ހޫޘީންގެ ހަމަލާތައް ހުއްޓާލުމަށް 51 ބިލިއަން ޑޮލަރަށް އެދިއްޖެ

ޔަމަނުގެ ޙޫޘީ ޖަމާޢަތުން ސަޢުދީ އަރަބިއްޔާއަށާއި ތެޔޮ އުފުލާ އުޅަނދުފަހަރަށް ދެމުންދާ ހަމަލާތައް ހުއްޓާލައި ސުލްޙަވުމުގެ ބަދަލެއްގެ ގޮތުން، 51 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ ބަދަލަކާއި ޔަމަނުގެ ޝަރުޢީ ވެރިންގެ ގޮތުގައި އެޖަމާޢަތް ބަލައިގަތުމަށް ޝަރުޠުކޮށްފިއެވެ.

ހޫޘީންގެ މި އެދުމަކީ ހަމައެކަނި މާލީ ބަދަލެއް ނޫނެވެ. މިއީ ސަޢުދީ އަރަބިއްޔާގެ ދެކުނު ބޯޑަރުގައި އީރާނާ ގުޅުންހުރި ހަތިޔާރުއެޅި ޖަމާޢަތެއްގެ ފުރިހަމަ ބާރު ޤާއިމުވެފައިވާކަން ރަސްމީކޮށް ބަލައިގަތުމެވެ. މިއީ ސަޢުދީން ޤަބޫލުކުރަން އެންމެ ދަތިވާނެ ނިންމުމެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޫޘީން ބުނެފައިވަނީ މި ފައިސާއަކީ ވޭތުވެދިޔަ އަހަރުތަކުގައި ސަޢުދީން ދިން ވައިގެ ހަމަލާތަކާއި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްޔިތުންނަށްޓަކައި ހޯދާ ބަދަލެކެވެ.

ޔަމަނުގެ ޙާލަތު އިތުރަށް ގޯސްވަމުންދާއިރު، ހޫޘީ ހަނގުރާމަވެރިން ވަނީ ޔަމަނުގެ ސަރަޙައްދުތަކަށް އަތްގަދަކޮށް، ސަޢުދީން ތާޢީދުކުރާ ޔަމަނުގެ ސަރުކާރު ޤާއިމުވެފައިވާ ދެކުނުގެ ބަނދަރުމަތީ ރަށް ކަމަށްވާ އަދަންއާ 50 މޭލު ގާތަށް ފޯރާފައެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން ހޫޘީން އަދަންއާ އެންމެ ކައިރިވި ފަހަރެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައި ހޫޘީން ވަނީ ސަޢުދީގެ އެއާޕޯޓްތަކަށާއި، ސަޢުދީ އަރަމްކޯގެ ތެޔޮ ކާރުޚާނާތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުތައް ކެންސަލްކުރަންޖެހި، ވައިގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. މިއީ ބޭރުގެ އިންވެސްޓްމަންޓްތަކާއި ފަތުރުވެރިކަމަށް ދޮރުތައް ހުޅުވާލަން މަސައްކަތްކުރާ ސަޢުދީއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

ސަޢުދީ ސިފައިންގެ ވައިގެ ހަމަލާތަކުން ހޫޘީން ފަހަތަށް ޖެއްސިފައިނުވާއިރު، އެއްގަމު ސިފައިން ފޮނުވައިގެން ހަނގުރާމަކުރުމަކީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ. މީގެއިތުރުން، ކުރިން ސަޢުދީއާ އެކު އުޅުނު އެކުވެރި ޔޫއޭއީން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހޫޘީންނާ ދެކޮޅު އިއްތިޙާދުން ވަކިވެފައެވެ.

އައު އަސްކަރީ އެކުވެރިން ހޯދުމުގެ ގޮތުން ސަޢުދީން ތުރުކީއާއި ޕާކިސްތާނާއެކު ވެފައިވާ މައްކާ އެއްބަސްވުމުގެ ދަށުން، އެއް ޤައުމަކަށް ދޭ ހަމަލާއަކީ މުޅި އިއްތިޙާދަށް ދޭ ހަމަލާއެއްގެ ގޮތުގައި ބެލިނަމަވެސް، އެ އިއްތިހާދުން ހޫޘީންނާ ދެކޮޅަށް ސިފައިން ފޮނުވުމަށް އެ ޤައުމުތަކުން ތިބީ އަދި ތައްޔާރަކަށް ނޫނެވެ.

  • ތުރުކީގެ ޕާލަމެންޓުން މި އެއްބަސްވުން އަދި ތަޞްދީޤުކޮށްފައި ނުވެއެވެ.
  • ޕާކިސްތާނުން ވަނީ ޔަމަން ތެރެއަށް އުދުވާނީ ހަމަލާތައް ދިނުމަށް ދެކޮޅުހަދާފައެވެ.
  • މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު އަލްސީސީވެސް ވަނީ އެޤައުމުގެ ސިފައިންގެ ދައުރަކީ ހަމައެކަނި ދިފާޢީ ދައުރެއް ކަމަށް ވިދާޅުވެފައެވެ.
  • އެމެރިކާއިންވެސް ވަނީ ސަޢުދީގެ އައު ހަނގުރާމައެއްގައި ބައިވެރިވުމަށް އިންކާރުކޮށްފައެވެ.

ޔަމަނުގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ހޫޘީންގެ މި މާލީ ޝަރުޠުތަކަށް ސަޢުދީން އެއްބަސްވެއްޖެނަމަ، އެއީ ނުރައްކާތެރި އުޞޫލެއް ޤާއިމުވެގެންދާނެ ކަމެކެވެ. އިތުރު ފައިސާއާއި ސިޔާސީ ދޫދިނުންތައް ހޯދުމަށްޓަކައި ހޫޘީން ކޮންމެ ވަގުތެއްގައިވެސް އަލުން ޢަސްކަރީ ހަމަލާތައް ފަށައިފާނެއެވެ.

ހިއްސާ ކުރައްވާ!