ބްރިކްސް ސަމިޓްގެ ލީޑަރުންގެ ޞިއްޙީ ހާލަތާ ގުޅޭގޮތުން ފަތުރަމުންދަނީ ދޮގު ޚަބަރުތަކެއް: އިންޑިއާގެ ޚާރިޖީ ވުޒާރާ

ނިއުދިއްލީގައި ބޭއްވި ބްރިކްސް ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ދުނިޔޭގެ ވެރިންގެ ޞިއްޙީ ހާލަތާ ގުޅޭގޮތުން މީސް މީޑިއާގައި ދައުރު ވަމުންދަނީ ހަޤީޤަތާ ޚިލާފު، ގެއްލުންދެނިވި އަދި ޚާއްސަ ގޮތެއްގައި އޮޅުވާލައިގެން ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ސެޕްޓެމްބަރު މަހުގެ 12 އިން 13 އަށް ނިއުދިއްލީގައި ބޭއްވި ބްރިކްސް ސަމިޓަށްފަހު، ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއާއި ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާގެ ޞިއްޙީ ހާލުކޮޅާ ގުޅޭގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވާހަކަތަކެއް ފެތުރާފައިވެއެވެ. އިންޑިއާގެ ޚާރިޖީ ވުޒާރާއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މީސް މީޑިއާގައި މިފަދަ ޒިންމާދާރުކަން ކުޑަ، ގެއްލުންދެނިވި ޕޯސްޓުތައް ފަތުރަމުންދާތީ އެކަމަށް ސަމާލުވުމަށް އިރުޝާދުދޭ ކަމަށެވެ.

މި ވާހަކަތައް ފެތުރެން ފެށިފައި ވަނީ، ސަމިޓްގެ ފަރިއްކޮޅުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ބައިވެރިވެވަޑައިނުގެންނެވުމާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގެ ބައެއް ޕޯސްޓުތަކުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ސަމިޓްގެ ތެރެއިން ރައީސް ޝީ ހޭނެތި، ސްޓްރޯކެއް ޖެހިވަޑައިގެން ފަރުވާދިނުމަށް ބެއިޖިންއަށް ފުރައިވަޑައިގަތް ކަމަށެވެ. ނަމަވެސް، ޗައިނާގެ ރައީސަށް ޞިއްޙީ ކުއްލި ހާލަތެއް ކުރިމަތިވެވަޑައިގަތް ކަން ނުވަތަ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާދިންކަން ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މީގެއިތުރުން، ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ޤައުމަށް ވަޑައިގަތުމަށްފަހު، ޞިއްޙީ ހާލަތު ހުރި ގޮތުން ޢާންމު ހަރަކާތްތަކުން ކުޑަ ވަގުތުކޮޅަކަށް އެމަނިކުފާނު އެކަހެރިވެ ވެވަޑައިގެންފައިވާ ކަމަށެވެ. އުމުރުން 73 އަހަރުގެ ރަމަފޯސާ އިންޑިއާއިން އެނބުރި ވަޑައިގެންނެވީ ހޯމަ ދުވަހު ކަމަށާއި، ޑޮކްޓަަރުންގެ ލަފާފުޅުގެ މަތިން ރަމަފޯސާ މިވަގުތު އަރާމުކުރައްވަމުން ގެންދަވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބްރިކްސް ޖަމާއަތަކީ 11 ޤައުމުގެ މައްޗަށް އެކުލެވޭ ބައިނަލްއަޤުވާމީ ގުރޫޕެކެވެ. އިންޑިއާގެ ރިޔާސަތުގެ ދަށުން ނިއުދިއްލީގައި ބޭއްވި މި ސަމިޓްގެ މައިގަނޑު ޝިއާރަކަށް ވެފައިވަނީ "ހަރުދަނާކަމާއި، އީޖާދާއި، އެއްބާރުލުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ބިނާކުރުން" އެވެ.

މި ސަމިޓް އިންޑިއާއިން ބާއްވާފައިވަނީ، އިޤްތިޞާދީ އެއްބާރުލުމާއި، ތަރައްޤީއާއި، ޓެކްނޮލޮޖީގެ އިތުރުން ދުނިޔޭގެ ސިޔާސީ މަސްރަހުގައި މެންބަރު ޤައުމުތަކުގެ މެދުގައި އޮތް އެއްބައިވަންތަކަން އިތުރަށް މަސައްކަތް ކުރުމާއެކުގައެވެ. އައު ދައުރަށް ރިއާސަތާ ހަވާލު ވެފައި ވަނީ ޗައިނާއިންނެވެ.

ހިއްސާ ކުރައްވާ!