ހަތްވަނަ ތެހެރާން ބައިނަލްއަޤްވާމީ އޮޓޯ ޝޯ ފަށައިފި

އިރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ ޝަހުރޭ އާފްތާބް މަޢުރަޒު މަރުކަޒުގައި ހަތްވަނަ ތެހެރާން ބައިނަލްއަޤްވާމީ އޮޓޯ ޝޯ ފަށައިފިއެވެ. ސެޕްޓެމްބަރު މަހުގެ 14 އިން 17އަށް ކުރިއަށްދާ މި މައުރަޒަކީ ޤައުމުގައި އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ އެއް ޙަރަކާތް ކަމަށް ވެއެވެ.

ޝަހުރޭ އާފްތާބް އެގްޒިބިޝަން ކޮމްޕެނީގެ ސީއީއޯ މުޙައްމަދު މެހްދީ ސަލާރީ ވިދާޅުވީ، މި މައުރަޒު ތެހެރާންގެ ދާއިމީ ބައިނަލްއަޤްވާމީ ފެއާގްރައުންޑުގައި ބޭއްވިނަމަ ޓްރެފިކްގެ ބޮޑެތި މައްސަލަތަކާ ކުރިމަތިލާންޖެހުނީސް ކަމަށެވެ. އަދި އެ މަރުކަޒުގެ ފުރިހަމަ ޤާބިލުކަމާއި ވަސީލަތްތަކާއެކު، އެކި ފަރާތްތަކުން ބާއްވާ މައުރަޒުތަކަށް އެންމެ ފުރިހަމަ މެހެމާންދާރީއެއް ދެވޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައުރަޒު އިންތިޒާމުކުރާ އައިޑިއާ ތިޖަރާތު ހާމަސް ކުންފުނީގެ ސީއީއޯ މެހްދީ އަސާދީ ވިދާޅުވިގޮތުގައި، މިއަހަރުގެ މައުރަޒުގައި ވެހިކަލް އުފައްދާ 35 އޮޓޯމޯޓިވް ގްރޫޕަކުން ބައިވެރިވެ، އުފެއްދުންތައް ދައްކާލުމުގެ އިތުރުން ކަސްޓަމަރުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެއެވެ.

ފުރަތަމަ ފަހަރަށް 22,000 އަކަ މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި، ޓެސްޓް ޑްރައިވް ކުރުމަށް ޚާއްސަ ހަތަރު ސަރަޙައްދަކާއެކު މި މައުރަޒު ތައްޔާރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއާއެކު ޒިޔާރަތްކުރާ ފަރާތްތަކަށް މައުރަޒުގައި ހުރި ބައެއް އާދައިގެ އަދި ޒަމާނީ އުޅަނދުފަހަރު ގާތުން ޓެސްޓުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މައުރަޒުގައި ބޭރު ޤައުމުތަކުން ޚާއްސަކޮށް ޗައިނާގެ އޮޓޯ ކުންފުނިތަކުގެ ބައިވެރިވުން ބޮޑުކަން ފާހަގަކުރެވެއެވެ. މިއީ އާންމުންގެ ބޮޑު ތަޢުރީފަކާއި ތަރުޙީބެއް ލިބޭނެ މައުރަޒަކަށް ކަމަށް ލަފާކުރެވޭ އީރާނުން ބުނެއެވެ. މީގެ އިތުރުން، ޚާއްސަ ޕޮޑްކާސްޓް ސިލްސިލާއެއްގެ ދަށުން "އެކްސިޑެންޓްތަކާ ދެކޮޅަށް" އަމާޒުކޮށްގެން ހިންގާ އިޖުތިމާޢީ ހޭލުންތެރިކަމުގެ ކެމްޕޭނެއްވެސް މިއަހަރުގެ މައުރަޒުގެ ތެރެއިން ކުރިއަށްދާނެއެވެ.

ހިއްސާ ކުރައްވާ!