ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބް ބައްޗަން ފިލްމީ ދާއިރާއިން ރިޓަޔަރ ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ. އުމުރުން ދުވަސްވީ ނަމަވެސް މަސައްކަތް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، އަރާމު ކުރަންވީ ކަމަށް އޭނާގެ ބްލޮގްގައި ލިޔެފައިވަނީ ރޭގަނޑު ނިދަން ދާންވީ ވަގުތުޖެހުނީކަން ބަޔާންކުރުމަށް ކަމަށް އޭނާ ސާފުކޮށްދީފައިވެއެވެ.
ފާއިތުވި ދުވަސްތަކުގައި މީސް މީޑިއާގައާއި ބައެއް ނޫސްތަކުގައި އަމީތާބް ބައްޗަން ފިލްމީ ކެރިއަރާއި ޓީވީ ޕްރޮގްރާމު ހޯސްޓްކުރުމުގެ މަސައްކަތުން ރިޓަޔަރ ކުރަން އުޅޭކަމުގެ ޚަބަރުތައް ފެތުރިގެންދިޔައެވެ. މިކަމާ ގުޅިގެން އަމީތާބް ބައްޗަން ނެރުނު ބްލޮގް ޕޯސްޓެއްގައި ބަޔާންކޮށްފައިވަނީ، އޭނާ ލިޔުނު "ރިޓަޔަރ" ވުމުގެ މާނައަކީ މަސައްކަތް ހުއްޓާލުން ނޫން ކަމަށާއި، އެއީ އިނގިރޭސި ބަހުން ނިދަން ދިއުމަށް ބޭނުންކުރާ އާދައިގެ ޢިބާރާތެއް ކަމަށެވެ. އަދި ނޫސްތަކުން މިކަން މާނަކޮށްފައިވަނީ މުޅިން އޮޅުވާލައިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކދައްކަވަމުން އަމީތާބް ބައްޗަން ވިދާޅުވީ، އޭނާ އަދިވެސް މަސައްކަތުގައި ދެމިހުންނާނެ ކަމަށާއި، ރިޓަޔަރމަންޓްގެ އެއްވެސް ޚިޔާލެއް ނުގެންގުޅޭ ކަމަށެވެ. އަދި އެ ލިޔުމުގެ މަޤުޞަދަކީ ހަމައެކަނި ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު އަރާމުކުރަން ދިއުން ކަމަށް އޭނާ ތަފުޞީލުކޮށްދެއްވިއެވެ. މި ވާހަކަތަކުގެ ސަބަބުން ސަޕޯޓަރުންނަށް ލިބުނު ކަންބޮޑުވުންތައް ވަނީ ފިލައިގެން ގޮސްފައެވެ.
އަމީތާބް ބައްޗަން މިވަގުތު ދަނީ އިންޑިއާގެ މަޝްހޫރު ޓީވީ ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ" (ކޭ.ބީ.ސީ) ގެ 18 ވަނަ ސީޒަން ހޯސްޓްކުރަމުންނެވެ. 2000 ވަނަ އަހަރުން ފެށިގެން މި ޝޯއާ ގުޅިފައިވާ މަޝްހޫރު ތަރި، 2007 ވަނަ އަހަރު ފިޔަވައި ކޮންމެ އަހަރަކުވެސް މި ޝޯ ހޯސްޓްކޮށްދީފައިވެއެވެ. އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިފަދަ ޝޯތަކުން އޭނާ ފެންނަމުންދިއުމަކީ ސަޕޯޓަރުންނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.





