ޖާވާ ކަނޑުގައި ގެއްލުނު ފެރީ ހޯދުމުގެ މަސައްކަތް ކުރިއަށްދަނީ

އިންޑޮނޭޝިއާގެ ޖާވާ ކަނޑުގައި ދަތުރުކުރަމުންދަނިކޮށް ގެއްލުނު ފެރީއެއް ހޯދުމަށް އެ ޤައުމުގެ ސާޗް އެންޑް ރެސްކިއު އޭޖެންސީ (ބަސަރްނާސް) ގެ ސިފައިންނާއި މަނަވަރުތައް ނުކުމެ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އިންޑޮނޭޝިއާގެ އިދާރާތަކުން ބުނިގޮތުގައި، މި ފެރީގައި ޖުމުލަ 243 މީހުން ތިއްބެވެ. މީގެތެރެއިން މިހާތަނަށް 103 މީހުން ސަލާމަތްކޮށްފައިވާއިރު، އެކަކު ވަނީ މަރުވެފައެވެ. އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި 140 މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުެރިއަށް ދެއެވެ.

ސަލާމަތްކުރި މީހުންގެ ތެރެއިން ބައެއް މީހުން އިރުމަތީ ޖާވާގެ ބަނދަރަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައި ވެއެވެ. އަދި ފެރީ އެންމެ ފަހުން ހަރަކާތްތެރިވި ސަރަހައްދަށް ޚާއްސަ ޓީމުތަކާއި، މަނަވަރުތަކުގެ އިތުރުން ހެލިކޮޕްޓަރެއް ވެސް ވަނީ ފޮނުވާފައެވެ.

"ވާޖޯ ޓްރާންސްޕޯޓް 8″ ނަމަކަށް ކިޔާ މި ފެރީ ދަތުރުކުރަމުންދިޔައީ އިރުމަތީ ޖާވާގެ ސުރަބާޔާ އިން ފުރައިގެން ދެކުނު ކަލިމަންތާންގެ ބަންޖަރްމަސީނަށެވެ. ނަމަވެސް، ހޮނިހިރު ދުވަހުގެ ރޭ ފެށި ދަތުރުގައި، އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ފެރީއާ މުއާސަލާތު ކެނޑިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!