ހަނގުރާމައިގެ ޚަރަދު 38 ބިލިއަން ޑޮލަރަށް އަރައިފި

އެމެރިކާގެ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްއަށް ކޮށްފައިވާ ޚަރަދު މިއަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހާ ހަމައަށް ގާތްގަނޑަކަށް 38 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެމެރިކާގެ ކޮންގްރެސްގެ ބަޖެޓް އޮފީސް (ސީ.ބީ.އޯ) ގެ ރިޕޯޓަކުން ހާމަވެއްޖެއެވެ.

ކޮންގްރެސްއަށް ބަޖެޓާއި އިޤްތިޞާދީ ދިރާސާތައް ފޯރުކޮށްދޭ މިނިވަން މުއައްސަސާއެއް ކަމަށްވާ ސީ.ބީ.އޯއިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ "އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޚަރަދު އަންދާޒާކުރުން" މި ނަމުގައި ނެރުނު ރިޕޯޓެއްގައެވެ.

މީގެ އިތުރުން ކުރިއަށް އޮތް މަސްތަކުގައި މަހެއްގެ މައްޗަށް ހިނގާ ޚަރަދު 3 ބިލިއަން ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް ވެސް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި ހަނގުރާމައާ ގުޅުންހުރި މައިގަނޑު 4 ދާއިރާއެއް އެ އޮފީހުން ދިރާސާކޮށްފައިވެއެވެ. އޭގެތެރޭގައި ސިފައިންގެ ޢަމަލީ ޙަރަކާތްތަކާއި، ލޮޖިސްޓިކް ބޭނުންތަކާއި، އަދި ހަނގުރާމަ ދެމެހެއްޓުމުގެ ޚަރަދުތަކުގެ އިތުރުން، އިޤްތިޞާދަށް ލިބެމުންދާ ގެއްލުންތަކާއި، މުދަލުގެ އަގުބޮޑުވުމުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތައް ހިމެނެއެވެ.

މީގެއިތުރުން ޑިޕްލޮމެޓިކް ޙަރަކާތްތަކާއި ބޭރުގެ އެހީގެ ދާއިރާއިން އިތުރަށް ހިނގައިދާނެ ޚަރަދުތަކަށް ވެސް މި ދިރާސާގައި ވަނީ ބަލާފައެވެ.

ހިއްސާ ކުރައްވާ!