އޮސްޓްރޭލިއާގެ ކުރީގެ ކްރިކެޓް ކެޕްޓަނުން، ޢިމްރާން ޚާންގެ ބަންދާ މެދު ކަންބޮޑުވުން ފާޅުކޮށްފި

ޕާކިސްތާނުގެ ޕީ.ޓީ.އައިގެ ބާނީ އަދި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ޖަލުގައި ބަންދުކޮށްގެން އޭނާގެ ހައްގު ހަނިކޮށްފައިވާ މައްސަލައިގައި، އޮސްޓްރޭލިއާގެ ޤައުމީ ކްރިކެޓް ޓީމުގެ ކުރީގެ 7 ކެޕްޓަނުން، އެ ޤައުމުގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގަށް ޝަކުވާގެ ސިޓީއެއް ފޮނުއްވައިފިއެވެ. އެފަރާތްތަކުން ވަނީ އިމްރާން ޚާންގެ މައްސަލައަކީ ސިޔާސީ ކަމަކަށްވުރެ ބޮޑަށް އިންސާނީ ކަރާމާތާ ގުޅިފައިވާ ކަމެއް ކަމަށް ބުނެފައެވެ.

އުމުރުން 73 އަހަރުގެ ޢިމްރާން ޚާން 2023 ވަނަ އަހަރުން ފެށިގެން ޖަލުގައި ބަންދުކޮށްފައި ވެއެވެ، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުކޮށް، އަނބިކަނބަލުންނާ އެކު 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. ނަމަވެސް އިމްރާން ޚާނާއި އަނބިކަނބަލުން ބުޝްރާ ބީބީ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

އޮސްޓްރޭލިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކެޕްޓަނުން ކަމަށްވާ އެލަން ބޯޑަރ، ގްރެގް ޗެޕެލް، އަލައަން ޗެޕެލް، ބެލިންޑާ ކްލާކް، ކިމް ހިއުގަސް، މާކް ޓޭލަރ އަދި ސްޓީވް ވޯ ސޮއިކުރައްވައި ފޮނުއްވި މި ސިޓީގައިވަނީ، އެ ސިޓީ ހުށަހަޅަނީ އެއްވެސް ސިޔާސީ މަޤުޞަދެއް އޮވެގެން ނޫން ކަމަށާއި، ބަންދުގައި ތިބޭ ފަރާތްތަކާ މެދު ޢަމަލުކުރާ އުޞޫލަކީ އަސާސީ އިންސާނީ ޙައްޤުތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ.

މި ކަމާ ގުޅިގެން ޚާރިޖީ ވަޒީރު ޕެނީ ވޮންގްގެ ތަރުޖަމާނު ވިދާޅުވީ، ޕާކިސްތާނުގެ ސަރުކާރާއެކު ބޭއްވޭ މަޝްވަރާތަކުގައި އޮސްޓްރޭލިއާއިން ޢިމްރާން ޚާންގެ ޞިއްޙީ ޙާލަތާއި، ޚާނަށް ބޭނުންވާ ޞިއްޙީ ފަރުވާ ލިބިދިނުމުގެ މުހިންމުކަން މެދުނުކެނޑި ފާހަގަކުރަމުންދާ ކަމަށެވެ. މީގެ ކުރިން ބައިނަލްއަޤުވާމީ ކްރިކެޓްގެ މަޝްހޫރު ބޭފުޅުން ވެސް ވަނީ ޢިމްރާން ޚާނަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ހޯދައިދިނުމަށް ގޮވާލާފައެވެ.

އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ ޢިމްރާން ޚާން އިސްލާމްއާބާދުގެ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށް، ޚާއްސަ މެޑިކަލް ބޯޑަކުން ފަރުވާދިނުމަށް އަމުރުކޮށްފައެވެ. ނަމަވެސް ފަހުން އެނގިގެންދިޔަ ގޮތުގައި އޭނާ ގެންދިޔައީ ސަރުކާރުގެ ހޮސްޕިޓަލަކަށެވެ.

މީގެއިތުރުން، ބައިނަލްއަޤުވާމީ އެކި މައިދާންތަކުގައި ފާހަގަކޮށްލެވޭ ކްރިކެޓް ކުޅުންތެރިން ވަނީ ޢިމްރާން ޚާނަށް އިންސާފުވެރި، ޝަރަފުވެރި މާޙައުލެއް ޤާއިމުކޮށްދިނުމަށް ވެސް ގޮވާލާފައެވެ.

ޕާކިސްތާނުގެ ސަރުކާރުން ބުނެފައިވަނީ ޢިމްރާން ޚާން ބަންދުކޮށްފައިވަނީ ޤައުމުގެ ޖަލުތަކުގެ ޤަވާއިދުތަކާއި އަދާލަތުގެ އިރުޝާދުތަކާ އެއްގޮތަށް، ޒިންމާދާރުކަމާއެކު ކަމަށެވެ. އަދި އަނިޔާކުރުމާއި، އެކަހެރިކޮށް ބެހެއްޓުމުގެ އެއްވެސް ކަމެއް ހިނގަމުން ނުދާ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

ހިއްސާ ކުރައްވާ!