ނިއުދިއްލީގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަންގެ އިސްވެރިޔާ އިންޑިއާގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް، ޢަރަބި ކަނޑުގެ ސަރަޙައްދުގައި ޕާކިސްތާނުގެ ސިފައިން ޢަމަލުކުރި ނުރައްކާތެރި އަދި ޕްރޮފެޝަނަލް ނޫން މައްސަލައަކާ ގުޅިގެން ނުރުހުން ފާޅުކޮށް އިހުތިޖާޖު ކޮށްފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އިން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ ސިފައިންގެ އުޅަނދަކާއި އިންޑިއާގެ ސިފައިންގެ އުޅަނދަކާ ދެމެދު ކަނޑުގެ ސަރަހައްދުގައި ޙާދިސާއެއް ހިނގާފައިވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ހަވީރުގެ ވަގުތުގައެވެ. އުތުރު ޢަރަބި ކަނޑުގެ ސަރަޙައްދުގައި އިންޑިއާގެ ސިފައިންގެ މަނަވަރެއް އާންމު ޕެޓްރޯލިންގް ޙަރަކާތެއް އުޅެމުން ދަނިކޮށް، ޕާކިސްތާނުގެ ސިފައިންގެ އުޅަނދެއް ބާރު ސްޕީޑުގައި ކައިރިވެ ނުރައްކާތެރި ގޮތަކަށް ކައިރިން ދުއްވުމުގެ ސަބަބުން މި ޙާދިސާ ހިނގާފައިވާ ކަމަށް މަޢުލޫމާތުދެއެވެ. ނަމަވެސް، މި ޙާދިސާގައި އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އިންޑިއާއިން ބުނެއެވެ.
މިއީ 1991 ވަނަ އަހަރު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ވެވުނު އަސްކަރީ ތަމްރީނުތަކާއި ސިފައިންގެ ޙަރަކާތްތަކާ ބެހޭ އެއްބަސްވުމުގެ 10 ވަނަ މާއްދާއާ ސީދާ ޚިލާފަށް ހިންގާފައިވާ ޢަމަލެއް ކަމަށް އިންޑިއާއިން ބުނެއެވެ. މިފަދަ ނުރައްކާތެރި ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުންތަކަށް ފުރިހަމައަށް އިޙްތިރާމުކޮށް، ސިފައިންގެ ޔުނިޓުތަކުން ފުރިހަމައަށް ސަމާލުކަންދިނުމަށް ޕާކިސްތާނަށް ވަނީ އަންގާފައެވެ.




