އެމެރިކާގެ ދައުރުގެ މެދު ތެރޭ އިންތިޚާބުގައި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ހޯދި ނަމަވެސް، އެމެރިކާގެ ޚާރިޖީ ސިޔާސަތަށް އަދި އީރާނާމެދު ގެންގުޅޭ ޢުދުވާނީ އުސޫލުތަކަށް އެއްވެސް ބަދަލެއް އަންނާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށް އީރާނުގެ އިމާމް އާޔަތުﷲ މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ނަތީޖާއަށްފަހު އަމިއްލަ ވެބްސައިޓުގައި ޝާއިއުކުރެއްވި ބަޔާނެއްގައި ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ ސިޔާސީ ޕާޓީތަކަށް ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތަށް އަންނަ ބަދަލަކުން އެ ޤައުމުގެ އިސްތިއުމާރީ ސިޔާސަތު ބަދަލުވާނެ ކަމަށް އުއްމީދުކުރުމަކީ ބޮޑު ކުށްހީއެއް ކަމަށެވެ. އަދި އެމެރިކާއަށް ދީލައިލައިގެން އީރާނުގެ މައްޗަށް އޮތް ޢުދުވާނީ ނުފޫޒު ކުޑަކުރެވިދާނެ ކަމަށް ވިސްނުމަކީވެސް ޙަޤީޤަތާ ޚިލާފް ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިއީ ފެބްރުއަރީ 28 ގައި ފެށި ސޮލީބީ ހަނގުރާމައަށްފަހު، މާރިޗު މަހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އާންމުންގެ ކުރިމައްޗަށް ނުނުކުމެ ހުންނެވި ޚާމަނާއީ ދެއްވި ވަރުގަދަ މެސެޖެކެވެ.
އެމެރިކާގައި އިންތިޚާބުގައި ޑިމޮކްރެޓުން ވަނީ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ކަށަވަރުކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ދީފައެވެ. މިއީ ތެލުގެ އަގު އުފުލުމާއި، އިންފްލޭޝަންގެ މައްސަލަތަކުގެ އިތުރުން އީރާނާއެކު ހިނގަމުންދާ ހަނގުރާމައާމެދު އާންމު ރައްޔިތުންގެ މެދުގައި އޮތް ނުރުހުން ހާމަވެގެންދިޔަ ނިންމުމެކެވެ.
ޚާމަނާއީގެ މި ބަޔާން އައިސްފައިވަނީ ހަނގުރާމަ އަލުން ފެށިދާނެ ކަމުގެ އިންޒާރުތައް އެމެރިކާއާއި އިސްރާއީލުން ދެމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން އަލުން ހަމަލާ ދީފިނަމަ ހަނގުރާމައިގެ ދާއިރާ މުޅި ސަރަހައްދަށް ފުޅާވެގެންދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.





