ބާރު ދެއްކުމުގެ ސިޔާސަތު ޝީ ޖިންޕިންގް ކުށްވެރިކުރައްވައިފި

ބައިނަލްއަޤުވާމީ މަސްރަހުގައި ބާރުގަދަ ފަރާތްތަކުން ބާރު ދައްކާ ނިޒާމުގެ އުސޫލަކީ ޤަބޫލުކުރެވޭނެ އުސޫލެއް ނޫން ކަމަށާއި އެ ނިޒާމު މާކުރިން ބަލިކަށިވެ ނައްތާލެވިފައިވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެއްޖެއެވެ. ބްރިކްސް ޤައުމުތަކުގެ ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ޝީ ވަނީ ދުނިޔޭގެ ބާރުތައް އެއްފަރާތަކަށް ބުރަވެފައިވާ ނިޒާމު ބަދަލުކޮށް، ގްލޯބަލް ސައުތުގެ ޤައުމުތަކަށް ބައިނަލްއަޤުވާމީ މައިދާނުގައި މުހިންމު ދައުރެއް އަދާކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލައްވާފައެވެ.

ދުނިޔޭގެ ޤައުމުތަކުގެ ސައިޒަށާއި، ބާރަށާއި އަދި މުއްސަނދިކަމަށް ބެލުމެއްނެތި ހުރިހާ ޤައުމަކަށްވެސް ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ހަމަހަމަ ފުރުޞަތުތަކެއް ލިބެންޖެހޭނެ ކަމަށް ޝީ ޖިންޕިންގް ވިދާޅުވިއެވެ. އަދި ބައިނަލްއަޤުވާމީ މަސްރަހުގައި ކުރިމަތިވަމުންދާ ނުރައްކާތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ބްރިކްސްގެ މެންބަރު ޤައުމުތަކުން އިސްނަގައިގެން މަސައްކަތްކުރަންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.

މި ސަމިޓުގައި ޗައިނާގެ ރައީސް ވަނީ ބްރިކްސްގެ އެއްބާރުލުން އިތުރުކުރުމަށް ފަސް ކަމެއް ހިމެނޭ އާ ސްޓްރެޓެޖީއެއް ހުށަހޅުއްވާފައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައިގެ ދާއިރާއިން އޯޕަން ސޯސް ކޮމިއުނިޓީއެއް ޤާއިމުކުރުމަށް ޗައިނާއިން މަސައްކަތްކުރުމެވެ. މީގެއިތުރުން، ޑިޖިޓަލް އިކޯސިސްޓަމް ކްލައުޑް ޕްލެޓްފޯމެއް އުފެއްދުމާއި، ޚާއްސަ އިޤުތިޞާދީ ސަރަޙައްދުތަކުގެ ޕާޓްނަޝިޕެއް ޤާއިމުކުރުމަށްވެސް ހުށަހެޅުއްވިއެވެ.

ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހަމަތައް އެންމެހާ ޤައުމުތަކަށް ހަމަހަމަކަމާއެކު ތަފާތުކުރުމެއްނެތި ހިންގަންޖެހޭނެ ކަމަށް ވިދާޅުވަމުން، ޝީ ޖިންޕިންގް ވަނީ އދ. ގެ ދައުރާއި ބައިނަލްއަޤުވާމީ މުއައްސަސާތަކުގެ ބާރުވެރިކަން ދަމަހައްޓަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ޤައުމުތަކުގެ އެތެރޭގެ ކަންކަމާ ނުބެހުމަށާއި، ސިޔާދަތީ ހަމަހަމަކަން ދެމެހެއްޓުމަށް ބާރުއެޅުއްވިއެވެ.

ހިއްސާ ކުރައްވާ!