އިންޑިއާއިން ދިފާއީ އުފެއްދުންތެރިކަން އިތުރުކުރުމަށް 405 ވަސީލަތެއް އަމިއްލައަށް އުފައްދަން ނިންމައިފި

އިންޑިއާގެ ދިފާއީ ވުޒާރާއިން އެ ގައުމުގެ އަސްކަރީ ވަސީލަތްތަކަށް ބޭނުންވާ މުހިންމު 405 އައިޓަމެއް އަމިއްލައަށް އުފެއްދުމަށް ނިންމައި، "ސިކްސްތު ޕޮޒިޓިވް އިންޑިޖެނައިޒޭޝަން ލިސްޓު" (ޕީ.އައި.އެލް) އިއުލާނުކޮށްފިއެވެ. ދިފާއީ ވަޒީރު ރާޖްނާތު ސިންގު އިސްވެ ހުންނަވައި ނެރުއްވި މި ލިސްޓަކީ ގާތްގަނޑަކަށް 3,070 ކުރޯރު ރުޕީސްގެ ވިޔަފާރީގެ ފުރުސަތުތައް ހުޅުވިގެންދާނެ މަޝްރޫއެކެވެ. މިއީ އިމްޕޯޓަށް ބަރޯސާވުން ކުޑަކޮށް، ދިފާއީ ދާއިރާއިން އަމިއްލައަށް ފުދުންތެރި ގައުމަކަށްެ ވުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެކެވެ.

މި ލިސްޓުގައި ހިމެނެނީ އިންޑިއާގެ ސިފައިން ބޭނުންކުރާ މަތިންދާބޯޓުތަކާއި، ހެލިކޮޕްޓަރުތަކާއި، ޓޭންކުތަކާއި، ހަތިޔާރު އެކުލެވޭ އުޅަނދުފަހަރަށް ބޭނުންވާ މުހިންމު ބައިތަކެވެ.

އޭގެ ތެރޭގައި އެޑްވާންސްޑް އަދި ލައިޓް ޔޫޓިލިޓީ ހެލިކޮޕްޓަރު، ސުކޯއީ-30 އެމް.ކޭ.އައި، އެލް.ސީ.އޭ ތޭޖަސް، ޓީ-72 އަދި ޓީ-90 ޓޭންކުތަކުގެ އިތުރުން މާކަނޑުގެ ހަނގުރާމަމަތީ މޯބައިލް ސިސްޓަމްތަކަށް ބޭނުންވާ ބައިތައް ހިމެނެއެވެ.

ޑިޕާޓްމަންޓް އޮފް ޑިފެންސް ޕްރޮޑަކްޝަން (ޑީ.ޑީ.ޕީ) އިން އާންމުކުރި މި ލިސްޓުގައި އިންޑިއަން ކޯސްޓްގާޑަށް ބޭނުންވާ 16 އައިޓަމަކާއި، ދިފާއީ އުފެއްދުންތައް އުފައްދާ ސަރުކާރު ކުންފުނިތަކަށް ބޭނުންވާ 389 އައިޓަމެއް ހިމެނެއެވެ.

ސަރުކާރުގެ މި ނިންމުމާއެކު، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު މި ތަކެތި ބޭރު ގައުމުތަކުން އެތެރެކުރުން މަނާވާނެއެވެ.

މީގެ ބޭނުމަކީ އިންޑިއާގެ އަމިއްލަ ކުންފުނިތަކާއި، ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ދީގެން އުފެއްދުންތެރިކަން އިތުރުކުރުމެވެ.

2020 ވަނަ އަހަރުން ފެށިގެން ތައާރަފުކުރި 'ސުރްޖަން' ޕޯޓަލް މެދުވެރިކޮށް މިހާތަނަށް 33,000 އަށްވުރެ ގިނަ ދިފާއީ ސާމާނު އަމިއްލައަށް އުފެއްދުމަށް ހުޅުވާލާފައިވާއިރު، އޭގެ ތެރެއިން 15,700 އަށްވުރެ ގިނަ އައިޓަމް މިހާރު ވަނީ ކާމިޔާބުކަމާއެކު އިންޑިއާގައި އުފައްދަން ފަށާފައެވެ.

މީގެ ސަބަބުން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި 9,000 ކުރޯރު ރުޕީސްގެ އިމްޕޯޓު ސަލާމަތްކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހިއްސާ ކުރައްވާ!