ރަޝިޔާގެ ރައްޔިތުން އީރާނަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފި

އީރާނާ އެމެރިކާގެ ޢަސްކަރީ ކުރިމަތިލުމެއްގެ ނުރައްކާ ބޮޑުވަމުންދާތީ، ރަޝިޔާގެ ރައްޔިތުން ވަގުތީ ގޮތުން އީރާނަށް ދަތުރުނުކުރުމަށް ރަޝިޔާގެ ޚާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ. މި އިލްތިމާސް ނެރެފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި މިސައިލް ނިޒާމުތައް އަލުން ބިނާކުރުމުގެ މަސައްކަތްތަކާ ގުޅިގެން، އެޤައުމަށް ޙަމަލާދިނުމާމެދު ވައިޓް ހައުސްއިން ނިންމުމެއް ނިންމުމާ ގާތަށް ގޮސްފައިވާ ކަމުގެ ރިޕޯޓުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒާޚާރޯވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އީރާނުގެ މަސްރަހު އިތުރަށް ގޯސްވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭތީ، އެޤައުމުގެ މަސްރަހު ހަމައަކަށް އެޅެންދެން ރަޝިޔާގެ ރައްޔިތުން އީރާނަށް ދަތުރުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އިރުޝާދު ދެއްވާ ކަމަށެވެ. އަދި މިވަގުތު އީރާނުގައި ތިބި ރަޝިޔާގެ ރައްޔިތުންވެސް ސަމާލުވެ، މީހުން އެއްވެ އުޅޭ ސަރަޙައްދުތަކާއި ސިފައިންގެ އިދާރާތަކާއި ސަރުކާރުގެ މުހިންމު ބިނާތަކާ ދުރުގައި ތިބުމަށް އެދިވަޑައިގެންނެވިއެވެ.

މޮސްކޯއިން ވަނީ އީރާނާ ދެކޮޅަށް އަލުން ޢަސްކަރީ ފިޔަވަޅުތަކެއް އަޅައިފިނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަޙައްދަށް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ރަޝިޔާގެ ޚާރިޖިއްޔާއިން ފާހަގަކުރި ގޮތުގައި، ޢަސްކަރީ ބާރުގެ ބޭނުންކޮށްގެން އީރާނުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމަށް އެޤައުމުން ކުރާ މަސައްކަތްތަކެއް ނުހުއްޓުވޭނެއެވެ.

ހިއްސާ ކުރައްވާ!