ޕާކިސްތާނުގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (ޕީއެމްޑީސީ) އިން އެގައުމުގައި މެޑިކަލް އަދި ޑެންޓަލް ކޮލެޖުތަކުގައި ތައުލީމު ހާސިލުކުރަމުންދާ އަފްޣާނިސްތާނުގެ ދަރިވަރުން އެނބުރި އަފްޣާނިސްތާނަށް ދިއުމަށް އެންގުމާ ގުޅިގެން، ދަރިވަރުން ކަންބޮޑުވުންތަކެއް ފާޅުކުރަން ފަށައިފިއެވެ. މި އަމުރުގެ ސަބަބުން، ޚާއްސަކޮށް އަންހެން ދަރިވަރުންގެ މުސްތަގުބަލު އަނދިރިވެ، ކިޔެވުން މުޅިން ހުއްޓިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އެ ކުދިން ބުނެއެވެ.
ޕާކިސްތާނުގެ އެކި ކޮލެޖުތަކުގައި މިވަގުތުވެސް ގާތްގަނޑަކަށް 1،000 އަފްޣާނިސްތާނު ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު، އޭގެ ތެރޭގައި 350 އަންހެން ކުދިން ހިމެނެއެވެ. ޕީއެމްޑީސީން ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ނެރިފައިވާ އަމުރުގައިވަނީ، އަފްޣާނިސްތާނު ދަރިވަރުން ކިޔަވަމުންދާ ކޮލެޖުތަކުން އެކަށީގެންވާ އިދާރީ ފިޔަވަޅުތައް އަޅައި، އެ ދަރިވަރުން އެނބުރި ގައުމަށް ފޮނުވާލުމުގެ ކަންތައްތައް ހަމަޖެއްސުމަށެވެ. އަފްޣާނިސްތާނުގައި މިވަގުތު އަންހެނުންގެ ތައުލީމު އުނގެނުމަށް ހަރުކަށ މަނާކުރުންތަކެއް އޮތުމުގެ ސަބަބުން، އެނބުރި ގައުމަށް ގޮސްފިނަމަ އެ ކުދިން ގޭގައި ތިބެންޖެހޭ ފަދަ ނުރައްކާތެރި ހާލަތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ދަރިވަރުން ފާހަގަކުރެއެވެ.
މި މައްސަލައާ ގުޅޭގޮތުން ޚައިބަރު މެޑިކަލް ކޮލެޖުގެ އެމްބީބީއެސް ފަހު އަހަރުގެ ދަރިވަރަކު ބުނީ، ޕީއެމްޑީސީގެ މި ނިންމުމުގެ ސަބަބުން ދަރިވަރުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށެވެ. އަދި ތަމްރީން ނިންމުމަށްފަހު ޚާއްސަ ތައުލީމީ ޕްރޮގްރާމްތަކަށް ވަނުމުގެ އިންތިޒާރުގައި ތިބި 200 އެއްހާ ދަރިވަރުންވެސް މި ހާލަތުގެ ސަބަބުން ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް އޭނާ ބުނެއެވެ. މި ދަރިވަރުން ޕާކިސްތާނަށް އައިސްފައިވަނީ ގަވާއިދުގެ ތެރެއިން ސައްހަ ވިސާ ހޯދައިގެން، މެރިޓަށް ބިނާކޮށް ސްކޯލަރޝިޕްގެ ފުރުސަތުތަކުގައި ކަމަށްވާއިރު، ކުރިން ކިޔަވަމުންދާ ދަރިވަރުން މި އަމުރުން އިސްތިސްނާ ކޮށްދިނުމަށް އެދަރިވަރުން ވަނީ އެދިފައެވެ.
ޕާކިސްތާނުގެ ލާހޯރު ހައިކޯޓުން ވަނީ ޖުލައި 31 އަދި ސެޕްޓެމްބަރު 1 ގައި ނެރެފައިވާ އަމުރުތައް ވަގުތީގޮތުން މަޑުޖައްސާލާފައެވެ. ނަމަވެސް، ކިންގް އެޑްވާޑް މެޑިކަލް ޔުނިވަރސިޓީ ފަދަ ބައެއް ތަންތަނުން އަފްޣާނިސްތާނު ދަރިވަރުން ކެމްޕަސް ދޫކޮށް ދިއުމަށް އަންގާފައިވުމާއެކު، މިއީ ވަގުތީ ލުޔެއް ކަމަށް ދަރިވަރުން ދެކެއެވެ. އަފްޣާނިސްތާނަށް ދިޔަޔަސް އެގައުމުގެ މެޑިކަލް ސެޓުފިކެޓުތަކަކީ ބައިނަލްއަގުވާމީ މައިދާންތަކުގައި ބަލައިގަންނަ އެއްޗަކަށް ނުވާތީ، އެމީހުންގެ މުސްތަގުބަލު މުޅިން އަނދިރިވެގެންދާނެ ކަމަށް އެކުދިން ބުނެއެވެ.







