ފަރުބަދަ ގޮވުމާ ގުޅިގެން އިންޑޮނޭޝިއާގެ ދަތުރުފަތުރުތަކަށް ހުރަސް އެޅިއްޖެ

އިންޑޮނޭޝިއާގެ މަޝްހޫރު އަންކާ ކްރަކަޓާއު އަލިފާން ފަރުބަދަ ކުއްލިއަކަށް ގޮވުމާ ގުޅިގެން، ވެރިރަށް ޖަކާޓާގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރާއި އެހެން ގިނަ އެއާޕޯޓުތަކެއްގެ ފުލައިޓުތައް ވަގުތީ ގޮތުން ކެންސަލްކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި، ފަރުބަދައިން ބޭރުވި ބޯދުމާއ ިއަޅިއާއި ހޫނު ލަވާގެ ސަބަބުން ކަނޑުގެ ސަރަޙައްދަށް ވެސް ވަނީ ނުރައްކާތެރި ވެފައެވެ. އިންޑޮނޭޝިއާގެ ޖިއޮލޮޖިކަލް އޭޖެންސީން ހާމަކުރި ގޮތުގައި، މި ފަރުބަދަ ގޮވުމުގެ ސަބަބުން އުފެދުނު ބާރުގަދަ އަޑުތައް 700 ކިލޯމީޓަރުގެ ދުރުގައިވާ ސަރަޙައްދުތަކަށްވެސް ފޯރާފައިވެއެވެ.

ޖާވާއާއި ސުމަތުރާ ޖަޒީރާގެ ދެމެދުގައި އޮންނަ މި ފަރުބަދައިން އެރި އަޅީގެ ބޯ ވިލާގަނޑު 6,000 މީޓަރާއި 15,000 މީޓަރާ ދެމެދުގެ އުސްމިނަކަށް މައްޗަށް އަރައިފައިވާ ކަމަށް މޫސުމާބެހޭ އިދާރާތަކުން ބުނެއެވެ.

މި ކާރިސާއާ ގުޅިގެން އިންޑޮނޭޝިއާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޖަކާޓާގެ ސުކަރނޯ-ހައްޓާ ބައިނަލްއަޤުވާމީ އެއާޕޯޓާއި ބަންދުންގްގެ ހުސައިން ސަސްތުރަނެގަރާ އެއާޕޯޓާއެކު ޖުމްލަ ހަ އެއާޕޯޓެއްގެ އޮޕަރޭޝަންތައް މެދުކަނޑާލާއެވެ.

ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން 22,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. ޚާއްޞަކޮށް ސިންގަޕޫރާއި އިންޑޮނޭޝިއާއާ ދެމެދު ކުރާ ދަތުރުތަކަށް ހުރަސްތަކެއް ކުރިމަތިވެފައި ވެއެވެ.

މިހާތަނަށް އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް، ފަރުބަދައިގެ އެކްޓިވް ކްރޭޓަރ ކައިރިއަށް މީހުން ދިއުން ވަނީ މަނާކޮށްފައެވެ.

ޕެސިފިކް ކަނޑުގެ "ރިންގް އޮފް ފަޔަރ" ސަރަޙައްދުގައި އިންޑޮނޭޝިއާ އޮތުމުގެ ސަބަބުން، ބިންހެލުމާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތަކަކީ އެ ޤައުމަށް އާންމު ކަންކަމެވެ.

އަންކާ ކްރަކަޓާއުއަކީ 1883 ވަނަ އަހަރު ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެނައި މަޝްހޫރު ކްރަކަޓާއު ފަރުބަދައިގެ ބައެއް ކަމަށް މާހިރުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!