ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން އެތައް ހާސް ބަންގްލަދޭޝް މުވައްޒަފުންގެ ވިސާ ބާތިލުކޮށްފި

ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫ.އޭ.އީ) ސަރުކާރުން ބަންގްލަދޭޝްގެ 4 ހާހަށް ވުރެން ގިނަ ރައްޔިތުންގެ ވިސާ ކުއްލި ގޮތަކަށް ބާތިލުކޮށްފިއެވެ. މި ފިޔަވަޅުގެ ސަބަބުން ޗުއްޓީއަށް ޤައުމަށް ގޮސް ތބި އެތައް ބަޔަކަށް އަނބުރާ ވަޒީފާތަކަށާއި ވިޔަފާރިތަކަށް ނުދެވި، ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިލާންޖެހިފައިވެއެވެ. މި މައްސަލައާ ގުޅިގެން ދެ ޤައުމުގެ ޑިޕްލޮމެޓުންނާއި ރަސްމީ ފަރާތްތަކުން ދަނީ މައްސަލަ ހައްލު ކުރުމަށް މަޝްވަރާކުރަމުންނެވެ.

މި ވިސާ ބާތިލުކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ އެއްވެސް ކުރިއާލައި އެންގުމަކާއި ނުލައި ކަމަށް ވިސާ ބާތިލު ކޮށްފައިވާ ފަރާތްތަކުން ފާހަގަކުރެއެވެ. ޔޫ.އޭ.އީގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެމުންދިޔަ ބަންގްލަދޭޝްގެ ބައެއް ރައްޔިތުންނަށް ކުއްލިއަކަށް ލިބުނު އީމެއިލްތަކާއި މެސެޖުތަކުން އެމީހުންގެ ވިސާ ބާތިލުކޮށްފައިވާކަން އެނގިފައިވެއެވެ. އެއްވެސް ޤާނޫނީ ކުށެއް ނުވަތަ މައްސަލައެއް ނެތި މިފަދައިން ވިސާ ކެންސަލްކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް އެދި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ޕްރެޝަރުކޮށްފައެވެ.

މިކަމާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން ވަނީ ޑިޕްލޮމެޓިކް މުޢާމަލާތްތައް މެދުވެރިކޮށް މި މައްސަލަ ވީ އެންމެ އަވަހަކަށް ޙައްލުކުރުމަށް މަސައްކަތް ފަށާފައެވެ. ޒަމާނުއްސުރެ ޔޫ.އޭ.އީއަކީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް މުހިންމު މަންޒިލަކަށް ވެފައިވާއިރު, މިހާރު ވެސް އެ ޤައުމުގައި ބަންގްލަދޭޝްގެ 1.2 މިލިއަން ރައްޔިތުން ދިރިއުޅެމުންދެއެވެ.

މީސް މީޑިއާގައި ދެކެވޭ ވާހަކަތަކުން އެނގެނީ މި ކަން ކޮށްފައި ވަނީ ސަލާމަތީ ސަބަބުތަކަށް ބަލައިގެންނެވެ. އޭގެ ތެރޭގައި މީޙުންގެ މީސްމީޑިއާ އެކައުންޓްތައް ބެލުންވެސް ހމެނެއެވެ.

ހިއްސާ ކުރައްވާ!