އެމެރިކާގެ އިންތިޚާބުގެ ސުނާމީގެ މޭސްތިރިއަކީ މިއީ!

އެމެރިކާގެ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ހޯދި ތާރީޚީ އަދި ބޮޑު ކާމިޔާބީއާއެކު ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު އެ ޕާޓީން ކަށަވަރުކުރުމުގެ އެންމެ އިސް 'އިންޖިނިއަރަކީ' ނިއުޔޯކް ސިޓީގެ މޭޔަރު ޒުހްރާން މަމްދާނީ ކަމަށް ސިޔާސީ މުޙައްލިލުންނާއި ޕާޓީގެ އެކްޓިވިސްޓުން ބުނަން ފަށައިފިއެވެ.

އިންތިޚާބުގެ ނަތީޖާއަށްފަހު އާންމުވި 'ސުނާމީ' އާ ގުޅިގެން ޑިމޮކްރެޓިކް ސަޕޯޓަރުންގެ މެދުގައި ބޮޑު އުފާވެރިކަމެއް އުފެދިފައިވާއިރު، މަމްދާނީ ވަނީ މި ކާމިޔާބީގެ އެންމެ ކުރީ ސަފުން ޖާގަ ހޯއްދަވާފައެވެ. ސިޔާސީ މާހިރުން ފާހަގަކުރާ ގޮތުގައި، ޑިމޮކްރެޓިކް ޕާޓީން އާންމު ރައްޔިތުންނާއި މަސައްކަތްތެރިންގެ ކަންބޮޑުވުންތަކާ ދުރުވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަލުން އެމީހުންގެ ޙައްޤުގައި ވަކާލާތުކުރާ ޕާޓީއަކަށް ހެދުމުގައި މަމްދާނީ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މަމްދާނީގެ ކެމްޕޭނާއި ސިޔާސީ ޚިތާބު މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ސީދާ އަސަރުކުރާ އަސާސީ ކަންކަމަށެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމާއި، ގެދޮރުގެ ކުލި ކުޑަ ކުރުމާއި، އާންމު ދަތުރުފަތުރުގެ ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ އިތުރުން ކުޑަކުދިން ބެލެހެއްޓުމުގެ ޚަރަދުތަކަށް ލުއިގޮތްތަކެއް ހޯދައިދިނުން ހިމެނެއެވެ. މި އަމަލީ ސިޔާސަތުތަކުގެ ސަބަބުން، ޚާއްސަކޮށް ޒުވާނުންނާއި މަސައްކަތްތެރި ފަންތީގެ މީހުންގެ އިޢުތިބާރު ޑިމޮކްރެޓިކް ޕާޓީއަށް އަލުން ލިބިގެންދިޔައެވެ.

އޭނާގެ ދީނަށާއި ނަސްލަށް އަމާޒުކޮށް ރިޕަބްލިކަން ޕާޓީގެ ފަރާތުން ނަސްލީ އަދި އިސްލާމޯފޯބިއާގެ ހަރުކަށި ހަމަލާތަކެއް ކުރިމަތިވި ނަމަވެސް، މަމްދާނީ ވަނީ އެފަދަ ސިޔާސީ ބަހުސްތަކުގެ ތެރެއަށް ވެއްޓުނުނުދީ، އާންމުންގެ އިޤްތިޞާދީ މައްސަލަތަކަށް އިސްކަންދެއްވާފައެވެ.

ޑިމޮކްރެޓިކް ޕާޓީގެ އެކްޓިވިސްޓުން ބުނާ ގޮތުގައި، މަމްދާނީގެ މި ސްޓްރެޓެޖީ ގެ ސަބަބުން ޕާޓީއަށް ވަނީ އާ ދިރުމަކާއި ސާފު ސިޔާސީ މިސްރާބެއް ލިބިފައެވެ.

މީގެ އިތުރުން، މަމްދާނީ ވަނީ ސިޔާސީ ވާދަވެރިންނަށް ފާޑުކިޔުމުގެ ބަދަލުގައި، ނިއުޔޯކް ސިޓީގެ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، މަޝްރޫޢުތައް އަވަސްކުރުމުގެ މަސައްކަތް ކުރައްވާފައެވެ. އޭނާގެ އިސްކަމަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ނުވަތަ އިސްރާއީލުގެ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގައި، ސީދާ ނިއުޔޯކް ސިޓީގެ ޚިދުމަތްތައް ރަނގަޅުކުރުން ކަމަށް އޭނާގެ ތާއީދުކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ނަމަވެސް، ސިޔާސީ ބައެއް މުޙައްލިލުން ބުނާ ގޮތުގައި، ޑިމޮކްރެޓުން ހޯދި މި ބޮޑު ކާމިޔާބީއަކީ ހަމައެކަނި މަމްދާނީގެ މަސައްކަތެއް ނޫނެވެ. ރިޕަބްލިކަން ޕާޓީގެ އާންމު ސަޕޯޓަރުންގެ މެދުގައި އުފެދުނު ނުރުހުމާއި މާޔޫސްކަމަކީވެސް މި ނަތީޖާއަށް މަގުފަހިވި މުހިންމު ސަބަބެކެވެ. ރައީސް ޓްރަމްޕް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދެވުމާއި، ބޭކާރު ހަނގުރާމަތަކަށް ޚަރަދުކުރުމާއި، ނަސްލުނައްތާލުމުގެ ސިޔާސަތުތަކަށް ތާއީދުކުރުމުގެ ސަބަބުން ރިޕަބްލިކަން ވޯޓަރުން ވަނީ ވޯޓުނުދީ ތިބެގެން ނުވަތަ ޑިމޮކްރެޓުންނަށް ވޯޓުދީގެން ޕާޓީއަށް އަދަބުދީފައެވެ.

ހިއްސާ ކުރައްވާ!