ތުރުކީ، ސަޢުދީ ޢަރަބިއްޔާ އަދި ޕާކިސްތާނުގެ މެދުގައި އެކުލަވާލާފައިވާ "މައްކާ ދިފާޢީ އެއްބަސްވުމުގެ" ފުރަތަމަ މާއްދާ ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުން މިއަދު ދިގުކޮށް ބަހުސް ކުރުމަށް ފަހު ފާސްކޮށްފިއެވެ. މި މުއާހަދާއަކީ ސަރަޙައްދީ ސަލާމަތާއި ދިފާޢީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ތިން ޤައުމުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.
ޖުމްލަ 16 މާއްދާގެ މައްޗަށް އެކުލެވިގެންވާ މި އެއްބަސްވުމުގެ ފުރަތަމަ މާއްދާ ފާސްކުރުމާއެކު، ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ބޯޑަރުތަކުގެ ރައްކާތެރިކަމާއި ސިޔާދަތާއި، މިނިވަންކަން ދިފާޢުކުރުމަށްޓަކައި އެކުވެރިކަމާއެކު އެއްބާރުލުން ދިނުމަށް ތިން ޤައުމަށް ޤާނޫނީގޮތުން ލާޒިމުކުރެއެވެ. އަދި އެއިން ކޮންމެ ޤައުމެއްގެ އިސްތިޤުލާލަށް ކުރިމަތިވާ ކޮންމެ ނުރައްކަލެއް ނައްތާލުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގުޅިގެން ބޭނުންކުރުމަށް މި މާއްދާގައި ބަޔާންކޮށްފައިވެއެވެ.
މި އެއްބަސްވުމުގެ ދެވަނަ މާއްދާގައިވާ ގޮތުން، ބޭރުގެ އެއްވެސް ބާރަކުން މިއިން އިއްތިޙާދީ ޤައުމަކަށް ދޭ ކޮންމެ ޢުދުވާނީ ހަމަލާއެއް ބެލެވޭނީ މުޅި އިއްތިޙާދަށް ދެވޭ ހަމަލާއެއްގެ ގޮތުގައެވެ. އދ ގެ ޗާޓަރުގެ 51 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަމިއްލަ ދިފާޢުގެ ޙައްޤުގެ ދަށުން، ހަމަލާ ރައްދުވާ ޤައުމަށް ސިފައިންގެ އެހީތެރިކަމާއެކު ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުން މި އެއްބަސްވުމުން ކަށަވަރުކޮށްދެއެވެ.
މީގެއިތުރުން، ދިފާޢީ ޞިނާޢަތްތަކާއި ސަލާމަތީ ކަންކަމުގައި ގާތް ގުޅުމެއް ބެއްވުމަށާއި، ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށް މި އެއްބަސްވުމުގައި ބާރުއަޅައެވެ. އަދި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ގުޅިގެން ތަމްރީނުތަކާއި ތަމްރީނު ބައްދަލުވުންތައް ހިންގުމާއި، ސިއްރު މައުލޫމާތު ބަދަލުކުރުމުގެ އިތުރުން ހަތިޔާރާއި އާލާތްތައް ފޯރުކޮށްދިނުމުގެ ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ދިފާޢީ އިންތިޒާމުގެ ތެރޭގައި ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން "ޕޮލިޓިކަލް އެންޑް ޑިފެންސް ސްޓްރެޓެޖީ ކޮމިޓީ" ގެ ނަމުގައި ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮމިޓީގައި ހިމެނޭނީ ތިން ޤައުމުގެ ޚާރިޖީ ވަޒީރުންނާއި، ދިފާޢީ ވަޒީރުންގެ އިތުރުން ސިފައިންގެ އިސް ވެރިންނެވެ. މިއިއްތިހާދުގެ ސެކްރެޓަރީ ޖެނެރަލްގެ އޮފީސް ސަޢުދީ ޢަރަބިއްޔާގައި ޤާއިމުކުރާ އިރު، ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގެ ރައްޔިތެކެވެ.
މިދިޔަ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ސަޢުދީ އަރަބިއްޔާގެ މައްކާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި "މައްކާ ދިފާޢީ އެއްބަސްވުމުގައި" ސޮއިކުރެއްވީ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު ޢުރުދުޣާން، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފް އަދި ސަޢުދީ އަރަބިއްޔާގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން އެވެ. މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ސަރަޙައްދީ މައްސަލަތަކަށް ސަރަޙައްދީ ޙައްލުތަކެއް ހޯދުމާއި، ތިން ޤައުމުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ދިފާޢީ ބާރުވެރިކަން ވަރުގަދަކުރުމެވެ.





