ބަންގްލަދޭޝްގައި 2024 ވަނަ އަހަރު ކުރިއަށްދިޔަ ދަރިވަރުންގެ އިންގިލާބުގެ ލޭ އޮހޮރުވުމާ ގުޅިގެން، އިންސާނިއްޔަތާ ޚިލާފު ކުށްތަކެއް ސާބިތުވެ، ކުރިން ވެރިކަން ކުރި އަވާމީ ލީގުގެ އިސް 7 ބޭފުޅަކަށް މަރުގެ ޙުކުމް އިއްވައިފިއެވެ. މި ޙުކުމް އިއްވާފައިވަނީ އަންގާރަ ދުވަހު ބަންގްލަދޭޝްގެ ބައިނަލްއަޤުވާމީ ކްރިމިނަލް ޓްރައިބިއުނަލް-2 ގައެވެ.
ފަނޑިޔާރު ނަޒްރުލް އިސްލާމް ޗައުދުރީ ގެ ރިޔާސަތުގެ ދަށުން ކުރިއަށްދިޔަ މި ޝަރީޢަތުގައި މަރުގެ ޙުކުމް އިއްވާފައިވަނީ އަވާމީ ލީގުގެ ޖެނެރަލް ސެކްރެޓަރީ އުބައިދުލް ޤާދިރުގެ އިތުރުން އެ ޕާޓީގެ ޖޮއިންޓް ޖެނެރަލް ސެކްރެޓަރީ ބަހާއުއްދީން ނަސީމް، އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޢަލީ ޢަރަފާތު، ޖުބޯ ލީގުގެ ރައީސް ޝައިޚް ފަޒްލް ޝަމްސް ޕަރަޝް، އަދި އެ ޖަމްޢިއްޔާގެ ޖެނެރަލް ސެކްރެޓަރީ މުއިނުލް ޙުސައިން ޚާން ނިޚިލް، އަދި ޗަތްރާ ލީގުގެ ރައީސް ސައްދާމް ޙުސައިންއާއި އެ ޖަމްޢިއްޔާގެ ޖެނެރަލް ސެކްރެޓަރީ ޝައިޚް ވަލީ އަޞިފް ޢިނާންގެ މައްޗަށެވެ.
ޓްރައިބިއުނަލުން ބުނެފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހު ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރާ ދެކޮޅަށް ދަރިވަރުން އިސްވެ ތިބެ ހިންގި ޙަރަކާތްތަކުގެ ތެރޭގައި މީހުން މެރުމާއި، ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދިނުމުގެ ކުށްތައް މި ބޭފުޅުންގެ މައްޗަށް ވަނީ ސާބިތުވެފައެވެ. މި ހަމަނުޖުތަކުގެ ތެރެއިން ޤައުމު ނުތަނަވަސްވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވެއެވެ.
2024 ވަނަ އަހަރުގެ އިންގިލާބުގައި ހިނގާދިޔަ ހާދިސާތަކަށް އިންސާފު ހޯދައިދިނުމަށް ބަންގްލަދޭޝްގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި މި ޙުކުމަކީ މުހިންމު ފިޔަވަޅެކެވެ. މީގެކުރިން 2025 ވަނަ އަހަރު އެ ޤައުމުގެ ޓްރައިބިއުނަލް-1 އިން ވަނީ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ މައްޗަށް ވެސް އިންސާނިއްޔަތާ ޚިލާފު ކުށްތަކެއް ސާބިތުވެ މަރުގެ ޙުކުމެއް އިއްވާފައެވެ.
އުމުރުން 78 އަހަރުގެ ޝައިޚް ޙަސީނާ ވެރިކަން ވައްޓާލުމާ ގުޅިގެން 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އިންޑިއާއަށް ފިއްލަވައިގެން ވަޑައިގެންފައި ވެއެވެ.





