަނީ އަންގާރަ ދުވަހު ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައެވެ.

ކޯޓުގެ އުއްތަމަ ފަނޑިޔާރު އަމީނުއްދީން ޚާން ވިދާޅުވި ގޮތުގައި، ޤާނޫނުއަސާސީއާއި ޤާނޫނު އެންމެހައި ރައްޔިތުންގެ މައްޗަށް ހަމަހަމަކަމާއެކު ތަންފީޒުވާންޖެހޭނެއެވެ. އިމްރާން ޚާންގެ މައްސަލަ ބަލަމުންދަނީ އަދިއާލާ ޖަލުގައި ބަންދުކޮށްފައިވާ ތިން ގައިދީންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

އެ ގައިދީން އެދިފައިވަނީ ޢިމްރާން ޚާނަށް ދެވުނު ފަރުވާއާ އެއްގޮތަށް އެމީހުންނަށްވެސް އަމިއްލަ ހޮސްޕިޓަލަކުން ފަރުވާ ހޯދުމުގެ ފުރުޞަތު ދިނުމަށެވެ.

މި މައްސަލައިގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ އެޓަރނީ ޖެނެރަލް މަންޞޫރު ޢުޘްމާން ޢަވާން ވިދާޅުވީ، 27 ވަނަ ޤާނޫނުއަސާސީގެ އިޞްލާޙަށްފަހު އަސާސީ ޙައްޤުތައް ޙިމާޔަތްކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެފަދަ ކަންކަން ބެލުމުގެ ޤާނޫނީ ބާރު މިހާރު ލިބިފައިވަނީ ފެޑެރަލް ކޮންސްޓިއުޝަނަލް ކޯޓަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެކުރިން އިސްލާމްއާބާދު ހައިކޯޓުން ވަނީ ގައިދީންނަށް ޚާއްސަ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމުގެ ޙައްޤު ލިބިގެން ނުވާކަމަށް ކަނޑައަޅައި އެ މައްސަލަ ބޭރުކޮށްލާފައެވެ. ނަމަވެސް އެ ނިންމުން އިސްތިއުނާފުކޮށް ގައިދީން ވަނީ ކޮންސްޓިއުޝަނަލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

މި މައްސަލައާ ގުޅިގެން ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި، ޤާނޫނުއަސާސީ މާނަކުރުމާއި އަސާސީ ޙައްޤުތަކާ ގުޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އޮތް ފަރާތް ކަނޑައެޅުމަކީ ޕާކިސްތާނުގެ ގާނޫނުއަސާސީއަށް މި ފަހުން ގެނައި ބަދަލާ އެކު ކުރިމަތިވާ އެންމެ ބޮޑު ސުވާލެވެ. ކޯޓުން ވަނީ މި މައްސަލައިގެ އިތުރު އަޑުއެހުންތައް ފަހުގެ ތާރީޚަކަށް ތާވަލުކުރުމަށް ނިންމާފައެވެ.

ހިއްސާ ކުރައްވާ!