ސީޕެކްގެ މަޝްރޫއު ކުރިއަށް ދިއުމަށް ލަސްކަމެއް ކުރިމަތިވެފައި

ޗައިނާ-ޕަކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) އަކީ އިޤްތިޞާދީ ކުރިއެރުމާއި ބައިނަލްއަޤްވާމީ މަސްރަހުގައި ބޮޑު ބަދަލެއްގެ ގޮތުގައި ކުރިން ސިފަކުރި ނަމަވެސް، ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި އެ މަޝްރޫޢު ވަނީ ޕާކިސްތާނާއި ޗައިނާއަށްވެސް ބޮޑު ތަކުލީފަކަށް ބަދަލުވެފައެވެ. ސީޕެކް މަޝްރޫޢުގެ ސަބަބުން ޕާކިސްތާނަށް މާލީގޮތުން ބޮޑެތި ބުރަތަކެއް އުފުލަންޖެހިފައި ވެއެވެ. މި މަޝްރުއުތައް އަގު ބޮޑުކޮށް ހިންގާފައިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޕާކިސްތާނުގެ ފެޑެރަލް ބޯޑް އޮފް ރެވެނިއު (އެފްބީއެޗް) ގެ ކުރީގެ ޗެއާމަން ޝަބަރު ޒައިދީ ވިދާޅުވެފައިވާ ގޮތުގައި ސީޕެކް މަޝްރޫޢަކީ ރައްޔިތުންނަށް އޮޅުވާލެވުނު ޑްރާމާއެކެވެ. މީސް މީޑިއާގެ މައިދާންތަކުގައި ގިނަ ބަޔަކު ވަނީ މި ޚިޔާލަށް ތާއީދުކޮށް، މަޝްރޫޢުގެ ސަބަބުން ޤައުމުގެ މާލީ ޙާލަތު އިތުރަށް ގޯސްވެފައިވާކަން ފާހަގަކޮށް ސަރުކާރަށް ފާޑު ކިޔާފައެވެ.

ސީޕެކް ފަށާފައި ވަނީ އެންމެ ފުރަތަމަ 46 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. ނަމަވެސް މި މަޝްރޫޢުގެ މިހާރުގެ ޙަޤީޤީ އަގު ސާފެއް ނޫނެވެ. ޗައިނާއަކީ މަޝްރޫއުތަކުގެ މުޢާމަލާތްތަކުގައި ސިއްރުވެރި އުޞޫލުތައް ގެންގުޅޭ ފަރާތެކެވެ.

ޕާކިސްތާނުގެ ފަރާތުން ލޯނުތައް އަނބުރާ ދެއްކުމަށް ދަތިތަކެއް ދިމާވެފައި ވެއެވެ. އަދި 2026 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް އައިއިރު، އެކަނިވެސް ހަކަތައިގެ މަޝްރޫޢުތަކުގެ މާލީ ޒިންމާތައް ވަނީ 543 ބިލިއަން ޕާކިސްތާނީ ރުޕީއަށްވުރެ މައްޗަށް ގޮސްފައެވެ. ނަމަވެސް، މި މަޝްރޫޢުގެ ސަބަބުން ޕާކިސްތާނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ. ޕާކިސްތާނުގެ ހަކަތައާބެހޭ ވަޒީރު ސަރުދާރު އުވައިސް ޚާން ލިޣަރީ ވެސް ވަނީ މި މަޝްރޫޢުން އެކަށީގެންވާ ނަތީޖާއެއް ނުނުކުންނަ ކަމަށް އަމިއްލަފުޅަށް ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ އެންމެ މުހިންމު އެއް ބައި ކަމަށްވާ ގަވާދަރު ބަނދަރު ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ބޭރުގެ ވިޔަފާރިއާއި އެކްސްޕޯޓު އިތުރުކުރުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ޤާއިމުކުރެވިފައި ނުވުމުގެ ސަބަބުން، އެ ސަރަހައްދުގައި އިޤްތިޞާދީ ސަރަހައްދެއް އުފެއްދުމަށް ވަނީ ނުކުޅެދިފައެވެ. ބިއުރޯކްރަސީގެ ލަސްކަމާއި، ސިޔާސީ ފަރާތްތަކުގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތަކާއި، މާލީ ކަންކަން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އެހެނިހެން ޓްރާންސްޕެރެންޓު މަޝްރޫޢުތަކުގެ ޙާލަތުވެސް ދަނީ މިފަދަގޮތަކަށެވެ.

މި މައްސަލައަކީ ހަމައެކަނި ޕާކިސްތާނަށް ދިމާވެފައިވާ ބޮލުގެ ރިހުމެއް ނޫނެވެ. ޗައިނާއަށްވެސް މިކަން ވަނީ މާލީގޮތުންނާއި ސްޓްރެޓެޖީގެ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައެވެ. މަޝްރޫޢުތައް ލަސްވުމާއި، ސިފައިންނާއި މަސައްކަތްތެރިންނަށް އަންނަ ސަލާމަތީ ނުރައްކާތަކުގެ ސަބަބުން ޗައިނާއިން ކުރާ އިންވެސްޓްމަންޓްތަކުން ލިބެންޖެހޭ ފައިދާ ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" (ބީއާރުއައި) ގެ ދަށުން ހިންގާ އެންމެ މައިގަނޑު އެއް މަޝްރޫޢު ކަމަށްވާ ސީޕެކް ފެއިލްވެއްޖެނަމަ، އެކަމުގެ ސަބަބުން ޕާކިސްތާންގެ މުޅި ސިޔާސީ އަދި އިޤްތިޞާދީ ނަޒަރިއްޔާތަށް ބޮޑު ހީނަރުކަމެއް ލިބިގެންދާނެއެވެ.

ހިއްސާ ކުރައްވާ!