އެމެރިކާގައި ކިޔަވަމުންދާ ބޭރުގެ ދަރިވަރުންނަށް އުދަނގޫވާ ގޮތަށް، ދަރިވަރުންގެ ވިސާގެ މުއްދަތަށް ހަތަރު އަހަރުގެ ލިމިޓެއް ކަނޑައެޅުމަށް ޓްރަމްޕް ސަރުކާރުން ގެންގުޅުނު ސިޔާސަތު ވަގުތީ ގޮތުން ހުއްޓުވުމަށް ފެޑެރަލް ފަނޑިޔާރަކު އަމުރުކުރައްވައިފިއެވެ. މި އަމުރު ނެރުއްވާފައިވަނީ އެ ޤަވާއިދަށް ޢަމަލުކުރަން ފެށުމުގެ އެއް ދުވަސް ކުރިންނެވެ.
މި ޤަވާއިދު ވުޖޫދަށް އައިސްފައިވަނީ ޒަމާނުއްސުރެ ޢަމަލުކުރަމުން އަންނަ "ޑިއުރޭޝަން އޮފް ސްޓޭޓަސް" ނިޒާމު ބަދަލުކުރުމުގެ މަޤުޞަދުގައެވެ. ކުރީގެ ނިޒާމުގެ ދަށުން ބޭރުގެ ދަރިވަރުންނަށް، ޤާނޫނީ ގޮތުން ހުއްދަކޮށްފައިވާ ތަޢުލީމީ ޕްރޮގްރާމެއްގައި ކިޔަވަމުންދާހާ ހިނދަކު އެމެރިކާގައި ތިބުމުގެ ފުރުޞަތު ލިބިގެންދެއެވެ. ނަމަވެސް، ޓްރަމްޕް ހުށަހެޅި އައު ބަދަލުތަކާ ގުޅިގެން ހަތަރު އަހަރަށްވުރެ ގިނަ ދުވަހު ކިޔަވަންޖެހޭ ދަރިވަރުން އިމިގްރޭޝަން މެދުވެރިކޮށް ޚާއްސަ ހުއްދައަކަށް އެދެންޖެހޭނެއެވެ. މީގެއިތުރުން ޕްރޮގްރާމް ބަދަލުކުރުމާއި، އެއް ޔުނިވަސިޓީން އަނެއް ޔުނެވަސިޓީއަށް ބަދަލުވުމުގައި ވެސް ބޮޑެތި ހުރަސްތަކެއް ކުކުރިމަތިކޮށްފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ފެޑެރަލް ފަނޑިޔާރު އެފް. ޑެނިސް ސޭލޯ ވިދާޅުވީ، ސަރުކާރުން މިފަދަ ޤަވާއިދެއް ގެނައުމަށް ދައްކާފައިވާ ސަބަބުތަކަކީ ވަރަށް ބަލިކަށި ސަބަބުތަކެއް ކަމަށެވެ. އަދި މި ޤަވާއިދުގެ ސަބަބުން އެމެރިކާގެ މަތީ ތަޢުލީމުގެ މުއައްސަސާތަކަށާއި އިޤްތިޞާދަށް އަންނާނެ ގެއްލުންތައް ވަރަށް ބޮޑުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބޭރުގެ ދަރިވަރުންނަކީ އެމެރިކާގެ ސައިންސާއި، ޞިއްޙީ ދާއިރާއާއި، ޓެކްނޮލޮޖީގެ ކުރިއެރުމަށް މުހިންމު ޙިއްސާތަކެއް ވެދެމުންދާ ބައެއް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މަތީ ތަޢުލީމދޭ ޖަމުޢިއްޔާތަކާއި މަސައްކަތްތެރިންގެ ޔޫނިއަންތައް ގުޅިގެންނެވެ. އެ ފަރާތްތަކުން ތުހުމަތުކުރާގޮތުގައި ޓްރަމްޕް ގެންނަން އުޅުނު ބަދަލުތަކަކީ ޔުނިވާސިޓީތަކަށް ބޭރުގެ ޤާބިލު ދަރިވަރުން ގެނައުމުގެ މަސައްކަތް ހުއްޓޭނެ ކަންކަމެވެ. ޚާއްސަކޮށް ޕީއެޗްޑީއަށް ކިޔަވާ ކުދިންނަށް މިކަމުގެ ސަބަބުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން މި ސިޔާސަތު ދިފާޢުކުރަމުން ބުނެފައިވަނީ، ބޭރުގެ ބައެއް ފަރާތްތަކުން ވިސާގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް މިފަދަ ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.







