އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ޓެކްސަސްގައި ސިފައިންނާ މުޚާތަބު ކުރައްވައި ވިދާޅުވަނީ އޭނާ ދުނިޔެއަށް ފޮނުއްވީ މުސްލިމުންނާ ހަނގުރާމަ ކުރުމަށް ކަމަށެވެ. މީނާ ދައްކާފައިވާ ސޮލީބީ ހައްދުފަހަނައަޅާފައިވާ ވާހަކަތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި ފާޑުކިޔުންތަކުގެ ރާޅެއް އުފެދިއްޖެއެވެ. ހަނގުރާމައާއި އަސްކަރީ ޚިދުމަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ އިންޖީލުގެ ތަންތަނުން ހެކި ދައްކައި އެމެރިކާއަށް ކުރިމަތިވެދާނެ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރަށް ތިބުމަށް ސިފައިންނަށް އިލްތިމާސް ކުރައްވާފައެވެ.
ހެގްސެތުގެ ސޮލީބީ ވާހަކަތައް ވިދާޅުވީ ސިފައިންނާއެކު ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނަކަށް ފަހު "ސެންޑް މީ" ގެ ނަމުގައި ކުރެއްވި ދަތުރުފުޅެއްގައެވެ. އޭނާގެ ތަގުރީރު ފައްޓަވަމުން، ދަތުރުގެ ނަމަށް އިޝާރާތް ކުރައްވައި އިންޖީލުގެ ބައިތައް ނަކަލު ކުރެއްވިއެވެ. \ހެގްސެތު ހާމަކުރެއްވި ގޮތުގައި، އެމެރިކާގެ 250 އަހަރުވީ ތާރީޚުގައި ހަނގުރާމައިގެ މުހިންމު ވަގުތުތަކުގައި އެމެރިކާގެ ގިނަ އަންހެނުންނާއި ފިރިހެނުން ވަނީ ކަނާތު އަތް އުފުލާލައި "ސެންޑް މީ" އޭ ބުނެފައެވެ.
ހެގްސެތު ބުނީ އެމެރިކާގެ މިނިވަންކަމުގެ ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ސިފައިންނަށް އިޝާރާތްކޮށް "ރެޑްކޯޓްތަކާ ހަނގުރާމަ ކުރަން އަހަރެން ފޮނުވާ" އޭ ބުނި ފަދައިން، އޭގެ ފަހުން "ކޮމިއުނިސްޓުންނާއި މުސްލިމުންނާ ހަނގުރާމަ ކުރަން އަހަރެން ފޮނުވާށޭ" ބުނެ އެމެރިކާ ސިފައިން ގޮވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ޓެކްސަސްގެ ސިފައިން ކުރީ ސަފުގައި ތިބުމަކީ އެމެރިކާގެ ޖުމްހޫރިއްޔާ ދެމިއޮތުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، "އަމިއްލަ ނަފްސަށް ވުރެ ބޮޑު" ކޮށް ގައުމަށް ޚިދުމަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ. ހެގްސެތު ފާހަގަކުރެއްވި ގޮތުގައި މުސްލިމުންނާ ހަނގުރާމަ ކުރުމަކީ މިއީ ސިޔާސީ ޕާޓީއަކާއި ނުވަތަ ވަކި ފިކުރަކާ ގުޅިފައިވާ މައްސަލައެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ މިނިވަންކަމުގެ އިއުލާނާއި، ގާނޫނު އަސާސީއާއި، ސޮލީބީ އުސޫލުތައް ދިފާއުކުރުމަށް ސިފައިން ކުރާ ހުވައާ ގުޅޭ މައްސަލައެކެވެ.
ހެގްސެތުގެ ވާހަކަފުޅަށް އެމެރިކާގެ އެކްޓިވިސްޓުންނާއި ބްލޮގަރުން ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާއިރު، ގިނަ ބަޔަކު ފޯކަސްކުރީ ސޮލީބީ ހަނގުރާމައަކަށް ދައުވަތު ދިނުމަށް ދީނީ ވާހަކަތައް އޭނާ ބޭނުންކުރުމުންނެވެ.
އެކްޓިވިސްޓް ޖޭރެޑް ޝޯލްޓޭ ހެގްސެތުގެ ވާހަކަތައް ސިފަކުރީ "ނަފްރަތު އުފައްދަނިވި" ކަމެއްގެ ގޮތުގައެވެ. އަދި "އަހަރެން ފޮނުވާ" މި އިބާރާތަށް އެހެން އެކްޓިވިސްޓުން ވެސް މަލާމާތް ކުރިއެވެ.
އެއް ބްލޮގަރަކު "ސެންޑް މީ ޓު ދަ ހޭގް" (އަހަރެން ހޭގްގެ ބައިނަލްއަގްވާމީ ކޯޓަށް ފޮނުވާ) އޭ ލިޔެ އެމެރިކާގެ ހަނގުރާމައިގެ ޖަރީމާތަކަށް އިޝަރާތް ކުރިއެވެ. އަނެއް ބަޔަކު ތުހުމަތުކުރީ ދީނީ ބަސްމަގު ބޭނުންކޮށްގެން އޭނާ ވަކާލާތު ކުރައްވަނީ ސޮލީބީ ހަނގުރާމަ އަކަށް ކަމަށެވެ.
އިސްރާއީލާ މެދު އެމެރިކާގެ ސިޔާސަތަށް މި ބަސްމަގުގެ ސަބަބުން ކުރާނެ އަސަރުތަކާމެދުވެސް ފާޑުކިޔުންތައް އަމާޒުވިއެވެ. އެކްޓިވިސްޓުން ލިޔެފައިވަނީ: "އަހަރެމެން އިސްރާއީލަށްޓަކައި މަރުނުވާނެ، އަދި އެކަމަށްޓަކައި ހަނގުރާމައެއްވެސް ނުކުރާނަން" ކަމަށެވެ.
އެއް ކޮމެންޓަރަކު ބުނީ ހެގްސެތުގެ ބަދަލުގައި ފްރަންޓް ލައިންގައި ހުންނަން ތައްޔާރަށް ހުރި ކަމަށާއި ނަމަވެސް "އިސްރާއީލުގެ ހައްގުގައި ކުޑަކުދިން އަލިފާންގަނޑެއްގެ ތެރެއަށް ވައްޓާލާތަން" ދެކެން ދެކޮޅު ހަދާ ކަމަށެވެ.
އަދި ސިފައިންގެ ބަދަލުގައި ބިލިއަނަރުން ކުރީ ސަފުތަކަށް ނުފޮނުވަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، ހެގްސެތު އާންމުންގެ ފަރާތުން ގުރުބާނީއަށް ގޮވާލެއްވި ގޮވާލެއްވުމަށް މީޙުން މަލާމާތް ކޮށްފައިވެއެވެ. މީގެ އިތުރުން، ބްލޮގަރުން ވަނީ 2024 ވަނަ އަހަރު ހެގްސެތު ދެއްކެވި އިސްލާމްދީނާ ދެކޮޅުވެރި ވާހަކަތައް އަލުން ދައުރުކޮށް، އޭނާގެ މިހާރުގެ ވާހަކަތަކާ އަޅާކިޔާފައެވެ.





