ދުނިޔެއިން ބޭރުގައިވާ ޖައްވީ ސަރަޙައްދުގައި ހަތިޔާރު ބަހައްޓާފައިވާނެ ކަމަށާއި، އެ ނިޒާމުތަކަކީ ޖައްވުގެ ތެރެއިން އެމެރިކާގެ ސިފައިންނަށް ކުރިމަތިވެދާނެ ނުރައްކާތަކުން ދިފާޢުވުމަށް ޤާބިލު ވަސީލަތްތަކެއް ކަމަށް އެމެރިކާގެ ޖައްވީ ސިފައިން ކަމަށްވާ ޔުނައިޓެޑް ސްޓޭޓްސް ސްޕޭސް ފޯސްއިން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ. މިއީ ދުނިޔޭގެ ބާރުތަކުގެ މެދުގައި ޖައްވީ މައިދާންގައި ބާރުވެރިކަން ހޯދުމުގެ ވާދަވެރިކަން އިތުރުވެފައިވާކަން ހާމަވެގެންދިޔަ މުހިންމު ކަމެއް ކަމަށް ފާހަގަކުރެއެވެ.
ސްޕޭސް ފޯސްގެ ތަރުޖަމާނު ވިދާޅުވިގޮތުގައި، އެމެރިކާއިން ވަނީ ޖައްވުގައި އޮން އޯބިޓް ސްޕޭސް ކޮންޓްރޯލް ހަތިޔާރުތައް ޤާއިމުކޮށްފައެވެ. އަދި މި ވަސީލަތްތަކަކީ ޖޮއިންޓް ފޯސްއަށް ކުރިމަތިވެދާނެ ޢަދާވާތްތެރި ޢަމަލުތަކުން ރައްކާތެރިވުމަށް ފަރުމާކޮށްފައިވާ ނިޒާމުތަކެއް ކަމަށް ބުނެފައިވެއެވެ. މިފަދަ ސްޓްރެޓީޖީ މުހިންމު ވަސީލަތްތަކުގެ ތެރޭގައި ހަމަލާދިނުމާއި ދިފާޢުވުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތްތައް ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ.
ޗައިނާއިން ވަނީ ޖައްވު ހަނގުރާމައިގެ މައިދާނަކަށް ހެދުމާ ދެކޮޅަށް އެމެރިކާއަށް އިންޒާރުދީފައެވެ.
އެމެރިކާއިން 2019 ވަނަ އަހަރު ސްޕޭސް ފޯސް އުފައްދާފައިވަނީ ވާދަވެރި ޤައުމުތަކުގެ ފަރާތުން ކުރިމަތިވަމުންދާ ނުރައްކާތަކަށް ރައްދުދިނުމުގެ ގޮތުންނެވެ. ވޮޝިންޓަނުން ތުހުމަތުކުރާގޮތުގައި ޗައިނާއާއި ރަޝިޔާއިންދަނީ ޖައްވުގައި ޒަމާނީ ކައުންޓަރ ސްޕޭސް ޤާބިލުކަން އިތުރުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.







