Unsplash by Chris Karidis
Unsplash by Chris Karidis

ޑިޕްލޮމެޓިކް ޒުވާބަށްފަހު ފްރާންސުގެ އައު ސަފީރަށް އެމެރިކާގެ ރުހުން ލިބިއްޖެ

ދެ ޤައުމުގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކަކާ ގުޅިގެން ހަފުތާތަކަކަށް މަޑުޖެހިފައި އޮތުމަށްފަހު، އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ފްރާންސުގެ އައު ސަފީރު މަޤާމާ ޙަވާލުވެވަޑައިގަތުމަށް މަގުފަހިވެއްޖެއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ކަށަވަރުކޮށްދެއްވި ގޮތުގައި، އައު ސަފީރަށް މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ހުއްދަ ޓްރަމްޕް ސަރުކާރުން ވަނީ ދީފައެވެ.

ފްރާންސުގެ ރައީސް އެމެނުއެލް މެކްރޮން، އެމެރިކާއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރެއްގެ ގޮތުގައި ހަމަޖެއްސެވި އޯރްލިއަން ލޮޝޮވަލިއޭގެ ސަފީރުކަމުގެ ރުހުން ދިނުން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ޖުލައި މަހުގެ ފަހުކޮޅު އޮތީ ހިފަހައްޓާފައެވެ. މިއީ ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުމުގައި އުފެދުނު ދެބަސްވުމަކާ ގުޅިގެން އެޅި ފިޔަވަޅެކެވެ. ލޮޝޮވަލިއޭ ކުރިން ހުންނެވީ ފްރާންސުގެ ޚާރިޖީ ވަޒީރުގެ ޗީފް އޮފް ސްޓާފްގެ މަޤާމުގައެވެ.

މި މައްސަލައިގެ ފެށުމަކަށްވީ، އދ. ގެ ޢާންމު މަޖިލީހުގައި އިންސާނީ ޙައްޤުތަކާބެހޭ އިސް އޮފިޝަލެއްގެ ދައުރު ދިގުދަންމާލުމަށް ނެގުނު ވޯޓުންނެވެ. އެ ވޯޓުގައި އެމެރިކާއިން ވަނީ އެކަމާ ދެކޮޅަށް ވޯޓުދިން މަދު ޤައުމުތަކުގެ ތެރޭގައި ހިމެނިފައެވެ. އޭގެ ފަހުން ފްރާންސުގެ ފަރާތުން މީސް މީޑިއާގައި ޢާންމުކުރި ބަޔާނެއްގައި، އެމެރިކާގެ ސިޔާސަތުތަކަށް ފާޑުކިޔުން އަމާޒުކުރުމާ ގުޅިގެން ދެ ޤައުމުގެ މެދުގައި ނުތަނަވަސްކަން އުފެދުނެވެ. މިކަމުގެ ސަބަބުން އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވެސް ޑިޕްލޮމެޓުންގެ މެދުގައި ޒުވާބެއް ހިނގާފައިވެއެވެ.

ނަމަވެސް، މި ޚިޔާލުތަފާތުވުންތައް ޙައްލުކުރުމަށް ފްރާންސުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އެ ޤައުމުން ވަނީ އެ މައްސަލާގައި އެމެރިކާއާ ވާހަކަ ދައްކާފައެވެ. ފްރާންސުން ބުނިގޮތުގައި، ދެ ޤައުމުގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުމަކީ ހަމައެކަނި ވަކި ވޯޓަކާ ގުޅޭގޮތުން އުފެދުނު ދެބަސްވުމެކެވެ. މިކަން ސާފުކޮށްދިނުމާއެކު، އެމެރިކާ ސަރުކާރުން ވަނީ ސަފީރުގެ ރުހުން ދިނުން ލަސްކުރުމުގެ ކަންކަން ނިމުމަކަށް ގެނެސްފައެވެ.

ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އައު ސަފީރު ވޮޝިންޓަނަށް ވަޑައިގެން ރަސްމީކޮށް މަޤާމާ ޙަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!