ބަންގްލަދޭޝްގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހީގެ ބަލިމަޑުކަމުގެ ސަބަބުން އެ ޤައުމުގެ ސިއްހީ ނިޒާމު ނުރައްކަލަކަށް ހުށަހެޅި، ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެއްޖެއެވެ. މިއީ އެ ޤައުމުގެ ތާރީޚުގައި ވެސް މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި ހިމަބިހީގެ ރޯގާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. މި މާޗް މަހުން ފެށިގެން މިހާތަނަށް މި ބަލީގައި 999 މީހުން މަރުވެފައިވާއިރު، މިއީ ބައިނަލްއަޤުވާމީ މަސްރަހުގައި ވެސް ކަންބޮޑުވުން އުފެދިފައިވާ މައްސަލައެކެވެ.
މިބަލިން އަރައިގަތުމަށް މީގެ ކުރިން ހޯދާފައިވާ ކާމިޔާބީތައް ގެއްލިގެން ގޮސްފައިވަނީ، 2024 އަދި 2025 ވަނަ އަހަރު އެ ޤައުމަށް އައި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމުތަކަށް ބުރޫއެރުމާ ގުޅިގެންނެވެ. އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚު ޙަސީނާގެ ވެރިކަން ބަދަލުވުމާ ގުޅިގެން އުފެދުނު ވަގުތީ ސަރުކާރުގެ ދުވަސްވަރު ވެކްސިން ގެނައުމުގެ ސިޔާސަތުތަކަށް އައި ބަދަލުތަކުގެ ސަބަބުން ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. މީގެ ސަބަބުން ކުޑަކުދިންނަށް ވެކްސިން ޖެހުން މެދުކެނޑި، ބަލީގެ ނުރައްކާ މުޅި ޤައުމަށް ވަނީ ފެތުރިފެވެ.
އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް މެނޭޖްމަންޓްގެ ތަފާސްހިސާބުތަކަށް ބިނާކޮށް ރިޕޯޓުކޮށްފައިވާ ގޮތުން، ބަންގްލަދޭޝް މިހާރު ވެފައިވަނީ ދުނިޔޭގައި އެންމެ ބޮޑަށް ހިމަބިހި ފެތުރެމުންދާ ޤައުމަށެވެ. ސިއްހީ ވުޒާރާގެ ރެކޯޑުތަކުން ދައްކާގޮތުން، މި އަހަރުގެ މާޗް މަހުން ފެށިގެން 166،000 އަށްވުރެ ގިނަ މީހުންނަށް މި ބަލިޖެހިފައިވާކަމަށް ޝައްކުކުރެވެއެވެ. އަދި 19،835 މީހުންގެ ކިބައިން ބަލި ހުރިކަން ލެބޯޓްރީން ކަށަވަރުކޮށްދީފައިވާއިރު، 146،000 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވެއެވެ.
މި ހާލަތާ ގުޅިގެން ވެރިރަށް ޑާކާގެ ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ. ޚާއްސަކޮށް، ހިމަބިހީގެ އިތުރުން ޑެންގީ ހުން ވެސް ހަލުވިކަމާއެކު ފެތުރެމުންދާތީ، ސިއްހީ މުވައްޒަފުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ބަލި މީހުން ގިނަވުމުގެ ސަބަބުން އެނދު ހުސްވެ، ހޮސްޕިޓަލްތަކުގެ ބިންމަތީގައި ވެސް ބަލި މީހުންނަށް ފަރުވާދެމުންދާކަމަށް ހޮސްޕިޓަލްތަކުގެ އިސްވެރިން ފާހަގަކުރައްވައެވެ.






