ޔަހޫދީ ރެޖީމްގެ ބޮޑުވަޒީރުންގެ ބޯކޮށުމަށާއި މޭކަޕް ކުރުމުގެ ޚަރަދުތަކަށް 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް 470,000 އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވާކަމަށް ޔަހޫދީ ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފިއެވެ.
މި މަޢުލޫމާތު ހާމަވެފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން، މިނިވަން މީޑިއާ އާއި މަޢުލޫމާތުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއްގެ ފަރާތުން ޤާނޫނީ ވަކީލެއް ކަމަށްވާ ޔާރާ ވިންކްލަ -ޝަލިތު 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުށަހެޅުއްވި ޕެޓިޝަނަކާ ގުޅިގެންނެވެ.
ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޚަރަދުތަކުގެ ގާތްގަނޑަކަށް 90 އިންސައްތައަކީ މި މަޤާމުގައި އެންމެ ގިނަ ދުވަހު ހުރި ނެތަންޔާހޫ އާއި އޭނާގެ އަންހެނުން ސާރާ ނެތަންޔާހޫއަށް ކުރި ޚަރަދުތަކެވެ. އަދި އަހަރުން އަހަރަށް މިފަދަ ޚަރަދުތައް އިތުރުވަމުން ގޮސްފައިވާކަން ރެކޯޑުތަކުން ދައްކައެވެ.
ނަފްތާލީ ބެނެޓާއި ޔެއިރު ލަޕިޑް ބޮޑުވަޒީރުކަމުގައި ތިބި 2022 ވަނަ އަހަރު މިފަދަ ޚަރަދުތައް ހުރީ ގާތްގަނޑަކަށް 84,000 ޝެކެލް ގައެވެ. ނަމަވެސް ނަތަންޔާހޫ އަލުން މަޤާމާ ހަވާލުވުމުން 2023 ވަނަ އަހަރު މި ޚަރަދުތައް ވަނީ 311,000 ޝެކެލްއަށް މައްޗަށް ގޮސްފައެވެ. އަދި އެންމެ ބޮޑު ޚަރަދެއް ރެކޯޑު ކޮށްފައި ވަނީ 2025 ވަނަ އަހަރު އެވެ. އެ އަހަރު އެކަނިވެސް ސަރުކާރުން ވަނީ ނަތަންގެ މޭކަޕަށް 111,000 އެމެރިކާ ޑޮލަރު ޚަރަދުކޮށްފައެވެ.
މި ލިޔެކިޔުންތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޖެނޮސައިޑް ހަނގުރާމަ ފެށި ދުވަސްވަރުވެސް މިފަދަ ޚަރަދުތައް ހުއްޓިފައެއް ނުވެއެވެ. އެގޮތުން އެ އަހަރުގެ ސެޕްޓެމްބަރާއި ނޮވެމްބަރާ ދެމެދު ނަތަންޔާހޫގެ ބޯކޮށުމަށް 2,600 އެމެރިކާ ޑޮލަރާއި މޭކަޕަށް 1,580 އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވެއެވެ.
މީގެއިތުރުން، ޤައުމުން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގައިވެސް މިފަދަ ޚަރަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އެގޮތުން 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވޮޝިންޓަނަށް ކުރި ހަތަރު ދުވަހުގެ ދަތުރުގައި އެކަނިވެސް އިސްތަށިގަނޑާއި މޭކަޕަށް 13,500 އެމެރިކާ ޑޮލަރު ޚަރަދުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.







