އެމެރިކާގެ ރަހިމު ކުއްޔަށް ދިނުުމުގެ ވިޔަފާރި މިހާރު އޮތީ ބޮޑު ހައިރާންކަމެއްގެ ތެރޭގައެވެ. މި ނިޒާމުގެ ތެރޭގައި ހިންގާ ކަންކަން ބޭޒާރުވެ އޭގެ ޙަޤީޤަތްތައް ދަނީ ފާޅުވަމުންނެވެ. މިގޮތުން، އެމެރިކާގައި ސަރޮގޭޓް މަންމައެއްގެ ގޮތުން ބަނޑުބޮޑުވި އަންހެނަކު، އޭނާ ބަލަހައްޓަމުންދާ ކުއްޖާގެ ބައްޕައާ ބައްދަލުކުރަން ފަހު ވަގުތު މަސައްކަތް ކުރުމުން، އެއީ ޗައިނާގެ ބިލިއަނަރެއް އަދި ގޭމިން އެކްޒެކެޓިވެއް ކަމަށްވާ ޝޫ ބޯ ކަން އެނގުނެވެ. ޝޫ ބޯ ވަނީ އެމެރިކާގެ ރަހިމު ކުއްޔަށް ދިނުމުގެ ސަރޮގެސީ ނިޒާމު މެދުވެރިކޮށް 100 އަށްވުރެ ގިނަ ކުދިން ހޯދާފައެވެ.
ވަނަވަރު ސިއްރުކުރުމަށްޓަކައި 'ޖޫޑީ' ގެ ނަމުން ނަންދީފައިވާ މި އަންހެން މީހާގެ ބަނޑަށް 12 ހަފުތާވީ ފަހުން، ސީ.ބީ.އެސް ނިއުސް މެދުވެރިކޮށް އޭނާއަށް އެނގުނީ ކުއްޖާގެ ބައްޕައަކީ ޝޫ ބޯ ކަމަށެވެ. އޭނާއަށް ކުރިން ކިޔައިދީފައި އޮތީ، އެއީ "ބޮޑު އާއިލާއެއް" ބޭނުންވާ، އަމިއްލައަށް ކުދިން ބަލަހައްޓަން ބޭނުންވާ ފިރިހެނަކަށްޓަކައި ދަރިއަކު ވިހާއި ދޭނެ މީހަމު ހޯދާ ފިރިހެނެއް ކަމަށެވެ.
ޝޫ ބޯ ހޯދާފައިވާ ކުދިންގެ އަދަދާ މެދު ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. އޭނާގެ ކުރީގެ ބައިވެރިޔާ ތާންގް ޖިންގް ތުހުމަތުކުރާ ގޮތުގައި އޭނާގެ 300 ކުދިން ތިބޭނެއެވެ. ނަމަވެސް ޝޫ ބޯ ބުނާ ގޮތުގައި އޭނާގެ ބެލެނިވެރިކަމުގެ ދަށުގައި ވަނީ އެމެރިކާގައި ސަރޮގަސީ މެދުވެރިކޮށް އުފަންވި 12 ކުދިންނެވެ.
ކުރިއަށް ގެންދެވުނު ޚާއްސަ ތަޙުޤީޤެއް
އާއިލާއަށާއި އޭނާގެ ޢުމުރުން 7 އަހަރުގެ އަންހެން ދަރިފުޅަށް މާލީ ތަނަވަސްކަމެއް ހޯދައިދިނުމުގެ ނިޔަތުގައި، އިންސްޓަގްރާމްގައި ފެނުނު އިސްތިހާރަކަށް އިޖާބަދީގެން ސަރޮގޭޓް މަންމައަކަށްވާން ނިންމީ ކަމަށް ޖޫޑީ ބުންޏެވެ. އެ އިސްތިހާރުގައި ސަރޮގޭޓް މަންމައަކަށްވުމުން 120,000 ޑޮލަރު ލިބޭނެ ކަމަށް ބުނެފައިވެއެވެ. 'ޕެޓްރިއޮޓް ކޮންސެޕްޝަންސް' ކުންފުނި މެދުވެރިކޮށް މިކަން ހަމަޖެހުމަށްފަހު، އެ ކުއްޖާގެ ވާން އުޅޭ ބައްޕައަކީ އެކަނިވެރި ބައްޕައެއް ކަމަށް ބުނެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި އޭނާގެ އިތުރުން އެހެން ކިތައް ސަރޮގޭޓް މަންމައިންނަށް ކުދިން ހޯދަން ހަވާލުކޮށްފައިވޭތޯ އެހުމުން، ގާތްގަނޑަކަށް 24 މީހުން ކަމަށް ބުނެފައިވެއެވެ. ނަމަވެސް ފަހުން އޭނާއަށް އެނގުނީ ޝޫ ބޯ އެއްފަހަރާ 20 އަށްވުރެ ގިނަ އެހެންހެނުންގެ ރަހިމު ކުއްޔަށް ހިފައިގެން މަސައްކަތްކުރަމުންދާ ކަމެވެ.
ޝޫ ބޯއަކީ ޢުމުރުން 48 އަހަރުގެ، އޮންލައިން ގޭމިން ކުންފުނި 'ޑޮއި' އުފެއްދި އަދި އަމިއްލައަށް "ޗައިނާގެ ފުރަތަމަ ބައްޕަ" ކަމަށް ބުނާ މުއްސަނދި މީހެކެވެ.
