ބޭރު ގައުމެއްގައި ޑިޕްލޮމެޓަކަށް ކުޑަކުދިންގެ އޮރިޔާން ކާޑު ބަލައިގެން ސަލާމަތް ވެވިދާނެތަ؟

ލަންޑަނުގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޑިޕްލޮމެޓެއްގެ އިލެކްޓްރޯނިކް ވަސީލަތްތަކުން ކުޑަކުދިންގެ އޮރިޔާންކާޑު ފެނުމާ ގުޅިގެން، އޭނާ ސިއްރިއްޔާތުން އެމެރިކާއަށް ގެންދިއުމުން އިނގިރޭސިވިލާތާއި އެމެރިކާއާ މެދު ނުރުހުން ފާޅުކށްފިއެވެ.

މި ޑިޕްލޮމެޓު ލަންޑަނުން ބޭރުކޮށްފައިވަނީ އެމެރިކާގެ އިންވެސްޓިގޭޓަރުން އޭނާގެ އިލެކްޓްރޯނިކް ވަސީލަތްތައް ބަލައި ފާސްކުރުމަށްފަހުގައެވެ. މި ތަޙުޤީޤު ފެށިފައިވަނީ އެމެރިކާގައި ހުންނަ އެ ޑިޕްލޮމެޓުގެ ކޮށްކޮއާ ގުޅުންހުރި މައްސަލައަކާ ގުޅިގެން ކަމަށާއި، މިކަމުގެ ސަބަބުން މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާގެ ސިފައިން ވަނީ ލަންޑަނުގައި ހުންނަ އެ ޑިޕްލޮމެޓުގެ ގެއަށް ވަދެ ފާސްކޮށްފައެވެ.

އަދި މި މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ނުތަވަސްކަމެއް އުފެދުނީ، އިނގިރޭސިވިލާތުގެ ފުލުހުންނާއި ކަމާބެހޭ އިސް ފަރާތްތަކަށް މިކަން އެންގުނީ އެ ޑިޕްލޮމެޓު ޤައުމުން ބޭރުކޮށްލުމަށްފަހު ކަމަށްވުމުންނެވެ. އިނގިރޭސިވިލާތުގައި ހިންގި މި ޖަރީމާގެ ޤާނޫނީ ހައިސިއްޔަތާ މެދު އިނގިރޭސި މަސްއޫލުވެރިން ވަނީ ސުވާލު އުފައްދާފައެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ޑިޕްލޮމެޓު އެމެރިކާއަށް ގެންގޮސްފައިވަނީ އެމެރިކާގެ އަސްކަރީ ބޯޓެއްގައެވެ.

އިނގިރޭސި ސިޔާސީ ބޭފުޅުން ވަނީ މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. ކޮންސަވޭޓިވް ޕާޓީގެ މެންބަރު ބެން އޮބީޒް-ޖެކްޓީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތުގެ ސަރަޙައްދުގައި އެމެރިކާގެ ސިފައިން ބާރުގެ ބޭނުންކޮށްގެން އެ ޤައުމުގެ ޤާނޫނީ އިޚްތިޞާޞުން ބޭރުން މީހަކު ގެންދިއުމަކީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ދެ ޤައުމުގެ ސްޓްރެޓެޖީއާއި ގުޅުންތަކަށް ހުރަސްއެޅިގެންދާނެ ކަމަށް ފާހަގަކުރެއެވެ.

މި މައްސަލައާ ގުޅިގެން އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، އިނގިރޭސިވިލާތުގައި ތިބޭ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންވެސް އެ ޤައުމުގެ ޤާނޫނުތަކަށް ފުރިހަމައަށް ބޯލަނބަންޖެހޭނެ ކަމަށެވެ. ނަމަވެސް އެމެރިކާގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ، އިތުރު އެއްވެސް ތަފުސީލެއް ދެވެން ނެތް ކަމަށް ވަނީ ހާމަކޮށްފައެވެ. ލަންޑަނުގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ މި މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެމެރިކާގެ މުވައްޒަފުންގެ ކިބައިން އެންމެ މަތީ މިންގަނޑުގެ އަޚުލާޤެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ހިއްސާ ކުރައްވާ!