އިންޑިއާގެ ތަރައްގީގެ ހަލުވި ދުވެލީގެ ކުރިއެރުމާއި، ބައިނަލްއަޤުވާމީ މައިދާނުގައި އެ ޤައުމުގެ ނުފޫޒު އިތުރުވަމުންދާ ދަނޑިވަޅެއްގައި، ކުރިއަށް އޮތް އަހަރުތަކުގައި އިންޑިއާގެ ޚާރިޖީ ސިޔާސަތަށް މުހިންމުވާނެ މައިގަނޑު 6 ކަމެއް ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ފާހަގަކުރައްވައިފިއެވެ. އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒް (އައި.ސީ.ޑަބްލިއު.އޭ) ގެ އަލިމަސް ޙަފުތާގެ ނިންމުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، ދުނިޔޭގެ މަސްރަހު ދުވަހަކަށްވުރެ ދުވަހެއް ހަލަބޮލިވަމުންދާއިރު، އިންޑިއާގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރަންޖެހޭނީ މިކަންކަމަށް ރިއާޔަތްކޮށްގެން ކަމަށެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި އިންޑިއާގެ ޖީ.ޑީ.ޕީ ދެ ގުނަވެ، އެކި ދާއިރާތަކުން ޤައުމުގެ ޤާބިލުކަން އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ، ދުނިޔެއިން އިންޑިއާއާ މެދު ދެކޭގޮތް މުޅިން ބަދަލުވެފައިވާ ކަމަށެވެ.
"މިއީ ހަމައެކަނި ޢަދަދުތަކެއް ނުވަތަ ސައިޒެއްގެ މައްސަލައެއް ނޫން. މިއީ ދުނިޔޭގެ މައިދާނުގައި އަޅުގަނޑުމެންގެ ޙިއްސާއާއި، އެހެން ޤައުމުތަކާ އޮންނަ ގުޅުމުގެ ބަދަހިކަމަށާއި، ބައިނަލްއަޤުވާމީ މުހިންމު ބަހުސްތަކުގައި އިންޑިއާގެ ބައިވެރިވުމަށް ސީދާ އަސަރުކުރާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ޚާރިޖީ ސިޔާސަތަށް ކުރިމަތިވާނެ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަލުވި އިޤްތިޞާދީ ކުރިއެރުމުގެ ނަތީޖާތަކާއި، ބައިނަލްއަޤުވާމީ މައިދާނުގައި ހުނަރާއި ޤާބިލުކަން ދައުރުވުމާއި، މުވާސަލާތާއި އޭ.އައި ގެ ކުރިއެރުންތަކެވެ. މީގެއިތުރުން އެހެން ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މަސްލަހަތާއި، އިންޑިއާގެ ޙަޟާރީ ވަންތަކަމާއި މިނިވަންކަން ދެމެހެއްޓުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދޭދޭ ގައުމުެގ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމަށް ޚާއްސަ އިސްކަމެއްދީގެން ޚާރިޖީ ސިޔާސަތު ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ، ޒަމާނީ މަސައްކަތުގެ މާޙައުލުގައި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ މަސައްކަތްތެރިން ބޭނުންވާ ކަމަށެވެ. އަދި އޭ.އައި ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ޚާރިޖީ މަސައްކަތްތައް ކުރިއަށްގެންދިއުމަކީ ކުރިއަށް އޮތްތަނުގައި އިތުރަށް މުހިންމު ވެގެންދާނެ ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ސްޓްރެޓީޖީ މިނިވަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، ވަކި ފަރާތަކަށް ބަރޯސާނުވެ މިނިވަންކޮށް ސިޔާސަތު ކަނޑައެޅުމަކީ އިންޑިއާގެ އަސާސްގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މައިދާނު ހަލަބޮލިކަން ބޮޑުވަމުންދާއިރު، އިންޑިއާ އަބަދުވެސް ތާއީދުކުރާނީ މެދުމިނުގެ ހައްލު ވެރި ކަމާއި އަދި ސުލްޙަވެރިކަމާއެކު މައްސަލަތައް ޙައްލުކުރުމަށާއި، ގިނަ ބާރުތަކުގެ މައްޗަށް އެކުލެވިގެންވާ ދުނިޔެއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.




