ގޭގައި ތިބެގެން މަސައްކަތްކުރާ މުވައްޒަފުންގެ އުފެއްދުންތެރިކަން މޮނިޓަރުކުރުމަށްޓަކައި ކޮމްޕިއުޓަރުތަކުގައި ކެމެރާ ހަރުކުރުމަށް ނިންމުމާ ގުޅިގެން، މަޝްހޫރު ޕާސަނަލް އިންޖަރީ ލޯ ފާމެއް ކަމަށްވާ މޯގަން އެންޑް މޯގަންގެ 23 މުވައްޒަފުން ވަޒީފާއިން އިސްތިއުފާދީފިއެވެ. މި މައްސަލައާ ގުޅިގެން މަސައްކަތުގެ މާޙައުލުގައި ފަރުދީ މިނިވަންކަމާއި، ޕްރައިވެސީ އަދި ރިމޯޓްކޮށް މަސައްކަތްކުރުމުގެ އުޞޫލުތަކުގައި ވެރިން މުވައްޒަފުންގެ ބޯކޮޅު ބަލާ މައްސަލައަށް ފޑު ކިޔުން އަމާޒު ވެފައި ވެއެވެ.
މިކަން ހިނގާދިޔަގޮތުގެ މައްޗަށް އަލިއަޅުވާލަމުން އެ ކުންފުނީގެ ފައުންޑަރ އަދި މަޝްހޫރު ބިލިއަނަރު ޖޯން މޯގަން "ދަ އައިސްޑް ކޮފީ އަވަރ" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މި އައު ސިޔާސަތު ތަންފީޒުކުރަން ފެށުމާއެކު، ހަފުތާއެއްގެ ތެރޭގައި 23 މުވައްޒަފުން ވަޒީފާ ދޫކޮށްލާފައިވާ ކަމަށެވެ. މޯގަން ވިދާޅުވިގޮތުގައި، މިފަދަ ފިޔަވަޅެއް އަޅަންޖެހުނީ ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުގެ ޒިންމާދާރުކަން ކަށަވަރުކުރުމަށާއި، މަސައްކަތުގެ ފެންވަރު ދެނެގަތުމަށެވެ.
"އަޅުގަނޑުމެން ނިންމީ ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން، ނަމަވެސް ކޮމްޕިއުޓަރުގައި ކެމެރާއެއް ހަރުކުރުމަށް،" މޯގަން ވިދާޅުވިއެވެ. އަދި މި ކެމެރާތައް ބޭނުންކުރާނީ ސީދާ މުވައްޒަފުންގެ ހަރަކާތްތަކަށް ސަމާލުކަންދީގެން ބަލަން ނޫން ކަމަށާއި، އޭގެ ބޭނުމަކީ މަސައްކަތުގެ މާޙައުލުގެ ޒިންމާދާރުކަން ދެމެހެއްޓުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މުވައްޒަފުންގެ ފަރާތުން ފެނުނު ހަރުކަށި ރައްދުތަކުން ދައްކުވައިދެނީ ބައެއް މުވައްޒަފުން ރިމޯޓްކޮށް މަސައްކަތްކުރަން ބޭނުންވަނީ މޮނިޓަރިންގ އާއި ޒިންމާދާރުކަން ކުޑަކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުވައްޒަފުން މޮނިޓަރުކުރުމާއި ފަރުދުންގެ ޕްރައިވެސީއާ ދެމެދު ނާޒުކު ތަފާތު ކުރުމެއް ގެންގުޅެން ޖެހޭ ކަމަށް ބުނެއެވެ. ޚާއްސަކޮށް އަމިއްލަ ގޭގައި ތިބެގެން މަސައްކަތްކުރާއިރު، ކެމެރާ ފަދަ ވަސީލަތްތައް ބޭނުންކުރުމަކީ މުވައްޒަފުންގެ ނަފްސާނީ އަދި ފަރުދީ މިނިވަންކަމަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ޤާނޫނީ މާހިރުން ބުނެއެވެ.
މޯގަން އެންޑް މޯގަން އަކީ އެމެރިކާގައި އެންމެ ބޮޑު އެއް ލޯ ފާމް ކަމަށްވާއިރު، އެކުންފުނިތަކާއި މުވައްޒަފުންނާ ދެމެދު އޮންނަ އިތުބާރާމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.







