އީރާނާ ދެކޮޅަށް އެމެރިކާއިން ދިން އަސްކަރީ ހަމަލާތައް ޝަންހާއީ ކޮޕަރޭޝަން އޮގަނައިޒޭޝަން (އެސް.ސީ.އޯ) ގެ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ އިދާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އިސްލާމްއާބާދުގައި ބޭއްވި އެސް.ސީ.އޯ ގެ ރީޖަނަލް އެންޓި ޓެރަރިޒަްމ ސްޓްރަކްޗަރ ރެޓްސްގެ 46 ވަނަ ކައުންސިލް ބައްދަލުވުމުގައި، އީރާނުގެ ސިޔާދަތާއި ސަލާމަތާއި ދާޚިލީ މިނިވަންކަން ދެމެހެއްޓުމަށް ފުރިހަމައަށް ތާއީދުކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާފައިވަނީ ޕާކިސްތާނުންނެވެ. މި ބައްދަލުވުމުގައި ބެލަރޫސް، އިންޑިއާ، އީރާނު، ކަޒަކްސްތާނު، ޗައިނާ، ކިރްގިޒްސްތާނު، ޕާކިސްތާނު، ރަޝިޔާ، ތަޖިކިސްތާނު އަދި އުޒްބެކްސްތާނުގެ އިތުރުން އެސް.ސީ.އޯ ރެޓްސްގެ އެގްޒެކެޓިވް ކޮމިޓީގެ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ބައިނަލްއަޤުވާމީ މައިދާނުގައި ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
އީރާނުގެ ކުރީގެ އެންމެ އިސް ލީޑަރު ޢަލީ ޚާމަނާއީ އަވަހާރަ ކޮށްލުމާ ގުޅިގެން، އީރާނުގެ ސަރުކާރަށާއި ރައްޔިތުންނަށް އެ ކައުންސިލުން ވަނީ ތަޢުޒިޔާ ފޮނުވާފައެވެ. އަދި ސަރަޙައްދީ މަސްރަހުގައި ނުތަނަވަސްކަން ކުޑަކޮށް، ސުލްޙަ ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދޭނެ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މި ބައްދަލުވުމުގެ ނިމުމުގައި، އެސް.ސީ.އޯ ރެޓްސް ކައުންސިލްގެ ރިޔާސަތު ޕާކިސްތާނުން ރަޝިޔާއަށް ވަނީ ބަދަލުވެފައެވެ.
މިދިޔަ މަހުގެ ތެރޭގައި އެމެރިކާއިން ވަނީ އީރާނުގެ ސިފައިންގެ އަމާޒުތަކަށް އަމާޒުކޮށް އައު ހަމަލާތަކެއް ދީފައެވެ. އޭގެ ރައްދުގައި އީރާނުންވެސްވަނީ އެ ސަރަޙައްދުގައިވާ އެމެރިކާއާ ގުޅުންހުރި ތަންތަނަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ.




