ސަޢުދީ އަރަބިއްޔާގެ ފިލްމެއް ހޮލީވުޑް ފިލްމު ފެސްޓިވަލްގައި ދައްކަން ނިންމައިފި

އޮސްކާ އެވޯޑަށް ސަޢުދީ އަރަބިއްޔާގެ ފަރާތުން ހުށަހެޅުމަށް ނިންމާފައިވާ ފުރަތަމަ ފީޗަރ ފިލްމު، "މައްސަލަތު ޙަޔާތު ޢައު މައުތު" (އެ މެޓަރ އޮފް ލައިފް އެންޑް ޑެތު) އެމެރިކާގެ ލޮސް އެންޖެލިސުގައި ބާއްވާ ހޮލީވުޑް ޢަރަބި ފިލްމު ފެސްޓިވަލްގައި ނޮވެންބަރު 8 ވަނަ ދުވަހު ދެއްކުމަށް ނިންމނައިފިއެވެ.

ލޮސް އެންޖެލިސުގެ ކުލްވަރ ތިއޭޓަރުގައި އޮންނަ ފިލްމު ދެއްކުމުގެ ރަސްމިއްޔާތަށްފ، ޕްރޮޑިއުސަރުންނާއި ފަންނާނުން ބައިވެރިވެވަޑައިގަންނަވާ ޕެނަލް ޑިސްކަޝަންއެއް ވެސް އޮންނާނެއެވެ. މި ފިލްމު އުފެއްދުމުގައި އިސްކޮށް އުޅުއްވި ޤާހިރާގެ "ފިލްމު ކްލިނިކް" ގެ ފަރާތުން މިޞްރުގެ މަޝްހޫރު ޕްރޮޑިއުސަރު މުޙައްމަދު ޙިފްޡީ މިޕެނަލްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ސަޢުދީ ފިލްމު ކޮމިޝަނުން ވަނީ، އަންނަ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ 99 ވަނަ އޮސްކާ އެވޯޑުގެ ބެސްޓް އިންޓަރނޭޞަނަލް ފީޗަރ ފިލްމު ކެޓަގަރީއަށް ރަސްމީކޮށް މި ފިލްމު ހުށަހަޅާފައެވެ. މިއީ ސަޢުދީ އަރަބިއްޔާގެ ސިނަމާގެ ތާރީޚުގައި އޮސްކާއަށް ފިލްމެއް ނޮމިނޭޓްކުރުމަށް ހުށަހެޅޭ ފުރަތަމަ ފަހަރެވެ.

ޒުވާން ޑައިރެކްޓަރު އަނަސް ބާޠަޙާފް ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ މައިގަނޑު މަންޒަރުތައް ނަގާފައިވަނީ ސަޢުދީ އަރަބިއްޔާގެ ޖިއްދާގައެވެ. ކޮމީޑީއާއި ލޯބީގެ ވާހަކަތައް ހިމެނޭ މި ފިލްމުގައި ކިޔައިދެނީ އުމުރުން 29 އަހަރުގެ "ޙަޔާތު" ކިޔާ ޒުވާން އަންހެނަކު އޭނާގެ އުމުރުން 30 އަހަރު ފުރޭ ދުވަހު އާއިލަށް ލައިގަންނަ ކަމެއްގެ ސަބަބުން މަރުވެދާނެ ކަމަށް ބިރުގަނެ، އެކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކެވެ. ޙަޔާތުގެ ރޯލު ކުޅެނީ މަޝްހޫރު ބަތަލާ ސާރާ ޠައިބާއެވެ. އަދި އޭނާއާ އެކު، ހިތުގެ ޑޮކްޓަރެއްގެ ރޯލުން ފެނިގެންދަނީ ސަޢުދީ ފަންނާނު ޔަޢުޤޫބު އަލްފަރުޙާނެވެ.

މި ފިލްމުގެ ވޯލްޑް ޕްރިމިއަރ ދައްކާ ފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ރެޑްސީ ބައިނަލްއަޤްވާމީ ފިލްމު ފެސްޓިވަލްގައެވެ. އޭގެފަހުން މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ސަޢުދީ ސިނަމާތަކުގައި މި ފިލްމު އެޅުވިއެވެ. އަދި ދަހްރާންގައި ބޭއްވި ސަޢުދީ ފިލްމު ފެސްޓިވަލުން ޚާއްސަ ފާހަގަކުރުމެއް ލިބި، ސާރާ ޠައިބާއަށް ވަނީ އެންމެ މޮޅު އެކްޓްރެސްގެ ގޯލްޑަން ޕާމް އެވޯޑު ލިބިފައެވެ.

ސްއިޑަނުގެ މަލްމޯ ޢަރަބި ފިލްމު ފެސްޓިވަލާއި، ނިއުޔޯކުގެ ޖޭކަބް ބާންސް ފިލްމު ސެންޓަރުގައި ވެސް ދެއްކި މި ފިލްމު، މިހާރު "ޝާހިދު" ޑިޖިޓަލް ޕްލެޓްފޯމުން ވެސް ބެލޭނެއެވެ.

މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ މުޙައްމަދު ޙިފްޡީގެ އިތުރުން ޖިއަންލޫކާ ޝަކްރާ، ޢަބްދުލްއިލާހު އަލްއަޙްމަރީ އަދި އަޙްމަދު ޠުޢައިމާ އެވެ. އަދި މި މަޝްރޫޢަށް ރެޑްސީ ފަންޑުގެ އެހީތެރިކަން ވެސް ލިބިފައިވެއެވެ.

ހިއްސާ ކުރައްވާ!