ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ކަމަށްވާ "އެސްސެވަން" އިން އަންނަ މަހުގެ 30 ވަނަ ދުވަހު ރާއްޖެއަށް އެއާލައިންގެ ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މިއީ ރަޝިޔާގެ ވެރިރަށް މޮސްކޯ ފިޔަވައި އެ ޤައުމުގެ އެހެން ސަރަޙައްދަކުން ރާއްޖެއަށް އެއާލައިނުން ސީދާ ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދޭ ގޮތުގައި، އެސްސެވަން އެއާލައިނުން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ރަޝިޔާގެ ނޯވޯސިބިއެސްކްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މި ދަތުރުތައް ހަފުތާއަކު ދެ ދުވަހު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ހޯމަ ދުވަހަކާއި ހުކުރު ދުވަހަކުއެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ 320 މަރުކާގެ ބޯޓުފަހަރެވެ.
މި ދަތުރުތަކާ ގުޅިގެން ރަޝިޔާގެ މަޝްހޫރު ޓުއާ އޮޕަރޭޓަރު "ޓެޒް ޓުއާ" އިން ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްސަ ޕެކޭޖުތަކެއް ވިއްކަން ފަށާފައެވެ. އެގޮތުން ކުރީބައިގައި ބުކިން ހަދާ ފަރާތްތަކަށް އެކޮމޮޑޭޝަނުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އެސްސެވަން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް މަގުފަހިވެގެންދިޔައީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ރަޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުގައެވެ. މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ، މިއަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި އިތުރު 7 އެއާލައިނަކުން ރާއްޖެއަށް އަލަށް ދަތުރުތައް ފަށާނެ ކަމަށެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓު ފުޅާކޮށް، ވަކިން ޚާއްސަކޮށް ރަޝިޔާގެ ތަފާތު ސަރަޙައްދުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ރަޝިޔާއަކީ މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ސަރުކާރުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް 222,796 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 14.7 އިންސައްތައެވެ.
ނޯވޯސިބިއެސްކް ފަދަ ސައިބީރިއާ ސަރަޙައްދުގެ ބޮޑު ސިޓީއަކުން ސީދާ ދަތުރުތައް ފެށުމާއެކު، މޮސްކޯއަށް ދާންނުޖެހި އެ ސަރަޙައްދުގެ ފަތުރުވެރިންނަށް ރާއްޖޭއަށް އައުމަށް ބޮޑު ލުޔެއް ލިބި، ރަޝިޔާ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރަށް މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.



