ރަޝިޔާގެ ތެޔޮ ގަންނަ ޤައުމުތަކަށް 100 އިންސައްތައިގެ ޑިއުޓީއެއް

ރަޝިޔާގެ ތެޔޮ ގަންނަ ޤައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ގޮތުން ސައްތަ އިން ސައްތައާ ހަމައަށް ޑިއުޓީ ނެގުމުގެ ބާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިދޭ ގޮތަށް އެކުލަވައިލާފައިވާ ބިލެއް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ވޯޓަށް އެހުމަށް ތައްޔާރުވެއްޖެއެވެ. މި ބިލުގައި ހިމެނޭ ޚާއްސަ އިސްލާޙެއްގެ ސަބަބުން، މި ފިޔަވަޅުގެ ތެރެއަށް ފެތިދާނެ ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ ރަހުމަތްތެރިއެއް ކަމަށްވާ އިންޑިއާ ވެސް ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

"ލިންޑްސޭ އޯ ގްރަހަމް ސެންކްޝަނިން ރަޝިޔާ 2026″ ގެ ނަމުން ނަންދީފައިވާ މި ބިލު، ފާއިތުވި މަހު އެމެރިކާގެ ސެނެޓުން ފާސްކޮށްފައިވަނީ 86 ވޯޓުގެ ތާއީދާ އެކުގައެވެ. މިހާރު މި ބިލު ހައުސްގެ ރޫލްސް ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހުމަށް ފާސްކޮށްދީފައެވެ.

ޑިމޮކްރެޓިކް ކޮންގްރެސް މެންބަރު ސްޓެނީ ހޮޔަރ ހުށަހަޅުއްވާފައިވާ އިސްލާޙެއްގައިވަނީ، މި ބިލުގެ ދަށުން ޑިއުޓީ ނެގުމުގެ ޝަރުތު ހަމަވާ 10 ޤައުމެއް ޚާއްސަކޮށް ފާހަގަކޮށްފައެވެ. އެ ޤައުމުތަކުގެ ތެރޭގައި ޗައިނާ، އިންޑިއާ، ތުރުކީވިލާތް، އަޒަރުބައިޖާން، ހަންގޭރީ، ސްލޮވާކް ރަޕަބްލިކް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސިންގަޕޫރު، ކަޒަކްސްތާނު އަދި ކިރްގިޒް ރަޕަބްލިކް ހިމެނެއެވެ.

މި އިސްލާޙުގެ ސަބަބުން އިންޑިއާގެ މުދަލަށް އޮޓޮމެޓިކުން 100 ޕަސެންޓް ޑިއުޓީއެއް ނެގޭނެ އެވެ. ސެނެޓުން ފާސްކުރި ކުރީގެ ވާޝަންގައި ވަކި ޤައުމުތަކެއްގެ ނަންތައް ލިޔެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ ބިލުގައި ބުނެފައިވަނީ ތެލާއި ގޭސް އެންމެ ގިނައިން އެތެރެކުރާ ބޮޑެތި ޤައުމުތަކުގެ އަދަދުތަކުގެ މައްޗަށް ބަލައި ޑިއުޓީ ނަގާނެ ކަމަށެވެ.

މި ޤާނޫނުގެ މައިގަނޑު މަޤުސަދަކީ ރަޝިޔާގެ އިސްވެރިންނާއި، އެ ޤައުމުގެ ހަކަތައިގެ ސިނާޢަތުގެ އިތުރުން ދަތުރުފަތުރުގެ ދާއިރާގައި ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޯނުލަނބައި އުޅޭ އުޅަނދުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމެވެ. އަދި ހަމައެއާއެކު، ރަޝިޔާގެ ހަކަތަ ގިނައިން ގަންނަމުންދާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ ބާރު އެމެރިކާގެ ރައީސަށް މި ޤާނޫނުގެ ތެރެއިން ލިބިގެންދާނެއެވެ.

މި ބިލާ މެދު ސިޔާސީ މައިދާނުގައި ޚިޔާލުތަފާތުވުންތައް ހުރިކަން ވެސް ފާހަގަކުރެވެއެވެ. ކޮންގްރެސްގެ އެހެން ޑިމޮކްރެޓިކް މެންބަރެއް ކަމަށްވާ ގްރެގަރީ މީކްސް ވަނީ ރައީސަށް ލިބިދޭ މިފަދަ ޑިއުޓީ ނެގުމުގެ ބޮޑެތި ބާރުތައް ބިލުން އުނި ކުރުމަށް އިސްލާޙެއް ހުށަހަޅުއްވާފައެވެ. ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓަރމް އިންތިޚާބާ ދިމާކޮށް މި ބިލް ފާސްކުރުމަށް ލިބިފައިވަނީ މަދު މަސައްކަތު ދުވަސްކޮޅެކެވެ.

ހިއްސާ ކުރައްވާ!