އާއިލީ ޚާންދާނީ ސަރަޙައްދެއް ބިނާކުރުމަށް ޝޫ ބޯ ކުރާ މަސައްކަތް އެންމެ ބޮޑަށް ހިތްވަރުލިބުނީ މަސްކުގެ ކިބައިން ކަމަށްވެއެވެ. އެއީ އާއިލާއާއި އެކުވެރިންނަށް އޭނާގެ ދަރިފަސްކޮޅު ބިނާކުރުމަށް އަމިލަ ދަރިފަނި ހިލޭ ދޭ ކަމަށް ދެކެވޭ މާސްކް ބެހޭ ވާހަކަތަކުންނެވެ.
2023 ވަނަ އަހަރުގެ ހޫނު މޫސުމުގައި، ކެލިފޯނިއާގެ ފަނޑިޔާރަކު ވަނީ އުފަންނުވާ 4 ކުއްޖެއްގެ ބެލެނިވެރިކަން ހޯދުމަށް ޝޫ ބޯ ހުށަހެޅުއްވި ހުށަހެޅުންތަކާއި، ސަރޮގޭޓުން މެދުވެރިކޮށް އޭނާ ފައިސާދީގެން ހޯދާފައިވާ 12 ކުދިންގެ މައްސަލަ ބައްލަވާފައެވެ. ފަނޑިޔާރު ވަގުތުން ސިއްރު އަޑުއެހުމެއް ބޭއްވި އިރު، ޝޫ ބޯ ބައިވެރިވީ ވީޑިއޯ މެދުވެރިކޮށެވެ.
ޝަރީއަތުގައި ބިލިއަނަރު ބުނެފައިވަނީ އޭނާ އެމެރިކާއިން 20 ނުވަތަ އެއަށްވުރެ ގިނަ ކުދިން ހޯދަން ބޭނުންވާ ކަމަށާއި، ޚާއްސަކޮށް ފިރިހެން ކުދިން ބޭނުންވަނީ އެއީ މޮޅު ބަޔަކަށް ވާތީ، މުސްތަޤުބަލުގައި އޭނާގެ ވިޔަފާރި ހިންގުމާ ހަވާލު ކުރަން ކަމަށެވެ. ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ ގިނަ ކުދިން ދިރިއުޅެމުންދަނީ ކެލިފޯނިއާގެ އިރްވިންގައި ހުންނަ ގެއެއްގައެވެ. އަދި އެކުދިން ބަލަމުންދަނީ ކުދިން ބަލަން ގެންގުޅޭ ޚާދިމާއިންނެވެ.
މަސައްކަތް ގިނަކަމުގެ ސަބަބުން ކުދިންނާ އަދި ބައްދަލުނުވާ ކަމަށާއި، ނަމަވެސް އަވަހަށް އެކުދިން ޗައިނާއަށް ގެންދަން ރާވާފައިވާ ކަމަށް ޝޫ ބޯ ފަނޑިޔާރަށް ކިޔައިދިނެވެ. ނަމަވެސް ފަނޑިޔާރު ވަނީ އޭނާގެ ބެލެނިވެރިކަމުގެ ހުށަހެޅުން ބާތިލުކޮށްފައެވެ. މިކަމުގެ ސަބަބުން އޭނާއަށް އުފަންނުވާ ކުދިން ވަނީ ޤާނޫނީ ހާސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ.
މިކަމާ ގުޅިގެން ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔަ މި ތަޙުޤީޤުގައި 32 ސަރޮގޭޓް މަންމައިންނާ އިންޓަވިއުކޮށް، އެއްބަސްވުންތަކާއި ކޯޓު ލިޔެކިޔުންތައް ވަނީ މުރާޖަޢާކޮށްފައެވެ. މިކަމުން ފާހަގަވީ ކުދިން ހޯދާ ފަރާތްތަކުން އެއްފަހަރާ އެއްވަގުތެއްގައި އެކި ސަރޮގޭޓް މަންމައިން ބޭނުންކުރަމުންދާ ކަމެވެ. އަދި ބައެއް އަންހެނުން ބުނީ އެފަދަ ކަންކަން ހިންގާ މިންވަރު އެމީހުންނަށް ކުރިން ނޭނގޭ ކަމަށެވެ.
އެމެރިކާގެ ދަރިފަނި ބޭންކުތަކުން ވެސް ބައެއް ފަހަރު އެއް ޑޯނަރުގެ ދަރިފަނި ބޭނުންކޮށްގެން ޝޫ ބޯއާ އެއްވަރަކަށް ކުދިން އުފައްދާފައިވެއެވެ.
ޝޫ ބޯގެ މި މައްސަލައާ ގުޅިގެން، އެމެރިކާގެ ސަރޮގަސީ ސިނާޢަތުގައި މަޢުލޫމާތު ހާމަކުރުމުގެ ޤާނޫނީ ޝަރުޠުތަކާ މެދު މިހާރު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ސަރޮގޭޓް މަންމައިންނާއި ކުދިން ހޯދާ ފަރާތްތައް ތަމްސީލުކޮށްފައިވާ ވަކީލު މެލިސާ ބްރިސްމަން ތަޙުޤީޤަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ކުދިން ހޯދާ ފަރާތަކަށް އެއްފަހަރާ ކިތައް ސަރޮގޭޓް މަންމައިން ބޭނުންކުރެވޭނެކަން ކަނޑައަޅާ އެއްވެސް ޤާނޫނެއް ނެތް ކަމަށެވެ.






